ބަސް ހަލާކު ކުރަނީ ކޮން ބައެއް؟

ބަސްހަލާކު ކުރުމުގައި ، މީސްމީޑިއާ އާއި ބަސްބުނެ ، ބަސްކިޔާ އަދި ބަސްލިޔާ މީހުންގެ ދައުރު ވަރަށް ބޮޑު

ބަސް ހަލާކުކުރަނީ ކޮންބައެއްތޯއެވެ ؟ ބަސް ހަލާކުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ވަޞީލަތަކީ ، ޓީވީ އާއި ރޭޑިއޯ އަދި ނޫސްތަކެވެ. މިތިން ވަޞީލަތުގެ ތެރެއިންވެސް އެންމެ ބޮޑު އަސަރެއްކުރަނީ ، ނޫސްތަކުގައި ބަސް ބޭނުންކޮށްފައި ހުންނަ ގޮތުންނެވެ. އެއީ ، ނޫހުގައި ލިޔެފައި ހުންނަ އެއްޗެއް ކޮންމެ އިރަކު ބަލައިލެވޭގޮތަށް އަބަދުވެސް ހުންނާނެއެވެ. ބަހުގެ އަދަބުތަކާއި ހަމަތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ދުވަސްވަރެއްގައި ، ބަހުގެ ހަމަތަކާ ޚިލާފަށް ، ބަސް ހަލާކުވާގޮތަށް ނޫހެއްގައި ލިޔެފައި އޮންނަ އެއްޗެއް ، ހިތާ އަދި  ސިކުނޑިޔަށް ނެގޭލެއް ބޮޑުވާނެއެވެ.

ލޮލަށް ފެނުނީމަ ސިކުނޑިޔަށް އެއެއްޗެއް ނަގައިދޭނެ އެވެ. އަދި ހަމައެއާއެކު ސިކުނޑިޔަށް ވާޞިލުވުމުން ، އެއެއްޗެއް ސިކުނޑިން ހިތަށް ފޮނުވައި ދޭނެއެވެ. ހިތުން އެއެއްޗެއް ކިޔައިލާއިރު ، މިހުރިހައި ހަރުފަތެއްގައިވެސް ، އެއެއްޗެއް ހަނދާނުގައި ބަހައްޓަން ބޭނުންވާ ހުރިހައިކަމެއްދާނީ ފުރިހަމަވެ ތަންފީޒު ކުރެވެމުންނެވެ. ޤުދުރަތީގޮތުން ، އިވުމާއި ފެނުމާ އަދި މިދެކަމުންކުރެ ކަމަކުން ،  ސިކުނޑިޔަށް ލިބޭ ސިގްނަލްތަކުން ، ހިތާ އަދި ސިކުނޑިން ކިޔާގޮތް އެއީ ، ހިތުގައިވެސް އަދި ސިކުނޑީގައިވެސް އެއްޗެއް ހަރުލުމަށް އޮންނަ ހަމަތަކުގެ ވިއުގައިގެ ބަޔެކެވެ.  ހަމައިން ކަމަށްވިޔަސް އަދި ނަހަމައިންކަމަށްވިޔަސް ، ހިތާއި ސިކުނޑިޔަށް ނަގައިދީ ، ހަނދާނުގައި ހަރުލާ ކޮންމެ އެއްޗަކީ ، އާދަވުމަށް މަގުފަހިވާނެ އެއްޗެކެވެ. ހަމަތަކާ ޚިލާފަށް ބަހެއް ބޭނުންކުރުމަށް އާދަވުމުން ، އެއީ ރަނގަޅުގޮތް ނޫންކަމަށްވިޔަސް ، އެނގިހުރެ ކަމަށްވިޔަސް އަދި ނޭނގިކަމަށްވިޔަސް ، އެބަހެއް އެދަނީ ހަލާކު ވަމުންނެވެ. އެކެއްގެ ފަރާތުން އަނެކަކަށް އެބަހެއް ވާޞިލުވެ ، ރަނގަޅުކުރަން އުނދަގޫވާ މިންވަރަށް އެބަހެއް ހަލާކުވެ ހިނގައިދާނެއެވެ.

