ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑު އޮޅި، ސުވޭސް ކެނެލަށް ހުރަސްވެފައި ހުރި ބިޔަ އާގުބޯޓު 'އެވަރ ގިވެން' އެތަނުން ދުރުކޮށް، އެ ކަނޑުއޮޅި ދަތުރުފަތުރަށް އަލުން ހުޅުވާލަން ހަފުތާތަކެއް ހޭދަވެދާނެކަމަށް، އެބޯޓު ފުންކުރުމަށް މަަސައްކަތްކުރާ ކުންފުނިން ބުނެފިއެވެ.
ގަދަވަޔާއި ވެލީގެ ޠޫފާނެއްގެ ތެރޭގައި، ކެނެލަށް ހުރަސްވެ ތާށިވެފައިވާ 400 މީޓަރު (1312 ފޫޓު) ދިގު ބޯޓު އެހެން ހުރުމުގެ ސަބަބުން ޔޫރަޕުން އޭޝިޔާއަށް އަދި އޭޝިޔާއިން ޔޫރަޕަށް ދަތުރުކުރާ ހުރިހާ ބޯޓެއް ވަނިީ ކެނެލުގެ ދެފައެވެ. އޭގެތެރޭގައި ތެލާއި، ކާބޯތަކެތި އުފުލާ ބޯޓުފަހަރު ހިމެނެއެވެ.
ސުވޭސް ކެނެލްގެ ކަންކަން ބަލަަަހައްޓާ ސުވޭސް ކެނެލް އޮތޯރިޓީ (އެސްސީއޭ) އިން ބުނި ގޮތުގައި، އެ ކެނެލުގައި ކައްޗަކަށް ތާށީވެފައި ހުރި ބިޔަ ބޯޓު އެއްފަރާތްކުރެވޭތޯ އަށް ޓަގުބޯޓު ދަނީ މަސައްކަތްކުރަމުންނެވެ.
ބޯޓުފަހަރަގެ ދަތުރުތައް ޓްރެކްކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި މިހާރު ސުވޭސް ކެނެލްގެ ދެ ކޮޅުގައި 206 ބޯޓު ދަތުރުނުކުރެވި އެބައޮތެވެ. އޭގެ ތެރޭގައި އާއްމު މުދާ އުފުލާ ބޯޓުފަހަރުުގެ އިތުރަށް ކޮންޓޭނާ ބޯޓާއީ، ތެޔޮ ޓޭންކަރާއި ގޭސް ޓޭންކަރު ހިމެނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި ސުވޭސް ކެނަލް އެތައް ދުވަހަކަށް ބަންދުވުމުން މުދާ އިތުރަށް ތާށިވެ، ބައެެއް ގައުމުތަކަށް މުދަލާއި، ތެލުގެ ދަތިކަން ފޯރައި މުދަލާއި ތެލުގެ އަގު މައްޗަށް ދާނެކަމަށް ލަފާކުރެވެއެވެ.
"އެ ބޯޓު ވައްތަރީ ގޮނޑުދޮށަށް ބީހިފައި އޮތް ބޮޑުމަހަކާ، ވެލިގަނޑު މަތީގައި (ގުޑުވާލެވޭވަރަށް ވުރެ) އެ މާ ބަރު. އަހަރުމެންނަށް ބޯޓުގައި ހުރި ކޮންޓޭނާތަކާއި، ތެލާއި ފެން ބޭލުމާއި، ޓަގުބޯޓު ބޭނުންކުރުމާއި، ބޯޓުގެ ކައިރިން ކޮނެ ފުންކުރުމާއި، (މިތިންކަން) އެކުގައި ކުރަން ޖެހިދާނެ." އެވަރ ގިވެންގެ ޓެކްނިކަލް ކަންކަން ބަލަހައްޓާ ބާނާޑް ޝުލްޓް ޝިޕް މެނޭޖްމަންޓް (ބީއެސްއެމް) ކުންފުނިން ބުންޏެވެ.
ދުނިޔޭގެ އެންމެ ބިޔަ އާގުބޯޓުގެ ތެެރޭގައި ހިމެނޭ އެވަރ ގިވެން އަކީ ޓައިވާނުގެ އެވަރގްރީން ކުންފުނިން ދުއްވާ ކޮންޓޭނާ ބޯޓެކެވެ. 2 ލައްކަ 20 ހާސްޓަނުގެ މުދާ އުފުލުމުގެ ގާބިލުކަން ލިބިފައިވާ މި އާގުބޯޓުގައި އެއްފަހަރާ 20 ފޫޓުގެ 20 ހާސް ކޮންޓޭނާ އުފުލެއެވެ. ސުވޭސް ކެނެލް ތެރޭގައި މި ބޯޓު ތާށި ވިއިރު، ބޯޓު ދަތުރުކުރަމުން ދިޔައީ ޗައިނާއިން ނެދަރލޭންޑްސް ރޮޓަޑާމްއަށެވެ.
މެޑިޓަރޭނިއަން ކަނޑުން ރަތް ކަނޑަށް ނުކުމެވޭ ގޮތަށް މިސްރުގެ މައި ބައްރާއި، ސައިނާއީ ޕެނިންސިއުލާ ގުޅުނު ހިސާބުން ކޮނެ 1869 ވަނަ އަހަރު ހުޅުވި ސުވޭސް ކެނެލުގައި އަދި މިހާ ބޮޑު ބޯޓެއް ތާށިވެފައި ނުވެއެވެ. ދުނިޔޭގައި ކަނޑުމަގުން އުފުލާ މުދަލުގެ %12 މުދާ ހުރަސްކުރާ މި ކެނަލުން މިސްރަށް ބޮޑު އާމްދަނީއެެއް ލިބެއެވެ. ފާއިތުވި އަހަރުވެސް ސުވޭސް ކެނެލުން މިސްރުގެ އިގުތިސާދަށް 5.61 ބިލިއަން އެމެރިކާ ޑޮަަލަރު ވަދެފައި ވެއެވެ.