އިމާމް ޝަޢުބީ (ރަޙިމަހުﷲ ޢަލައިހި) އަށް ސުވާލެއް ދެންނެވުނެވެ.
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. "އަޅުގަނޑަކަށް ނޭނގެއެވެ."
ދެންނެވުނެވެ. "ކަލޭގެފާނަކީ ޢިރާޤުގެ އެންމެ ބޮޑު މުފްތީއެވެ. އެކަމަކު ތިޔަ ވިދާޅުވަނީ އެނގިވަޑައިނުގަންނަވާ ކަމަށެވެ. ތިޔަހެން ވިދާޅުވާން ލަދުފުޅުގަންނާނެކަން ޔަގީނެވެ."
އެކަލޭގެފާނު ވިދާޅުވިއެވެ.
لاَ عِلْمَ لَناَ إِلاَّ ماَ عَلَّمْتَناَ (البقرة 32)
"އަޅުގަނޑުމެންނަށް އެނގެނީ (ﷲ) އަޅުގަނޑުމެންނަށް އުގަންނަވައިދެއްވި މިންވަރެކެވެ."
ޢަތަބާ ބުނު މުސްލިމް ވިދާޅުވިއެވެ. އަޅުގަނޑު ޢަބްދުﷲ ބުނު ޢުމަރުގެ އަރިހުގައި، އެކަލޭގެފާނުގެ ޚިދުމަތުގައި 34 އަހަރު އުޅުނީމެވެ. އެ ދިގު މުއްދަތުގެ ތެރޭގައި އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ދެންނެވި ވަރަށް ގިނަ މީހުން ގާތު ތިމަންކަލޭގެފާނަށް އެނގިވަޑައެއް ނުގަނެއޭ ވިދާޅުވާ އަޑު އަޅުގަނޑު އެހީމެވެ.
މަޝްހޫރު ތާބިޢީއެއް ކަމަށްވާ ސަޢީދު ބުނު މުސައްޔިބް އަރިހުން ފަތުވާ އަކަށް އެދި ދެންނެވުނީމާ ދުޢާ ކުރައްވައެވެ.
اللَّهُمَّ سَلِّمْنِي وَسَلَّمْ مِنِّي
"އޭ ﷲ އެވެ! ނުބައި ފަތުވާ ދިނުމުން މިއަޅާ ސަލާމަތް ކުރައްވަައިފާނދޭވެ! އަދި މިއަޅާގެ ފުށުން ނުބައި ފަތުވާ ލިބިގަތުމުން މީސްތަކުން ސަލާމަތް ކުރައްވައިފާނދޭވެ!"
އެއް ދުވަހަކު އިމާމް ޝާފިޢީ ރަޙިމަހުﷲ އަރިހުން މައްސަލައެއްގެ ޙައްލަކަށް އެދި ދެންނެވުނީމާ ޖަވާބެއް ނުދެއްވިއެވެ. ސުވާލު ދެންނެވިމީހާ ދެންނެވިއެވެ. "ކަލޭގެފާނު ޖަވާބެއް ނުދެއްވީ ކީއްވެގެންތޯއެވެ؟"
އެކަލޭގެފާނު ވިދާޅުވިއެވެ.
حَتَّى أَدْرِيَ الْفَضْلُ فِي سُكُوْتِي أَوْ فِي الْجَوَابِ
"ރަނގަޅީ އަޅުގަނޑު ޖަވާބު ދިނުންތޯ ނުވަތަ ހަނުހުރުންތޯ ޔަގީން ނުވަނީސް އަޅުގަނޑު ޖަވާބެއް ނުދެމެވެ."
އިބްނު އަބީ ލައިލާ (ރަޙިމަހުﷲ ޢަލައިހި) ވިދާޅުވިއެވެ.
"އަޅުގަނޑު ސަތޭކަ ވިހި އަންޞާރީ ޞަޙާބީން ދުށީމެވެ. އޭގެ ތެރެއިން ބޭކަލަކަށް މީހަކު ސުވާލެއް ދަންނަވައިފި ނަމަ އެހެން ބޭކަލެއްގެ ގާތަށް އެ މީހަކު ފޮނުއްވައެވެ. އެބޭކަލަކު އަނެއްކާ އެހެން ބޭކަލެއްގެ ގާތަށް ފޮނުއްވައެވެ. އެބޭކަލަކު އަނެއްކާ އެހެން ބޭކަލެއްގެ ގާތަށް ފޮނުއްވައެވެ. މިހެން ގޮސް އެމީހާ އެނބުރި ފުރަތަމަ ސުވާލު ދެންނެވުނު ބޭކަލެއްގެ އަރިހަށް އާދެއެވެ."
ޞަޙާބީއަކު ޙަދީޘެއް ބަޔާން ކުރައްވާ ނަމަ ނުވަތަ އެއިން ބޭކަލަކަށް ސުވާލެއް ދެންނެވިއްޖެ ނަމަ، އެހެން ޞަޙާބީއަކު އެ ސުވާލަކަށް ޖަވާބެއް ދެއްވާތޯ މަސައްކަތްޕުޅު ކުރެއްވުމަކީ ކީރިތި ރަސޫލާގެ ޞަޙާބީންގެ އާދަވެގެން ކުރައްވާ ކަމެކެވެ.
އަބުލްޙުސައިން އަޒްދީ ވިދާޅުވިއެވެ.
