عَنْ أَنَسِ بْنِ مَالِكٍ رضي الله عنه، قَالَ " كَانَ النَّبِيُّ صلى الله عليه وسلم يُفْطِرُ قَبْلَ أَنْ يُصَلِّيَ عَلَى رُطَبَاتٍ فَإِنْ لَمْ تَكُنْ رُطَبَاتٌ فَتُمَيْرَاتٍ فَإِنْ لَمْ تَكُنْ تُمَيْرَاتٌ حَسَا حَسَوَاتٍ مِنْ مَاءٍ " (جامع الترمذي، كتاب الصوم عن رسول الله صلى الله عليه وسلم، باب ما جاء ما يستحب عليه الإفطار)
އަނަސު ބްނު މާލިކު رضي الله عنه ގެ އަރިހުން ރިވާވެވެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ނަމާދުކުރެއްވުމުގެ ކުރިން ދޮން ކަދުރުން ރޯދަ ވީއްލަވައެވެ. ދޮން ކަދުރު ނެތްނަމަ ހިކި ކަދުރުންނެވެ. ހިކި ކަދުރުވެސް ނެތް ނަމަ ފެން ކޯވަރުތަކަކުންނެވެ. (ޖާމިޢުއްތިރްމިޛީ، ޙަދީޘު: 696)
މި ޙަދީޘުން އެނގިގެންދަނީ ރަސޫލުﷲ صلى الله عليه وسلم ރޯދަވީއްލެވި ގޮތެވެ. އިރު އޮއްސުމުން މަޣްރިބު ނަމާދުކުރެއްވުމުގެ ކުރިން އެކަލޭގެފާނު ރޯދަ ވީއްލަވައެވެ. ރޯދަވީއްލަވަނީ ދޮން ކަދުރުންނެވެ. ދޮން ކަދުރު ނެތްނަމަ ދެން އެކަލޭގެފާނު ބޭނުންކުރައްވަނީ ހިކި ކަދުރެވެ. އެއީ އާއްމުކޮށް ވިއްކަން ހުންނަ ކަދުރު ވަރަށް ހިކި ރޫޖެހިފައިވާ ކަދުރެވެ. ދިވެހިން އާއްމުކޮށް ކަދުރޭ ކިޔައި އުޅެނީ މިވަރުގެ ހިކި ކަދުރަށެވެ. ހިކި ކަދުރުވެސް ނެތް ނަމަ އެކަލޭގެފާނު ހިއްޕަވަނީ ފެނެވެ.
ދެން މިސްކިތުގައި މީސްތަކުންނާއިގެން މަޣުރިބު ނަމާދުކުރެއްވުމަށް ފަހު، ކޮޓަރިކޮޅަށް ވެދެވަޑައިގެން މަޣުރިބު ނަމާދުގެ ފަހު ސުންނަތް ކުރައްވައެވެ. އެއަށްފަހު، އަނބިއަނބިކަނބަލުންނާއެކު ވަގުތު ހޭދަކުރެއްވުމަށް ފަހު ޢިޝާނަމާދު ވަގުތު ޖެހުމުން ކޮޓަރިކޮޅުގައި ޢިޝާ ނަމާދުގެ އިހު ސުންނަތް ކުރެއްވުމަށް ފަހު، މިސްކިތްކޮޅަށް ނުކުމެވަޑައިގެން މީސްތަކުންނާއިގެން ޢިޝާ ނަމާދުކުރައްވައެވެ. އެކަލޭގެފާނު ޖަމާއަތުގައި ތަރާވީޙު ނަމާދު ކުރެއްވީ 3 ރެއެވެ. ހަތަރުވަނަ ރޭ ނުކުމެވަޑައިނުގަންނަވައެވެ. އެކަމާ ސުވާލު ދެންނެވުމުން ޙަދީޘުކުރެއްވީ ފަރުޟުވެދާނެތީ ބިރުފުޅުގެންވަޑަގަތީ ކަމުގައެވެ.
އެކަލޭގެފާނު ރޭ އަޅުކަންކުރެއްވީ ކޮޓަރިކޮޅުގައެވެ. އަޅުކަމުގައި ވަރަށް ދިގުކޮށް ކިޔަވައިވިދާޅުވެ ގިނަވަގުތު ހޭދަކުރައްވައެވެ. ޢާއިޝާ رضي الله عنها ވިދާޅުވެފައިވާ ގޮތުގައި ރަމަޟާން މަހުގައިވެސް އަދި އެހެން ދުވަސްތަކުގައިވެސް އެކަލޭގެފާނު ރޭއަޅުކަމުގައި 11 ރަކުއަތަށްވުރެ ގިނައިން ކުރައްވާފައި ނުވެއެވެ. ދެން އެކަމަނާ ވިދާޅުވަނީ އެކަލޭގެފާނުގެ ނަމާދުގެ ރަކުޢަތްތަކުގެ ދިގުކަމާއި ރީތި ކަމާމެދު ސުވާލުނުކުރުމަށެވެ. އެބަހީ އެހާ ދިގުވެފައި ފުރިހަމައެވެ.
ރޭ އަޅުކަމުގައި ވަގުތު ހޭދަކުރެއްވުމަށް ފަހު ވަގުތުކޮޅަކަށް އަވަހާރަފުޅު ލައްޕަވާފައި ތެދުވެވަޑައިގެން ވިތުރުކުރައްވައެވެ. ދެން އަނެއް ދުވަހުގެ ރޯދައަށް ހާރު ފަރިއްކުޅުއްވަނީއެވެ.
ރަމަޟާން މަަހުގެ ގިނަ ވަގުތު ރަސޫލުﷲ ހޭދަކުރައްވާފަވަނީ ޤުރްއާން ކިޔަވައިވިދާޅުވުމާއި، ނަމާދުކުރެއްވުމާއި، ޒިކުކުރެއްވުމާއި، ޞަދަޤާތް ދެއްވުމުގައެވެ. ރަަމަޟާން މަހު ފަރިއްކުޅުއްވަނީ ވަރަށް މަދުންނެވެ.
ކޮންމެ ރަމަޟާން މަހެއްގެ ފަހު ދިހައިގައި މިސްކިތްކޮޅުގައި އެކަލޭގެފާނު އިޢުތިކާފަށް އިންނަވައެވެ. އެ ދިހަދުވަހުގެ ތެރޭގައި ލައިލަތުލް ޤަދްރީގެ ޘަވާބު ހޯއްދެވުމުގެ ބޭނުންފުޅުގައެވެ.