ދިވެހި ބަހުގެ އެކެޑަމީގެ ފާރު ތިރިކަން، ފަލްސަފީ ވިސްނުމަކުން!

މި މަޒުމޫނު ލިޔަން އިށީނދެ ހަމަޖެހިލުމުން އެންމެ ފުރަތަމަވެސް ހިތަށް އައީ، މީގެ ފަންސަވީހަކަށް އަހަރު ކުރިއެވެ. ސަރުކާރުގެ އިސް ބޭފުޅެއްގެ އަރިހުގައި ޑުބާއި އަށް ކުރި ދަތުރެއްގައި ބައްދަލުވި ވަރަށް ދުރުވިސްނޭ ބޭކަލެއް ވިދާޅުވި އެއްޗެކެވެ.  މި އިޝާރާތް ކުރާ ބޭކަލަކީ  ޑުބާއިގެ އިސްލާމިކް ބޭންކުގެ ބާނީ سعيد لوتاه ސައީދު ލޫތާހް އެވެ.  މީނާ ވިދާޅުވި  ގޮތުގައި ކުއްޖަކު ޔަތީމު ވުމުން އެ މަރުވީ އެކުއްޖާގެ އެންމެ ބައްޕައެކެވެ. އަޅުގަނޑުމެން، ދެންތިބި ފިރިހެނުންނަކީ އެ ޔަތީމުވި ކުއްޖާގެ ބަފައިންނެވެ. ޔަތީމު ކުދިންނަށް އަޅައިލުމަކީ އަޅުގަނޑުމެން ހުރިހާ ފިރިހެނުންގެ ވާޖިބެކެވެ.! ” ތިމަންނާގެ ބޭންކުތައް މިހާރު އެ ހިންގަނީ ތިމަންނާ ސްރީލަންކާއިން ގެނެސް ކިޔަވައިދިން ޔަތީމު ކުދިން” ކަމުގައި ވެސް ވަރަށް އުފަލުން ވިދާޅުވިއެވެ.

ހަމަ އެމޭރުމުން ވިސްނައިލާއިރު، އެންމެ ނިކަމެތީ މައިންބަފައިން ދުނިޔޭގައި ތިބެމެ، ‘ ޔަތީމުވާ’ ކުދިންނެވެ. އެކުދިންގެ މައިންބަފައިން ހެޔޮ ހާލުގައި ތިބިކަން އެނގޭތީ، މިކުދިންނަށް އަޅައިލާންވީ ކިހާ ހިސާބަކުންކަން  އެންމެ ހިތްހެޔޮ މީހުންނަށްވެސް ސާފު ނުވަނީ” އެވެ. އަޅުގަނޑުމެންގެ ދިވެހިބަސް މިހާރު އެންމެ ވައްތަރީ މިދެންނެވި ފަހު ބައިގައި ހިމެނޭ ‘ ޔަތީމު’ ކުއްޖަކާއެވެ! އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އަދި މާބޮޑަށް ކަންބޮޑު ނުވަނީ، ދިވެހި ބަހަށް އަޅައިލާން ޖެހޭ އޮފީހަކާއި ” ދިވެހި ބަހުގެ މީހުން” ހެޔޮހާލުގައި އެބަތިއްބެވި ކަން އެނގޭތީއެވެ. ވީމާ މާދަރީ ބަހުގެ ހައްގުގައި އަދި އެއްޗެއް ބުނުން ފަރުދީ ޒިންމާއަކަށް، އާދެ ފަރްޟު ޢައިނަކަށް ނުވަނީއެވެ!

ތެދެކެވެ، އަދި ސީދާ ބައްޕަ ނޫންކަމުގައިވިޔަސް ދިވެހި ބަސް ހިމާޔަތްކޮށް ބަލަހައްޓާނޭ ބަލަދުވެރި އޮފީހެއް ސަރުކާރުން ކަނޑައަޅުއްވާފައި އެބަހުއްޓެވެ. އެއީ ދިވެހި ބަހުގެ އެކެޑަމީ އެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން އުފެދުނު އޮފީހެކެވެ. އެކަމަށް ޚާއްސަ މުވައްޒަފުން އެ އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައެވެ.  ސުވާލަކީ އެހާ ބުރަކޮށް އުޅުއްވާއިރު މަސައްކަތުގެ ނަތީޖާ ނުފެންނަނީ ކީއްވެބާއެވެ؟ ކުރުކޮށް ދަންނަވާނަމަ ބައްޔާއި ބޭހާއި ދިމާނުވަނީއެވެ!