ނުފެނި ހަމައެކަނި އަޑުއިވުމުން ، ހަނދާނުގައި ބަހައްޓަން އެހައި ފަސޭހައެއް ނުވާނެއެވެ. މިއީ ރޭޑިއޯގައި ދިމާވެދާނެ ޙާލަތެކެވެ. މިސާލަކަށް ވަރަށް ދިގު ޖުމްލައެއް ކިޔާއިރު ، އެޖުމްލަ ނިމޭއިރު ޖުމްލައިގެ ކުރީކޮޅުގައި ބުނާ އެއްޗެއް ހަނދާނެއް ނުހުންނާނެއެވެ. އެހެންނަމަވެސް ، ލިޔެފައި އޮންނަ ދިގު ޖުމްލައެއް ކިޔައިގެން ، އެޖުމްލައެއްގައި ބުނާ އެއްޗެއް ދޭހަކުރަން އެހައި ފަސޭހަ ނުވި ނަމަވެސް ، ލިޔެފައި އޮންނަ އެއްޗަކުން ، ހަނދާން ބަހައްޓަން ކޮންމެވެސް ތަންކޮޅެއް އޮވެދާނެއެވެ.

ޓީވީ ޚަބަރުގެ ޝުރުޚީއަކީ މިހާރަކަށް އައިސް ، ޓީވީގެ ތިރީ ކައިރީގައި ދައުރުވާގޮތަށް ލިޔެވޭ އެއްޗެކެވެ. ޚަބަރުގެ ސުރުޚީއަކީ ބަހުގެ ހަމަތަކާ ޚިލާފަށް އޮތް އެއްޗަކަށްވެފައި ، ޓީވީން ޚަބަރުކިޔާއިރުވެސް ޝުރުޚީ ލިޔެފައި އޮންނަގޮތަށް ކިޔާނަމަ ، އެކަމުން ބަހަށް ކުރާ އަސަރު ދެގުނަޔަށް އިތުރު ވާނެއެވެ. އެއީ ، ލިޔެފައި އޮންނަތަން ލޮލަށް ފެނިފައި ، ކިޔާއަޑު ކަންފަތަށް އިވޭތީއެވެ.

ތަޤްރީރު ތަކުގައްޔާއި ، ޒިންމާދާރު އަދި މަސްއޫލުމީސްމީހުންގެ ވާހަކައާއި ޖަވާބުގައި ކުށްބަސް ގިނަވަމުން ދިއުމަކީ ، ބަސްހަލާކުވަމުން ދާކަމުގެ އިންޒާރެކެވެ. ކިޔާ އެއްޗެއްގައި އެއްވެސް މާނައެއް ދޭހަނުވެ ، ކިޔޭ ނުކިޔޭ އެއްޗެއް އޮޅުންނުފިލާވަރަށް ، ބަސްމަގު ކަސިޔާރުވެ އޮޅެމުންދިއުމަކީ ، ބަސްހަލާކުވަމުންދިއުމުގެ އަޞްލެވެ.

" ބޭންކްތަކަށް މިއޮތީ ދެގޮތް. އެއްގޮތަކީ ހަރުމުދާ އަނބުރާ ދެހެރޭ. އެބަލާ އައުން. ދެން އަޅުގަނޑުދެކޭގޮތުގައި ހަރުމުދާ ބަލައެއް. ޗައިނާގެ ކޮމާޝަލް ބޭންކަކުން އައުމަށް އޮތް ޖާގައެއް ފުރުޞަތެއް. އަދި މިވަގުތަކު އެއީކީއެއް ވެދާނެކަމެއްގެ ގޮތުގައެއް ނުފެނޭ. ދެން އެއީ ޤައުމުތަކުން ދެކޭ ގޮތެއްވެސް ނޫން. "

މަތީގައި ނަކަލު ކުރެވިފައި އެވަނީ ، ދައުލަތުގެ  ދަރަންޏާ ބެހޭގޮތުން ، 10 އޮކްޓޯބަރ 2020 ވަނަދުވަހު ، ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސުގައި ، މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ ބަސް ތަކެކެވެ. ބަސްބަހުގެ އެތުރުމާއި ، ބަސްއައިސްފައިވާ ތަންތަނާއި ، ގުޅިފައިވާ ގޮތާއި ، ޖުމްލަތައް ބުރިބުރި ކުރެވިފައިވާ ގޮތުން ދެކޮޅުޖެހޭ ހަމަ އެކައްޗެއްވެސް ދޭހައެއް ނުވެއެވެ. ޅެންބަހުރުވައިންނަމަ ، މާނައޮންނަނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނެ ދޫކޮށްލެވިދާނެއެވެ. އެހެންނަމަވެސް ، މަޖިލީހުގެ ޔައުމިއްޔާގައި ރަސްމީކޮށް ލިޔެވި ، ތާރީޚަށް ރައްކައުކުރެވޭ މިފަދަ ލިޔުންތައް މިހެން ހުންނަން ވެއްޖެނަމަ ، ބަސްހަލާކުވެ ނެތިގެންދިއުމަކީ އެހައި ދުރުކަމެއްނޫނެވެ.  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ،  އެޢިބާރާތްތައް ފަހުމްވެ ދޭހަވިނަމަވެސް ، އެއީ ކޮންމެ ކޮންމެ މީހަކަށް އެހައި ފަސޭހަކަމަކަށްނުވެ ހިނގައިދާނެއެވެ. އެއީ ރައްޔިތުން ހޮވާ މަންދޫބުން ތިބޭ ރައްޔިތުންގެ މަޖިލީހުގެ ޙާލަތު އޮތްގޮތެވެ.

