"އޭސީސީން ބަލާ މައްސަލައަކާ ގުޅިގެން މެމްބަރުން މަޤާމުން ވަކިކުރަން އުޅުމަކީ މިނިވަންކަމަށް އެޅޭ ހުރަހެއް"

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލާ ވަކި މައްސަލައެއްގެ ނިމޭ ގޮތެއްގެ ސަބަބުން އެކޮމިޝަނުގެ މެމްބަރުން މަޤާމުން ވަކިކުރުމަށް މަސައްކަތްކުރާނަމަ އެއީ ކޮމިޝަނާއި މެމްބަރުންގެ މިނިވަންކަމަށް އެޅޭ ހުރަހަކަށް ވެގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައި އެކޮމިޝަންގެ ރައީސާ މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވީ ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ހެލްތު މިނިސްޓްރީން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލެޓަރުތަކާ ގުޅޭ ގޮތުން އޭސީސީން ތަޙްޤީޤުކުރި މައްސަލައާ ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށް ހިންގި މުޢާމަލާތުގައި ކޮރަޕްޝަނާއި ވަކި ފަރާތަކަށް ނާޖާއިޒު މަންފާ ހޯދުމުގެ ޢަމަލު ހިމެނޭކަމަށް ތުހުމަތުކުރެވިގެން އެކަން ތަޙްޤީޤުކުރީ މި މުޢާމަލާތާ ގުޅިގެން އޮޑިޓަރ ޖެނަރަލް ނެރުއްވި އޮޑޮޓް ރިޕޯޓެއްގައި ފަހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅިގެންނެވެ. މިމައްސަލަ ތަޙްޤީޤުކުރުމަށް އިސްވެ އެންގެވީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އިއްޔެ އެއޮފީހުންވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީންވަނީ އެކޮމިޝަނުން މިމައްސަލަ ތަޙްޤީޤުކުރުމުގައި ބެއްލެވި ކަންކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު މިކަމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދުވެސް ދެއްވާފައިވެއެވެ.

ވެންޓިލޭޓަރުގެ މައްސަލަ ދެފަހަރެއްގެމަތިން ބަލައި ދަޢުވާކުރަން ފޮނުވުމުންވެސް ދެފަހަރުވެސް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުންވަނީ ދަޢުވާ ނުކުރަން ނިންމަވާފައެވެ. ސަބަބެއްކަމަށް ވިދާޅުވަނީ ޖިނާޢީ ދަޢުވާއެއް ސާބިތުކުރަން ބޭނުންވާ "އުންޞުރުތައް" މިތަޙްޤީޤުގައި ފުރިހަމަ ނުވުމެވެ. ހެކި ނެތިގެން މިމައްސަލާގައި ދަޢުވާ ނުކުރައްވަން ޕީޖީ ނިންމެވުމުން ވަރަށްގިނަބަޔަކު އަންނަނީ އޭސީސީއާއި ޕީޖީއާއި ސަރުކާރަށް ފާޑުކިޔަމުންނެވެ. ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބޭފުޅުންވެސް މިކަމުގައި ފާޑުވިދާޅުވެ އޭސީސީގެ މެންބަރުންނާއި ޕީޖީ ޙުސައިން ޝަމީން އިސްތިއުފާދެއްވުމަށް ގޮވާލައްވާފައިވެއެވެ. އަދި އެބޭފުޅުން މަޤާމުން ވަކިކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަންޖެހޭކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

މިފަދަ ދަނޑިވަޅެއްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ ރައީސާ ވިދާޅުވެފައިވަނީ އެކޮމިޝަނުގެ މެމްބަރުކަމާ ޙަވާލުވެވަޑައިގަތީ ކުރިމަތިވާނެ ޕްރެޝަރާއި މަސައްކަތުގެ ބުރަކަން ރަނގަޅަށް ދެނެވަޑައިގެން ހުންނަވާކަމަށެވެ. ކޮމިޝަނުގެ މަސައްކަތުގައި މިހާތަނަށް ފާއިތުވި ދުވަސްތަކައިވެސް ކޮމިޝަނުން ތަޙްޤީޤުކުރި ބައެއް މައްސަލަތަކުގެ ނަތީޖާ ނިކުތް ގޮތާމެދު ހިތްހަމަނުޖެހިގެން  އޭސީސީގެ މެންބަރުން މަޤާމުން ދުރުކުރުމާމެދު މަޝްވަރާކޮށް އެބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށްވެސް މަސއްކަތްކޮށްފައި އެބަހުރިކަމަށެވެ. އެހެންނަމަވެސް އޭސީސީން ބަލާ މައްސަލައެއްގެ ނަތިޖާ ނިކުންގޮތަކުން ހިތްހަމަނުޖެހޭ ކޮންމެފަހަރަކު ކޮމިޝަނުގެ މެމްބަރުން މަޤާމުން ދުރުކުރުމަށް މަސައްކަތްކުރުމަކީ އެކޮމިޝަނައި މެމްބަރުންގެ މިނިވަންކަމަށް ހުރަސް އެޅޭކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ޝިއުނާ ވިދާޅުވިއެވެ.

އޭސީސީންވެސް އަދި ތަޙްޤީޤީ އެހެން އިދާރާތަކުންވެސް ބަލާ ކޮންމެ މައްސަލައަކީ ކޮންމެފަހަރަކު އެންމެފުރިހަމަ ނަތީޖާ ނުކުންނާނެ މައްސަލައަށް ނުވާނެކަމަށާ، އެފަދަ ޙާލަތްތަކުގައި އެކި ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުން ހުންނާނެކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާ، އެހެންނަމަވެސް މައްސަލައެއް ހަމަ ނިމޭ ކޮންމެފަހަރަކު އެނިމޭގޮތަކުން މެމްބަރުން މަޤާމުން ވަކިކުރަން މަސައްކަތްކުރަންޏާ، އެއީ އިންސާފުވެރިކަމާއި މިނިވަންކަމާއެކު މަސައްކަތްކުރުމަށް ކުރިމަތިވާ ހުރަހެއްކަމަށް ޝިއުނާ ވިދާޅުވިއެވެ.

ވެންޓިލޭތަރުތަކުގެ މައްސަލާގައި ދަޢުވާ ނުކުރަން ނިންމުމުން، އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެރިކަންކުރާ މައިޕާޓީ، އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މަޖިލީހަށް މައްސަލަ ހުށަހެޅުމުގެކުރިން އެކަން ހުށަހަޅަން ފެނޭތޯ ބެލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެތެރޭގައި ވޯޓެއް ނެގުމުން މައްސަލަ ހުށަހަޅަން ފާސްވެފައި ނުވެއެވެ.

ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައި ނުގެންނެވި ސަބަބެއް ސާފުނުވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ ރައީސް ނަޝީދު ބައްދަލުވުމުގައި ބައިވެރިނުވީ ރައީސް ނަޝީދު ބޭނުންވި އަދަދަށް ވޯޓު ހަމަނުވާކަން ޔަގީން ވުމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.