މިހާރު ދިވެހިބަހަށް ދިމާވެފައި މިވާ އެންމެ ބޮޑު ނުރައްކަލަކީ، އަޅުގަނޑަށް ވިސްނޭ ގޮތުގައި އިސްކޫލުން ނިމި އޮފީސް އޮފީހުގެ މަގާމުތަކަށް ވަދެ ވަޒީފާ އަދާކުރާ މީހުންގެ ދިވެހިބަހުގެ ފެންވަރު ދަށް ކަމެވެ. އެއްޗެއް ލިޔާއިރު، ނުވަތަ ވާހަކަ ދައްކާއިރު އަމިއްލަ ބަހާމެދު ކުޑަކޮންވެސް ވިސްނައި ނުލުމެވެ. މިހެން މިކަން މިގޮތަށް އޮވެ ވިހި ފަންސަވީސް އަހަރުވީމައި ދެން މިހާރު ބަސް މިއޮތީ އެންމެ އޮފީހަކަށް އިސްލާހުކޮށް ހެޔޮ މަގަށް އެޅުވޭނެ ހިސާބެއްގައެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި ދެމީހަކު، ‘ އިރާދަ ކުރެއްވެއްޖެއްޔައިމުން’ ނުވަތަ    ‘ އެހެން ވެއްޖެ ކަމަށް ވަނީ ވިއްޔާމުން’ މިހެން ކިޔާ އަޑު އިވުމުން އެވީ ދެން އެތަންކޮޅު ތަކުރާރު ކުރާށެވެ. މާނަޔެއް ދޭހަނުވިޔަސް  އިވުނު ގޮތަށް ތަކުރާރު ކޮށްލަން ބޭނުންވަނީއެވެ. ‘ ކަންނޭނގެ’ އަކީ ހަމަ ބޭނުންކުރުން އެންމެ ރަނގަޅު އިބާރާތެކެވެ. ނަމަވެސް، ” އަޅުގަނޑުމެންގެ ޓީމު 17 ސުމަކުން ބަލިވީ “ނުކުޅެވުނީމަ ކަންނޭނގެޔޭ” ބުނާވަރު ތޯއެވެ؟ 17 ސުމަކުން ދެރަވީމައި އަދިވެސް އެކަން ޔަގީން ނުވަނީ ތޯއެވެ. މިހާރު އެންމެ ގިނައިން އިވޭ އެއް ބަހަކީ ‘ ގެއްލުވައިލުން’ މި ލަފްޒެވެ. މި ކުށްބަސް އާންމުވެގެން ގޮސް މިހާރު މިއީ ކުށްބަހެއް ކަމުގައިވެސް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ! އަޅުގަނޑުމެން  ކުރިން ކިޔައި އުޅުނީ ނަގައިލުމެވެ. ‘ގެއްލުވައިލުން’ އެއީ އެއްޗެއް ‘މަރުކޮށްލުން’  ނުވަތަ މަރުކޮށްލައިފިޔޭ ބުނުންކަހަލަ ކަމެކެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ފާރު ތިރިކަމުން މިކަހަލަ ލައްކަ ގިނަ ކުނިބުނި އެ އޮފީހުގެ ތެރެއަށް އެބަ އެޅެއެވެ. އެ ކުނިބުނި ނަގާނެ ކަމުގެ އުންމީދުގައި މަދު ބަޔަކު އެބަ ތިއްބެވެ، ނަމަވެސް ހަތަރު ފަރާތުންނާއި މަތިން އެ އޮފީހުގެ ގޯތި ތެރެޔަށް މިހާރު ކުނިއެޅެމުން އެ އަންނަނީ ހަމައެކަނި އެ އޮފީހަށް އޮބި އޮންނަ ވަރަކަށް ނޫނެވެ!