ވަގުތުން ގެނެސްދޭ ޖަލްސާތަކާއި އެއްވުންތަކުގައި ދެކެވޭ ވާހަކަތަކަކީވެސް ، ވަރަށްބޮޑަށް ސެންސަރުކުރެވިގެން ރައްޔިތުންނާ ހަމަޔަށް ފޯރަންޖެހޭ އެއްޗެކެވެ. މިސާލަކަށް ، ރައްޔިތުންގެ މަޖިލީހަކީ ، އިސްލާމްދީނާ ޚިލާފު ވާހަކައެއް ނޫން އެހެން ހުރިހައި ވާހަކައެއް ދެއްކޭ ތަނަކަށްވާއިރު ، ދީނީގޮތުންނާއި ، ޤާނޫނާއި ޤަވާޢިދު ހުއްދަނުކުރާފަދަ ވާހަކަތައް ޓީވީން އިވުމަކީ މުޖުތަމަޢު ޤަބޫލުކުރާނެކަމެއްނޫނެވެ. އެހުންނަނީ ، ބަސްފިޔަވައި ، އިޖްތިމާޢީ ޢަދާލަތުވެސް ނެތިގެއްލިދާ ކަންކަމެވެ. ދިވެހިރައްޔިތުންގެ ފައިސާއިން ހިންގާ ސިޔާސީ ޕާޓީތަކުގެ ވެރިންގެ ޙާލަތަކީ ބިރުގަންނަވަރުގެ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކަވާފައިވާ ވާހަކަތަކެއް އިސްވެ ގެނެވިއްޖެއެވެ. ޕީއެންސީގެ ރައީސް ، މަޖިލީހުގެ މެންބަރުކަމުގައި ހުންނެވިއިރު ، މަޖިލީހުގެ ރައީސްގެ މަންމަޔާބެހި ،  ރައީސާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށްގޮވައި ، އަވަގުރާނަ ގޮވިއިރުވެސް ، އެ ހުތުރު ބަސްތައް ޓީވީން ގެނެސްދީފައި ވެއެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގައި ، ޤައުމު ހިންގުމުގައި ބަސްކިޔާންތިބޭ މީހުންގެ ބަހުރުވައާއި ޢަމަލުތައް އެހައި ހުތުރު އިރުވެސް ، އެވަރެއްނެތި ، އެމީސްމީހުންގެ ފަހަތުން އެނބުރޭ ބަޔަކުވެސް އެބަ އުޅެއެވެ. ޤައުމުގެ ޙާލަތު އެހާ ހިސާބަށް ދާއިރު ، މާދަރީ ބަހާއި ޤައުމިއްޔަތު އޮންނާނީ ކޮން ޙާލެއްގައިތޯއެވެ ؟

ބަސް ހަލާކުކުރުމުގައި ، ނަންބޯޑު ތަކާއި ޚިދުމަތްދޭ ގޮތާއި ތަން އަންގައިދޭ ބޯޑުތައްވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އައިޖީއެމްއެޗްގެ އެކިޚިދުމަތާގުޅޭ ބޯޑުތަކަށް ބަލައިލާއިރުވެސް ، ބަހުގެ ހަމަތަކުން ނެއްޓިގެންދާގޮތަށް ލިޔެވިފައި ހުންނަ ބޯޑުތައް ފެނެއެވެ. އެއްބޯޑެއްގައި ޚިދުމަތް ލިޔެވިފައި އޮންނައިރު ، ޖެހިގެން ހުންނަ ބޯޑުގައި ހިދުމަތް ލިޔެވިފައި އެބަ ހުރެއެވެ.

