ކޮވިޑް-19 ގެ ތިންވަަނަ ރާާޅު 'މައިތިރިކުރުމަށް' 17 ދުވަހުގެ 'ފުރިހަމަ' ލޮކްޑައުނަކަށް ދާން ތުރުކީން ނިންމައިފިއެވެ. މިއަދުން (29 އެޕްރީލުން) ފެށިގެން 17 މޭގެ ނިޔަލަށް ތަންފީޒުކުރާ މި ލޮކްޑައުން ތުރުކީގެ ހުރިހާ ހިސާބެއްގައި ތަންފީޒުކުރާނެއެވެ.
މިއަދު ހަވީރު 5:00 ން (ރާއްޖޭ ގަޑިން ރޭގަނޑު 7:00 ން) ފެށިގެން މޭ މަހުގެ 17 ވަނަ ދުވަހުގެ ފަތިހު 5:00 އަށް (ރާއްޖޭގަޑިން ހެނދުނު 7:00 އަށް) ތަންފީޒުކުރަން ހަމަޖެހިފައިވާ ލޮކްޑައުންގެ އެއް ބޭނުމަކީ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށް ދާ އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ނުދިނުމެވެ.
84 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީގައި ކޮވިޑް-19 ގެ ތިންވަނަ ރާޅާއެކު ދުވަހަކު މަރުވާ މީހުންގެ އަދަދު ވަނީ 350 އަށް އަރާފައެވެ. ކުރީގެ ދެ ރާޅުގެ ތެރޭގައި އަދަދުތައް މިވަރަށް މަތިވެފައި ނުވެއެވެ.
'ފުރިހަމަ' ލޮކްޑައުނަކަށް ދާން ނިންމިއިރު، ތުރުކީގައި އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 40 ހާހަށް އަރާފައެވެ. މިއީ ޔޫރަޕުގައި އިއްޔެ އެންމެ މަތީ އަދަދެވެ. މިއާއެކު، މި ވަބާ ފެށުނު ފަހުން އެ ގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4.75 މިލިއަނަށް އަރާފައެވެ. އަދި ޖުމްލަ 39 ހާސް މީހުން ވަނީ މަރުވެފައެވެ.
"އަހަރުމެން ޖެހޭ ދުވަހަކު (ޕޮޒިޓިވްވާ) މީހުންގެ އަދަދު 5 ހާހަށްވުރެ ދަށްކުރަން." ލޮކްޑައުން ފެށުމުގެ ކުރިން ވާހަކަފުޅުދައްކަމަވަމުން ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވިއެވެ. ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވި ގޮތުގައި، ތުރުކީ "މުޅިން ބަންދުކޮށްލާއިރު" ޒަރޫރީ ސަަބަބެއް ނެތި ގެއިން ބޭރަށް ނުދެވޭނެއެވެ. އަދި ޒަރޫރީ ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތައް ބަންދުކުރެވޭނެއެވެ.
ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުނުކުރެވޭއިރު، އާދީއްތަ ދުވަހު ސުޕަމާޓުތައްވެސް ބަންދުވާނެއެވެ.
ތުރުކީއަށް ޒިޔާރަތްކުރާ ފަތުރުވެރިން ފިޔަވައި އެހެން މީހުންނަށް އެގައުމުގެ 81 ޕްރޮވިންސު ބަންދުކޮށްލެވޭއިރު، މުހިއްމު ދާއިރާތަކުގައި މަސައްކަތްކުރާ ހޮވާލެވޭ ބަޔަކަށް ނޫނީ ބޭރުގައި ނުއުޅެވޭނެއެވެ. އާއްމުންނަށް ގެއިން ބޭރަށް ދާން ހުއްދަދެވޭނީ ޒަަރޫރީ ބޭނުންތަކަށެެވެ. ނުވަތަ ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށެވެ. އެެވެސް ފައިމަގުގަ ހިނގާލާފައި ދެވޭހާ ކައިރީގައި ހުންނަ ފިހާރަތަަކަށެވެ.
ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، އެއްގަމު މަސް ވިއްކާ ތަންތަނާއި، ބޭކަރީތަކާއި، ފޮނިކާ ތަކެތި ވިއްކާ ތަންތަން ހުޅުވުމުގެ ހުއްދަ ދޭއިރު، އެތަންތަންވެސް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 10:00 ން ހަވީރު 5:00 އަށެވެ. ކެއުމުގެ ޚިދުމަތްދޭ ތަންތަނުން ދެވޭނީ ހަމައެކަނި ޑެލިވަރީގެ ޚިދުމަތެވެ.
ހޮސްޕިޓަލްތަކާއި ބޭސް ފިހާރަތައްވެސް ވަނީ ލޮކްޑައުނުން އިސްތިސްނާ ކޮށްފައެވެ.
މި ލޮކްޑައުންއާ ޚިލާފުވާ މީހުން 3150 ތުރުކީ ލީރާ (5937 ދިވެހި ރުފިޔާ) އިން ޖުރްމާނާކުރުމުގެ އިޚްތިޔާރު ވަނީ ފުލުހުންނަށް ދީފައެވެ.