ދިވެހި ބަހުގެ އެކެޑަމީގެ ދަށުގައި މިދެންނެވި ރަމްޒީ ކުނިބުނި މަދުކުރެވޭތޯ މަސައްކަތް ކުރާ ދެ ކޮމިޓީއެއް އޮވެއެވެ. ގަވައިދު ކޮމިޓީ އާއި ބަސްކޮމިޓީއެވެ. އަޅުގަނޑުމެން ލިޔާއިރު، ލަފްޒު ވަކިކޮށް ލިޔުން ފަދަ ކަންކަމަށް ގަވައިދު ހެދުމަކީ ގަވައިދު ކޮމިޓީން އެކަށައަޅާ ކަމެކެވެ. ބަސް ދިރުވައި ޒަމާނީ ކުރިއެރުމާއި އެއްހަމައެއްގައި ދިވެހިބަހަށް ބޭނުންވާ އާ ލަފްޒުތައް ހަދައި ތާޒާ ކުރެވޭތޯ ބަލަނީ ބަސް ކޮމިޓީންނެވެ. މި ކޮމެޓީގައި ހިމެނެނީ މާލޭގައި ތިއްބެވި، ދިވެހި ބަހުގެ އިތުރުން ބޭރު ބަސްބަހަށްވެސް ކުޅަދާނަ ބޭބޭފުޅުންނެވެ. މި ކޮމެޓީ އަކީ އާންމު ގޮތެއްގައި ހަފުތާއަކު  ދޮޅުގަޑިއިރަށް ބައްދަލުވާ ބަޔަކަށް ވާތީ ކުރާން ހުންނަ މަސައްކަތް ނުހަނު ގިނައެވެ. އަޅުގަނޑުވެސް އެ ދޮޅުގަޑިއިރަށް ތާއީދު ކުރަމެވެ. ބައެއް މަސައްކަތަކީ ދެތިން ގަޑިއިރަށް އެއްވާނެއްގައި ކުރެވޭވަރުގެ ކަންކަމެއް ނޫނެވެ!

މިފަހަރު އަޅުގަނޑު ކިޔަން މިއުޅެނީ ކީކޭތޯއެވެ؟ އެކެޑަމީގެ ފާރު ތިރިކަމުގެ ސަބަބުން ފަނަރަ، ސޯޅަ ބޭފުޅުންނަށް ހަފުތާއަކު ދޮޅުގަޑިއިރުގެ މަސައްކަތުން އެކަޑަމީގެ ފުރާޅަށާއި ގޯތިތެރެއަށް އެޅިފައިވާ ކުނިބުނި ސާފު ނުކުރެވެނީއެވެ. ވާގޮތް މި ދަންނަވަނީއެވެ.

