އާފަތިސް ބަދިގެ: ގްރީން ޗިލީ ފްރައިޑް ފިޝް

ފްރައިޑް ފިޝް ނުވަތަ ތެލުލި މަހަކީ ދިވެހިންނަށް ވަރަށް ކަމުދާ އެއްޗެކެވެ. މިފަހަރު މިގެނެސްދެނީ ތަފާތު ގޮތަކަށް މަސް ތެލުލާނެ ގޮތެކެވެ. މިއީ ރޮށްޓާއި އަދި ބަތާއެކު ވެސް ކެވޭނެ ބާވަތެކެވެ. ރޯދަ ވީއްލުމަށާއި ހާރުކެއުމަށް ވެސް ވަރަށް ކަމުދާނެ ބާވަތެކެވެ. 

ބޭނުންވާ ތަކެތި

  • 250 ގްރާމް ރޯމަސް ނުވަތަ އާދައިގެ ރޯމަސްގަނޑެއް
  • ½ ޖޯޑު ގޮދަންފުށް
  • 1 ބިސް
  • 50 ގްރާމް ތޮޅި މިރުސް (ތުނިކޮށް ވަށްކޮށް ކޮށާލައިފައި)
  • 5 ހިކަނދިފަތް (ކުދިކޮށް ކޮށާލައިފައި)
  • 1 މޭޒުމަތީ ސަމުސާ ލޮނު މިރުސް ހަވާދު
  • 1 މޭޒުމަތީ ސަމުސާ ބަޓަރު 
  • 1 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް
  • ރަހަލާވަރަށް ލޮނު

ތައްޔާރު ކުރާނެ ގޮތް

1- މަސްގަނޑު ބޮޑެތިކޮށް ބުރިކޮށްލުމަށްފަހު ތުނިކޮށް ފޮތިފޮއްޗަށް ވާގޮތަށް ކޮށައިލާށެވެ. ދެން ރަނގަޅަށް ލޭ ފިލާވަރަށް ސާފުކޮށް ދޮވެލުމަށްފަހު ޕޭޕަރ ޓަވަލެއްގައި ފަތުރާލައިގެން ފެން ހިއްކައިލާށެވެ.

2- ފުށާއި ބިހާއި ލޮނު މިރުސް ހަވާދު ލޮނު ހެޔޮވަރުކޮށް، އޮލަކޮށް ގިރައިލާށެވެ. ދެން މަސްފޮތިތަކުގެ ދެފަރާތުގައި  ރަނގަޅަށް ފުށްގަނޑު އުނގުޅައިލާށެވެ.

3- ތަވަޔަށް ތެޔޮފޮދާއި ބަޓަރުކޮޅު އަޅައިލުމަށްފަހު މީޑިއަމް ހީޓްގައި ބަހައްޓައިގެން މަސްފޮތިތައް ތަވާގައި ފަތުރައިލުމަށްފަހު އުނދުނުގެ ގިނި މަޑުކޮށްލާށެވެ. 

4- ކޮށައިފައި ހުރި ހިކަނދިފަތާއި ތޮޅި މިރުސްކޮޅު އެއްކޮށްލުމަށްފަހު ތަވާގައި އަތުރާފައި ހުރި މަސްފޮތިތަކުގެ މަތީގައި މަސްގަނޑު ފޮރުވޭވަރަށް ފަތުރައިލާށެވެ.

5- މީޑިއަމް ހީޓްގައި ބަހައްޓައިގެން މަސްފޮތިތަކުގެ ދަށަށް އޮތް ފުށް ރަތްވެލަންދެން ކައްކާލާށެވެ. ދެން މިރުސްތައް ފަތުރާލައިފައި ހުރި ފަރާތް ދަށަށްވާ ގޮތަށް ވަރަށް ފަރުވާތެރިކަމާއެކު ފުށުން ޖަހައިލާށެވެ. 

6- ރަނަގަޅަށް ފިހެލެވުމުން މަސްފޮތިތައް ނަގައި މިރުސް ފަތުރާފައި ހުރި ފަރާތް މައްޗަށްވާ ގޮތަށް ސާވްކުރާ ތަށީގައި އަތުރައިލާށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.