އިސްރާއީލުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގެ އެގިޒިޓް ޕޯލް ނަތީޖާ ދައްކާގޮތުން މިފަހަރުވެސް އެއްވެސް ބަަޔަކަށް އަޣުލަބިއްޔަތު ނުލިބުނެވެ. މިއީ އިސްރާއީލުގައި 2 އަހަރުދުވަހުގެ ތެރޭގައި ބާއްވާ 4 ވަނަ އިންތިޚާބެވެ. ކުރީގެ 3 އިންތިޚާބުވެސް ނިމުނީ އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބިއެވެ.
މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓިންނެވެ. އެޕާޓިން ވަނީ 30 ގޮނޑި ކާމިޔާބުކޮށްފައެެެވެ. އެހެންނަމަވެސް މިއީ 120 ގޮނޑީގެ ކްނެސެޓް (އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް) ގެ އަޣުލަބިއްޔަތަށް ބޭނުންވާ 61 ގޮނޑިއާ ކައިރިކުރާ އަދަދެއްވެސް ނޫނެވެ.
ދެވަނައަށް އެންމެ ގިނަ ގޮނޑި ހޯދާފައިވަނީ މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ، ޢަލްމާނީ (ސެކިއުލާ) ޕާޓީ ޔޭޝް އަތިދް އެވެ. އެޕާޓީން ވަނީ 17 ގޮނޑި ކާމިޔާބުކޮށްފައެވެ. އެންެމެ ފަހުން އެކުލަވާލި ކޯލިޝަން ސަރުކާރުގައި ނަތަންޔާހޫގެ ބައިވެރިއަކަށް ހުރި ބެނީ ގަންޓްޒްގެ ބްލޫ އެންްްޑް ވައިޓް ޕާޓީއަށް 8 ގޮނޑި ލިބުނު އިިރު، އިސްރާއީލު އަރަބިން ތަމްސީލުކުރާ ޖޮއިންޓް ލިސްޓުންވެސް ވަނީ ކްނެސެޓްގެ 8 ގޮނޑި ކާމިޔާބުކޮށްފައެވެ.
އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކޯލިޝަނަށް ލިބެނީ 60 ގޮނޑިއެވެ. އަދި އޭނާއާ އިދިކޮޅު ކޯލިޝަނުންވެސް ވަނީ 60 ގޮނޑި ހޯދާފައެވެ. އެހެންކަމުން، ކުރިއަށް ދުވަސްތަކުގައި އަނެއްކާވެސް އިސްރާއީލު މިވަނީ ސިޔާސީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
މި އިންތިޚާބުގެ ނަތީޖާއަކީ ކަނާތު ފިޔައިގެ ޕާޓީތަކަށް ލިބުނު "ބޮޑު ކާމިޔާބީއެއް" ކަމަށް މިހާރު އުމުރުން 71 އަހަރު ވެފައިވާ ނަތަންޔާހޫ ސިފަކުރިނަމަވެސް، އޭނާއަށް އަޣުލަބިއްޔަތު ހޯދައިދީ، ސަރުކާރު އެކުލަވާލުމުގައި އޭނާއާއި ބައިވެރިވާނެ ޕާޓީއެއް ހޯދަމުންނެވެ. ހަރުކަށި ދީނީ ޕާޓީ ޔަމީނާގެ ލީޑަރު އަދި ކުރީގެ ދިފާއީ ވަޒީރު ނަފްތަލީ ބެނެޓްއަށް ނަތަންޔާހޫ ގުޅައިގެން ވާހަކަ ދެއްކި ނަމަވެސް އޭނާ އަދި ބުނެފައި ވަނީ "ނަތަންޔާހޫގެ ޖީބަށް ވެއްޓެން" ބޭނުން ނުވާ ކަމުގައެވެ.
އިންތިޚާބަކަށް ފަހު އިންތިޚާބެއް ވާއްވަން ޖެހުމުން އިސްރާއީލުގެ ރައްޔިތުން ވަނީ ވޯޓުލުމަށް ފޫހިވެފައެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން %71.5 ވޯޓުލީއިރު، މިފަހަރު ވޯޓުލާފައި ވަނީ %67.2 އެވެ.