އެއްޓަނުގެ ( އެއްހާސް ކިލޯގެ) ހިލަ އަޅައިފައި ހުރި ‘ޖަމްބޯ ބޭގު’ އަރުވައި ބަރާކޮށްގެން ދިވެހީންގެ އިގްތިސޯދީ ސަރަހައްދަށް ވަން އާގު ބޯޓާމެދު ކަންތައް ކުރާނީ ކޮންގޮތަކަށްތޯއެވެ. ދިވެހި ބަހުގެ އެކެޑަމީގެ ދަށުން ހިނގާ ބަސްކޮމިޓީ ބައްދަލުވެ ‘ޖަމްބޯ ބޭގަށް’ ދިވެހި ނަމެއް ފާސްކުރަންދެން އެ ބޯޓު އަޅުގަނޑުމެންގެ އިގުތިސޯދީ ސަރަހައްދަށް ނުވައްދައި ބޭއްވޭނެތޯއެވެ! އެ ހިލަތަށް އެހާ ބޮޑެތި ސަތަރި ކޮތަޅުގައި އޯޑަރު ދެއްވި ކުންފުނިން އެކަހަލަ ކަމެއް ކޮށްފި ކަން އެކަޑަމީ އަށް ދުރާލައި އަންގަންވީތޯއެވެ؟ ކުރެވޭނީ ކުރެވޭ ވަރުގެ ކަންކަން ނޫންތޯއެވެ! ބޭރުން ގެންނަ ތަކެއްޗަށާއި ލަފުޒަށް ވާ ގޮތަކީ، އަޅުގަނޑުމެންގެ ބޯހަރު ކަމުންނާއި މައުލޫމާތު ފެތުރުމުގައި ދިމާވާ ކަމެއްގެ ސަބަބުން، އެ ލަފުޒެއް މުޖްތަމައުގެ ތެރެއަށް ދޫވުމަށްފަހު،  ރަށު ތެރެއިން ހޯދައި ގެނެސް، ދެން އެ ލަފުޒު ދިވެހި ކުރުމަކީ ވަރަށް ދަތި ކަމެކެވެ. އެންމެ ފުރަތަމަ ދިވެހި ކޮށްފައި ދޫކޮށްލެވިއްޖެނަމަ މީހުން ބަލައިގަންނަލެއްވެސް ފަސޭހައެވެ. ރަސްފަންނާއި ވިލީ ފުލުސް ބަލައިގެން ފަދައިންނެވެ. ” އާޓިފިޝަލް ބީޗާއި  ބްރިޖް ވިޔުއިން ޕެލެޓްފޯމަށް” ދެން ކުރެވޭނެ ކަމެއް ނެތެވެ!

އަޅުގަނޑުމެންގެ ޝަރުއީ ދާއިރާ އަށްވެސް ދިމާވަނީ ޖަމްބޯ ބޭގް ހިފައިގެން އައި އާގުބޯޓަށް ދިމާވި ގޮތަށެވެ. ސުމޯޓޯ މައްސަލައަކާއި މަންޑަމަސް އަމުރެއް ނެރެން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ދުލަށް ތުރާ އެ ދެ ލަފްޒު ދުލަށް ފަހިވަންދެން މަޑުޖައްސައިލެވޭކަށް ނެތެވެ. ދެން ފަސޭހަގޮތް އެންމެންނަށްވެސް ފަސޭހަތާއެވެ. ބޭރުން ކިޔަވައި ވިދާޅުވިއިރު އެ ދެ ލަފްޒު ގަދީމީ ލެޓިން ބަހުގައި އައިސްފައިވާ ގޮތަށް ރަށުތެރެއަށް ދޫކޮށްލައްވަނީއެވެ… މިހެންވާ ކޮންމެ ފަހަރަކީ އަޅުގަނޑުމެންގެ ބަހަށް ލިބޭ ގެއްލުމެކެވެ. އެއީ ދިވެހިބަހުން އައު ލަފްޒެއް އުފައްދަން ލިބުނު ފުރުސަތު ގެއްލި ބީވުމުންނެވެ.

ޝަރުއީ ދާއިރާގައި މައް ދިވެހި ބަހުން ބޭނުންކުރެއްވިޔަސް މާނައެއް ދޭހަނުވާ އިބާރާތެއް މިހާރު އާންމު ވެއްޖެއެވެ. ކުރިން ދެންނެވުނު ފަދައިން އެކަކު ބޭނުން ކުރީތީ، ދެން ތިބި މީހުން އެއްވެސް ވިސްނުމެއް ނެތި ބޭނުންކޮށް މީޑިޔާއަށް ދޫކޮށްލަނީ އެވެ.

 ” އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެތީ ” ނެރުއްވާ ޚާއްސަ އަމުރު ހުރެއެވެ.  ނަމަވެސް އެ ވިދާޅުވާ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމާމެދު ވިސްނައިލާއިރު އެއީ ހަމަ އެއްވެސް ހަރުދަނާ މާނައެއް ނުހިމެނޭ އިބާރާތެކެވެ. އިއާދަ ވުމަކީ ރުޖޫއަ ވުމެވެ. ތަކުރާރު ވުމެވެ. އިއާދަ ކުރުމަކީ ދައުރު ވުމެވެ. އީދަށް އަރަބި ބަހުން އީދު ކިޔަނީ އިއާދަ ވެ ކޮންމެ އަހަރަކު އަންނާތީއެވެ. ވީމާ ގެއްލުމެއް އިއާދަ ވުމަކީ ގެއްލުމެއް ތަކުރާރުވުމެވެ. ދެފަހަރު ބޯފެޅެން، ދެތިން ފަހަރު ބަނގުރޫޓުވާން ދެތިން ހަތަރުފަހަރު ކަނޑުވާން ބޭނުންވާނީ ކާކުތޯއެވެ؟

IRREPARABLE DEMAGE   އަށް އަރަބި ބަހުން ކިޔަނީ ضرر لا يمكن إصلاحه އިސްލާހު ނުކުރެވޭ ވަރުގެ ގެއްލުމެކެވެ. މިކަމަށް އަރަބި ބަހުން ضرر لا يمكن تكراره  (ތަކުރާރު ނުކުރެވޭ ވަރުގެ ގެއްލުމެކޭ) ނުކިޔައެވެ! އަޅުގަނޑުމެންގެ ބަހަށް ބަދަލުކޮށްގެން އުޅޭއިރު އިސްލާހުގެ ބަދަލުގައި މިކިޔަނީ ތަކުރާރު ކުރުމެއްގެ ވާހަކައެވެ. އެ ވިދާޅުވާން އުޅޭ އެއްޗަކަށް އަޅުގަނޑުމެންގެ ކާބަފައިން ކިޔައި އުޅުނީ ފޫނުބެއްދޭވަރުގެ ގެއްލުމެވެ. އެނިމުނީއެވެ. މިހެން ވިދާޅުވާނަމަ އެއޮތީ މާނަ ދޭހަވެފައެވެ. މިސާލަކަށް ދޮގު ހެކިބަހެއްގެ ސަބަބުން މީހަކު ނުހައްގުން ޖަލުގައި  ދިގު މުއްދަތެއް ހޭދަކުރަން ޖެހުނީއެވެ. ހަގީގަތް އޮޅުން ފިލިއިރު އޭނާގެ އުމުރުން ދިހަ އަހަރު އެ ދަތިހާލުގައި ހޭދަ ކޮށްފިއެވެ. އެ ދިގު ހިތްދަތި މުއްދަތު އަނބުރާ ގެނެސް އުފާވެރި ދުވަސްތަކަކަށް ބަދަލުކުރުމުގެ ބާރު އަޅުގަނޑުމެންގެ އަތްމަތީގައި އެބަ އޮތްބާއެވެ. ނެތެވެ. އިސްލާހު ނުކުރެވޭވަރުގެ ގެއްލުމެކޭ ކިޔަނީ މިހެންވެއެވެ. ނަމަވެސް އޭނާގެ އުމުރުގައި ތަން އޮތްނަމަ އަދި އެއްފަހަރު އިތުރު ދިހައަހަރަށް އޭނާ ޖަލައްލައި ކުރިން ވީ ގެއްލުން އިއާދަ ކުރެވިދާނެއެވެ. އާދެ ގެއްލުން ތަކުރާރު ކުރެވިދާނެއެވެ. އެއީ  އެކަށީގެންވާ ކަމެކެވެ! ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ!

