އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޓެންޒޭނިޔާގެ ރައީސު ޖޯން މަގުފުލީ އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 61 އަަހަރުގައި މަގުފުލީ އަވަހާރަވީ އޭނާއަށް ކޮވިޑް-19 ޖެހިފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
"އަހަރުމެންގެ ހިތްވަރުގަދަ ޒައީމު، ރިޕަބްލިކް އޮފް ޓެންޒޭނިޔާގެ ރައީސު ޖޯން ޕޮމްބޭ މަގުފުލީ 17 މާރިޗު 2021 ވަނަ ދުވަހު ހަވީރު 6 ޖެހިއިރު (ރާއްޖޭ ގަޑިން ރޭގަނޑު 8 ޖެހިއިރު) އަހަރުމެންނާ ވަކިވެވަޑައިގެެންފައިވާކަން ފުން ހިތާމައާއެކު ތިޔަ އެންމެހާ ބޭފުޅުންނަށް އަންގަން." ގައުމީ ޓީވީން ދެއްވި ބަޔާނެއްގައި ނާއިބު ރައީސާ ސާމިޔާ ސުލުހު ހަސަން ވިދާޅުވިއެެވެ.
ނާއިބު ރައީސާ ހާމަކުރެެއްވި ގޮތުގައި ރައީސު މަގުފުލީ އަވަހާރަވީ ޓެންޒޭނިޔާގެ އެންމެ ބޮޑު ރަށް ދާރުއްސަލާމްގެ ހޮސްޕިޓަލެެއްގައި ހިތުގެ އާލާސްކަފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަދި އޭނާއަކީ ވަރަށް ކުރިއްސުރެ ހިތުގެ އާލާސްކަންފުޅަ ފަރުވާ ހޯއްދަވަމުން ގެންދެވި ބޭފުޅެއްކަަންވެެސް ނާއިބު ރައީސާ ފާހަގަކުރެއްވިއެވެ.
ރައީސު އަވަހާރަވުމާ ގުޅިގެން ޓެންޒޭނިޔާގެ ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށް ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.
ރައީސު މަގުފުލީ އަވަހާރަ މިވީ އާއްމުންނަށް އޭނާ ނުފެންނަތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އޭނާ އިންޑިޔާގައި ނުވަތަ ކެންޔާގައި ކޮވިޑް-19 އަށް ފަރުވާހޯއްދަަވަމުން ގެންދަވަނީ ކަމުގައެވެ.
މަގުފުލީއަކީ އެފްރިކާގެ ލީޑަރުންގެ ތެރޭން ކޮވިޑް-19 އާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ދެކޮޅު ހައްދަވަމުން ގެންދެވި އެންމެ ފާހަގަކޮށްލެވޭ އެއް ލީޑަރެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ދުއާކޮށް، ފަތްޕިލާވެލީގެ ފަރުވާހޯދުމުން އެ ބަލި ރަނގަޅުވާނެ ކަމުގައެވެ.
ޓެންޒޭނިޔާގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސު މަގުފުލީ އަވަހާރަވުމުން ދެން މަގާމާ ހަވާލުވެވަޑައިގަންނަވާނީ ނާއިބު ރައީސާ ސާމިޔާ ސުލުހު ހަސަންއެވެ. އަދި މަގުފުލީ ރިޔާސީ ދައުރުގެ ބާކީ އޮތް ބައިގައި ރައީސުކަމުގައި ހުންނަވާނީ އޭނާއެވެ. މަގުުފުލީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އަދި ދެވަނަ ރިޔާސީ ދައުރު ހަމަވާނީ 2025 ވަނަ އަހަރުގައެވެ.
ކޮވިޑް-19 ޓެންޒޭނިޔާގައި ފެތުރެމުން ދާކަން އިންކާރުކުރައްވައި، މާސްކު އަޅުއްވަން ދެކޮޅު ހައްދަވަމުން ގެންދެވި މަގުފުލީ ވަނީ އޭނާ އަވަހާރަވުމުގެ އެއް ހަފުތާ ކުރިން ކޮވިޑް-19 ޓެންޒޭނިޔާގައި ފެތުރެމުން ދާކަމަށް އެއްބަަސްވެވަޑައިގެންފައެވެ. އެއީ ޓެންޒޭނިޔާގެ ދަށުގައި އޮންނަ، ދާޚިލީ މިނިވަންކަން ލިބިފައިވާ ޖަޒީރާއެއް ކަމަށްވާ ޒެންޒިބާރު (ޒެންޖިބާރު) ގެ ނާއިބު ރައީސު އެބަލީގައި އަވަހާރަވުމުންނެވެ.