ދިވެހިންގެ ޢާންމު ދިރިއުޅުމުގައިވެސް ، ބަސްހަލާކުވާފަދަ ގޮތްގޮތަށް ބަސްބޭނުންކުރުމަކީ ، މިހާރަކަށް އައިސް ވަރަށް ޢާންމު ކަމެކެވެ. ބޮލަށާއި ސިކުނޑިޔަށް އުނދަގޫވާފަދަ އެތައް އަޑުތަކަކާއި ވާހަކައެއް ، ކެނޑިނޭޅި އިވެމުން ދެއެވެ. ޓީވީތަކުގެ ޝުރުޚީތަކުގައި ބަހުގެ ހަމައެއް ނުހުރެއެވެ. ޓީވީއަކުން ފެންނަ ޝުރުޚީތަކެކެވެ. "ގިނަވޯޓުލާ މަރުކަޒުތައް ހުރީ މަޖީދީމަގުގައި. " މަދުވޯޓުލާ މަރުކަޒުތައް ހުރީ ކޮންތާކު ބާވައެވެ. ފަސްޓް ލޭޑީއަށް ކޮވިޑް ޖެހުމުން ޓީވީތަކުގެ ޝުރުޚީއަށް އެރީ " ފަސްޓް ލޭޑީއަށް ކޮވިޑް ޖެހިވަޑައިގެންފި " އެވެ. ކޮވިޑަކީ ، ޖެހިވަޑައިގަންނަވަން އެހައި މާތް އެއްޗެއްކަން ކުރިޔަކުން އެނގިފައެއް ނެތެވެ.

ޓީވީ ޚަބަރެއްގެ އިތުރު ޝުރުޚީއަކަށް ބަލައިލާނަމެވެ. " ޤަވާޢިދާޚިލާފަށް މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ޙިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކަށް ވަދެ މިޔަރުބާނާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޕްރޮޓެކްޝަން އެޖެންސީ ( އީޕީއޭ ) ދީފި " . މިޝުރުޚީބުނާގޮތުން ، ވަކި ސަރަޙައްދެއް ޙިމާޔަތްކޮށްގެން އުޅެނީ ، ޤަވާޢިދާޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކުންނެވެ. އަދި ފިޔަވަޅު އަޅާނެކަމަށް އެބުނަނީ ، އެސަރަޙައްދަށް ވަދެ ، މިޔަރުބާނާ ފަރާތްތަކާ މެދުގައެވެ. ކިޔާ ނުކިޔާ އެއްޗެއް ނޭނގެއެވެ.

ޢާންމުކޮށް ވާހަކަ ދައްކައި ހެދުމުގައި ބޭނުންކުރެވޭ އަތްމަތީ ބަސްބަހަކީވެސް ބަސް ހަލާކުވެ ،  އެބަހެއް ޢާންމުވުމަށް އެހީތެރިވާ އެއްޗެކެވެ. ނަގާލުމާއި އަރުވާލުމަކީވެސް މާނަ އޮޅޭގޮތަށް ، ބޭނުންކުރެވެމުންދާ ބަސްތަކުން ދެބަހެކެވެ. މީހަކު ބުނި އަޑު އިވުނެވެ. " މިއުޅެނީ ބޭރުގަ. ސިޓީއުޔަކަށް ލާފައޮތިއްޔާ ލާރިކޮޅު ބާއްވާ އެންމެ ދެކުނަށް ހުރި ކަރަންޓް މީޓަރުމަތީ. ގެޔަށްގޮސް ނަގާލާނަން" . މިޖުމްލައިގާ ގެޔަސްގޮސް ލާރިކޮޅު ނެގުމުގެ ބަދަލުގައި އެބުނެވެނީ ލާރިކޮޅު ނަގާލާނެ ކަމުގައެވެ. ނަގާލުމަކީ ގެއްލުވައިލުމެވެ. " ކަރާތައް ބަހައްޓާ ދޯންޏާ ދިމާ ގާގަނޑުމަތީ. އަހަރެންގޮސް ދޯންޏަށް އަރުވައިލާނަން " އަރުވައިލުމަކީ ، މީހުން ކުރާ ބައެއްބާވަތުގެ ކުށަށް ، ޝަރީޢަތުގެ ފަރާތުން ނުވަތަ ސިޔާސަތުގެ ފަރާތުން އެކުށްކުރިމީހާގެ ވަޒަންނޫން އެހެން ރަށަކަށް ފޮނުވައިލުމެވެ. ބުނެވިދިޔަ ޖުމްލައިގާ ، އަދަބުދީ އަރުވައިލެވެނީ ކަރާތަކެވެ. ކޮންމެއަކަސް ، ބަހެއް އޭގެ ހަމަތަކާއި އަދަބުތަކަށް ފެތޭގޮތަށް ދިރިދެމިއޮންނާނީ ، ބޭނުންކުރާ ބަޔަކު ، އެބަހެއްގެ އަޞްލު ރައްކައުތެރިކޮށް ޙިމާޔަތް ކުރި މިންވަރަކުންނެވެ. ރަނގަޅުގޮތަކީ ކޮބައިކަން ދެނެގަނެ ، ބަހުގެ ހަމަތަކާއި އަޞްލު ރައްކައުތެރިކުރުމަށް ވިސްނައިގެން ، ލިޔެ ، ވާހަކަ ދެއްކި މިންވަރަކުންނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.