ދިވެހި ބަހުގެ އެކަޑެމީގެ ބޭރުގައި ލިޔެފައިވަނީ ‘އެކެޑަމީ’ މިހެންނެވެ. މިހެންވާންޖެހުނު ސަބަބަކީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރައްޔިތުން މަޖިލީހުން، ‘އެކެޑަމީގެ ބިލް’ ފާސްވެގެން އައިއިރު ލިޔެފައިވާ ގޮތެވެ. ރައްޔިތުންގެ މަޖްލީހަކީ މިހައި ބާރުގަދަ ތަނެކެވެ. އެ ބާރުގަދަ މުއައްސަސާއިން ” ޑިފެކްޝަން” ބިލަކާއި ” ފްލޯކްރޮސިން” ބިލެއް ފާސްކޮށް، އިހަކަށް ދުވަހު އަނެއްކާ  އުވައިވެސް ލައިފިއެވެ. މިހާރުވެސް ތްރީލައިން ވިޕް ނެރެއެވެ.  މައިނޯރިޓީ ލީޑަރަކާއި މެޖޯރިޓީ ލީޑަރެއްވެސް ހުންނަވައެވެ. ޑިފެކްޝަން ބިލާއި ފްލޯ ކްރޮސިން ބިލް ފާސްވެ އާންމު ވުމުން އެކަމާމެދު ދިވެހިބަހުގެ އެކެޑަމީއަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ކުރެވޭނޭ ކަމެއް ނުވެސް ނެތީއެވެ. "ރައްޔިތުންގެ މަންދޫބުން" ގާތު "ރައްޔިތަކަށް" ބުނެވޭނޭ އެއްޗެއް ނޯންނަ ކަމީ އެންމެން ދަންނަ ސިއްރެކެވެ. ނަތީޖާއަކަށް ވީ އެ ބިލު އުވައިލީމާވެސް އެބަސް އުވިގެން ނުދިއުމެވެ. ހަމަ ހެސްކިޔާފައި ބޭނުން ކުރަނީއެވެ.

ވައިގަދަވެ ކަނޑުގެ ރާޅުތައް ބިޔަވެ މޫސްން އެންމެ ގޯސްވީމައި  އިވެނީ ‘ ޔެލޯ އެލާޓެއްނެރުނު’ ވާހަކައެވެ! މިފަދަ ނުރައްކާތެރި ހާލަތުގައިވެސް އާންމުންނަށް ވިސްނޭނެ ނަމެއް ދިވެހިބަހުން ބުނާކަށް އަޅުގަނޑުމެންގެ ޚިޔާލަކަށް ނައެވެ!

ގަބޫލުކުރަން ޖެހޭ ހިތި ހަގީގަތަކީ، ދިވެހިބަސް ވެއްޓިފައި މިވާ ފުން ވަޅުގަނޑުން މާދަރީބަސް ނަގައި ކޮޅަށް ޖެހުމަކީ އަޅުގަނޑުމެން ވަކިވަކި ފަރުދުންނަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެންމެ އޮފީހަކަށް އުފުލޭވަރުގެ ޒިންމާއެއްވެސް ނޫނެވެ!

އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ދިވެހިބަސް ކިޔަވައިދިނުން ހަރުދަނާކޮށްގެން މެނުވީ އިސްލާހީ ފިޔަވަޅެއް އެޅޭނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ކޮންމެ އޮފީހެއްގައި ދިވެހިބަހަށް ކުލުނު ހުރި އަމިއްލަ މާދަރީ ބަހަށް ގަދަރުކުރާ ޒުވާނުން ތިބެގެން މެނުވީ އަޅުގަނޑުމެންގެ ކާބަފައިންގެ ތަރިކަ ދެން ރައްކާކުރެވޭނެ ގޮތެއް ނެތެވެ. އެ އޮފީހަކުން އެބައެއްގެ މަސައްކަތާ ގުޅުންހުރި ބޭރުބަސްބަސް ދިވެހި ކުރެވިގެން މެނުވީ އަޅުގަނޑުމެންގެ ބަސް މުއްސަނދިވާނޭގޮތެއް ނެތެވެ. އެއީ ދިވެހިބަހުގެ އެކަޑެމީއަށް އެކަނި ވާނޭ ކަމެއްނޫނެވެ.

ކްލަބް ޖަމިއްޔާތަކަށާއި، އަމިއްލަ ވިޔަފާރި ކުންފުނިތަކަށާއި، ސަރުކާރުގެ ތަފާތު މުއައްސަސާތަކަށް އޮބިނޯވެގެން އާންމުގެތެރެއަށް އެޅޭހައި ކުންޏެއް ސާފުކުރުން އެންމެ އޮފީހަކާ ހަވާލުކުރުމަކީ އަޅެ ކުރަންވާވަރުގެ ކަމެއްތޯއެވެ؟

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.