ރިޔާސީ އިންތިޚާބުގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ.
މުށި ޕާޓީގެ ލީޑަރު ނަސީރުގެ ވާހަކަފުޅު އަޑުއަހަން ވަރަށް ގިނަ މީހުން އެއްވިއެވެ.
އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ.
ސަރުކާރުން އެ ގެންދަނީ ފާޅުގައި ވައްކަން ކުރަމުންނެވެ.
ކޮރަޕްޝަން އޮތީ އިންތިހާއަށެވެ
ގައުމު ދަރައި ވިކިއްޖެއެވެ.
ރައްޔިތުން ބިކަހާލުގައި ޖެހިއްޖެއެވެ.
މި މުސީބާތުން ސަލާމަތް ވާނީ މުށި ޕާޓީއަށް ވޯޓު ދީގެންނެވެ.
މުށި ޕާޓީއަށް ވޯޓު ދިނީމާ ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރިވާނެއެވެ.
ގައުމު ދަރަނިން ސަލާމަތް ވާނެއެވެ.
ވައްކަމާއި ކޮރަޕްޝަން ހުއްޓުވާނަމެވެ.
ރައްޔިތުން މުށި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދީފިއެވެ.
ނަސީރު ހުންނެވީ އުފާފުޅުންނެވެ.
ހިނިފުޅުވަޑުވަނީއެވެ.
އެކަމަކު ހާލަތަކަށް ބަދަލެއް ނައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ކުރިއަށް ދަނީއެވެ.
މުށި ޕާޓީގެ ރައީސް ނަސީރު ވިދާޅުވިއެވެ.
އެންމެ ބޮޑަށް ފަސާދަވެފައި އޮތީ ޝަރުއީ ދާއިރާއެވެ.
އެ ދާއިރާ އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅަށް ދީގެން ސަލާމަތެއް ނުވާނެއެވެ.
މުށި ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭށެވެ
ޝަރުއީ ދާއިރާ އިސްލާހު ކުރާނަމެވެ.
ބޯހިޔާވަހިކަން ހޯދައިދޭނަމެވެ.
ކޮރަޕްޝަން ހުއްޓުވާނަމެވެ.
ވައްކަމުގެ މަގު ބަންދު ކުރާނަމެވެ.
ރައްޔިތުން މުށި ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް މުށި ޕާޓީއަށް ދީފިއެވެ.
ނަސީރު ހުންނެވީ އުފާފުޅުންނެވެ.
ހިނިފުޅުވަޑުވަނީއެވެ.
އެކަމަކު ހާލަތަކަށް ބަދަލެއް ނައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެއްޖެއެވެ.
މުށި ޕާޓީގެ ރައީސް ތަގުރީރު ކުރައްވަނީއެވެ.
ކައުންސިލްގެ އަޣުލަބިއްޔަތު ނުލިބި ރާއްޖެ ތަރައްގީއެއް ނުކުރެވޭނެއެވެ.
ތަރައްގީ އޮތީ ލާމަރުކަޒީ ނިޒާމުގައެވެ.
އެ ނިޒާމު ދަންނަނީ މުށި ޕާޓީއެވެ.
ރައްޔިތުން މުށި ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދީފިއެވެ.
ހުރިހައި ކައުންސިލެއް މުށި ޕާޓީއަށް ލިބިއްޖެއެވެ.
ނަސީރު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފައެވެ.
ލޯފުޅު ހުރީ ރަތްވެފައެވެ.
އަނގަފުޅުން އަލިފާން ނުކުންނަ ކަހަލައެވެ.
އަޑުފުޅުގެ ކޮޅަށް ހަޅޭއްފުޅުލައްވައިގެންފިއެވެ.
ބަލަގަ މޮޔައިންނޭވެ!
ކަލޭމެންނަކަށް ނުވިސްނޭ ހެއްޔެވެ؟
ކަމެއް ނުކޮށް ތިބެ ދައްކާނޭ ބަހަނާ ހުސްވެއްޖެއެކޭ ހިތަކަށް ނާރާ ހެއްޔެވެ؟
ތިޔަ ދިނީ ކޮންފަދަ ބޮޑު ލަނޑެއް ހެއްޔެވެ؟