إِنَّ أَحَدَهُمْ لَيُفْتِي فِي الْمَسْأَ لَةِ لَوْوَرَدَتْ عَلَى عُمَرَ ابْنِ الْخَطَّابِ لَجَمَعَ لَهَا أَهْلَ بَدْرٍ
"މީހުން އެއްވެސް ޖެހިލުމެއް ނެތި މައްސަލައެއްގެ ފަތުވާ ދެއެވެ. އެ މައްސަލައެއް ޢުމަރު ބުނުލް ޚައްޠާބް ރަޟިޔަﷲ ޢަންހު ގެ އަރިހަށް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއްގެ ޖަވާބު ހޯއްދަވަން (އެކަލޭގެފާނު) ބަދުރުގެ އަހުލުވެރީން (ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ހުރިހައި ބޭކަލުން) އެއްކުރައްވައިފާނެއެވެ."
ޤާސިމް ބުނު މުޙައްމަދަށް ސުވާލެއް ދެންނެވުނީމާ އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަ ސުވާލުގެ ޖަވާބު އަޅުގަނޑަކަށް ނޭނގެއެވެ."
ސުވާލު ދެންނެވިމީހާ ދެންނެވިއެވެ. "އަޅުގަނޑު މިއައީ ކަލޭގެފާނުގެ އަރިހަށެވެ. ކަލޭގެފާނު ނޫން މީހަކު އަޅުގަނޑެއް ނުދަންނަމެވެ. އަޅުގަނޑު ޖަވާބެއް ބޭނުމެވެ."
ޤާސިމް ބުނު މުޙައްމަދު ވިދާޅުވިއެވެ. "އަޚާއެވެ! އަޅުގަނޑުގެ ދިގު ތުނބުޅިއަށް ހެއްލިވަޑައިނުގަންނަވާށެވެ! އަދި އަޅުގަނޑުގެ ވަށައިގެން އެނބުރޭ މީހުންގެ ޢަދަދަށް ނުބައްލަވާށެވެ! ﷲ ގަންދީ ދަންނަވަމެވެ! "مَا أُحْسِنُهُ" އަޅުގަނޑަކަށް ރަނގަޅަކަށް ޖަވާބެއް ނޭރުވޭނެއެވެ."
މި ދެންނެވުނު ސުވާލު ދެންނެވިމީހާޔާ ދިމާއަށް ޤުރައިޝްވަންހައިގެ މީހަކު ބުންޏެވެ. "އޭ އަހަރެންގެ ބޮޑުބޭބެގެ ދަރިޔާއެވެ! ޤާސިމްގެ އަރިހުގައި އުޅެވޭތޯ ބަލާށެވެ. އެކަލޭގެފާނު ވަރުގެ ޢިލްމަށް އަރައި ހުންނެވި މޮޅު ބޭކަލަކު މިހާރަކު ނެތެވެ."
ޤާސިމް ވިދާޅުވިއެވެ.
وَاللَّـهِ – لأَنْ يُقْطَعَ لِسَا نِي أَحَبُّ إِلَيَّ مِنْ أَنْ أَتَكَلَّمَ بِمَا لاَ عِلْمَ لِي بِهِ
"ﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑަށް ނޭނގޭ ކަމެއްގެ ވާހަކަ ދެއްކުމަށް ވުރެ އަޅުގަނޑުގެ ދޫ ބުރިވުންވެސް އަޅުގަނޑަށް މާ ހެވެވެ."
އެއް ފަހަރަކު ސަލްމާން ރަޟިޔަﷲ ޢަންހު، އަބުއްދަރްދާއު ރަޟިޔަﷲ ޢަންހަށް ފޮނުއްވި ސިޓީފުޅެއްގައި ލިޔުއްވިއެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކަލޭގެފާނު ބޭސްވެރިއެއްގެ މަސައްކަތް އެބަ ކުރައްވަމުއެވެ. އެހެންވީމާ ހީފުޅަކަށް ބުރަވެވަޑައިގެން ކަންތައްތައް ކުރައްވާ ބޭކަލަކަށް ވެވަޑައިގެންފާނެ ކަމަށް ބިރުފުޅުގަންނާށެވެ! ލިބިވަޑައިގެންފައިވާ ޢިލްމެއްގެ މަދު ކަމުން މުސްލިމަކު ޤަތުލު ކުރެއްވިދާނެތީއެވެ."
މި ސިޓީފުޅަށް ފަހު އަބުއްދަރްދާއު ރަޟިޔަﷲ ޢަންހު، ކަމެއް ނިންމެވުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވެވަޑައިގަނެއެވެ. ވަރަށް ގިނަ ފަހަރު މި ދަންނަވާ ގޮތަށް ހައްދަވައެވެ. އެކަލޭގެފާނުގެ އަރިހަށް މައްސަލައެއް ހުށަހެޅުނީމާ ވަކި ގޮތަކަށް ފައިސަލާ ކުރައްވައި ނިންމަވާފައި ވިދާޅުވެއެވެ. ދެ ޚަސްމުން އަދި ގެންނާށެވެ. އަޅުގަނޑަކީ ކުށް ކުރެވޭ މީހަކީމެވެ. އެ ދެ މީހުން އަލުން ޙާޟިރު ކުރެވުނީމާ އަލުން އެ ދެ މީހުންގެ ވާހަކަ އަޑު އެއްސެވުމަށް ފަހު، ފިކުރު ހިންގަވައި އަލުން ފައިސަލާ ކުރައްވައެވެ.
ﷲ! ﷲ! ނުބައި ފައިސަލާއެއް ކުރެއްވިދާނެތީ އެބޭކަލުން ބިރުފުޅުގަންނަ ވަރު ނިކަން ވިސްނައި ވަޑައިގެން ބައްލަވާށެވެ!
މިޒަމާނުގެ ޢިލްމުވެރިންވެސް މި ފަދަ ވިސްނުންފުޅެއް ގެންގުޅުއްވާނެ ނަމައެވެ! (ތަރުޖަމާއެއް)