ކޮވިޑް-19 އާ ދެކޮޅަށް ބޭންކުރުމަށް އޮކްސްްފޯޑް ޔުނިވަސިޓީއާ އާސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފެއްދި ބޭނުންކުރުން ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން މިހެން ބުނެފައި ވަނީ، އާސްޓްރާ ވެކްސިން ޖެހުމުން ލޭގެ ތެރޭގައި ގަނޑު ލޭކޮޅު (ބްލަޑް ކްލޮޓް) އުފެދޭ ގޮތް ބައެއް މީހުންނަށް ދިމާވާކަމަށް ބުނެ ޔޫރަޕްގެ ބައެއް ގައުމުތަކުން އެ ވެކްސިން ޖެހުން ހުއްޓާލާފައި ވަނިކޮށެވެ.
ޑަބްލިޔުއެޗްއޯއިން އިތުރަށް ބުނި ގޮތުގައި އެ ޖަމްއިއްޔާގެ ވެކްސިން އެޑްވައިޒަރީ ކޮމިޓީން އަބަދުވެސް ދަނީ ވެކްސިންގެ ރައްކާތެރިކަމާ ގުޅޭ ޑާޓާ ބަލަމުންނެެެވެ. އަދި ލޭގައި ގަނޑުކޮޅު އުފެދުމާ ވެކްސިންއާ އެއްވެސް ގުޅުމެއް ހުރިކަމުގެ އެއްވެެސް ހެއްކެއް ފެނިފައި ނުވެއެވެ.
"އަހަރުމެން (ވެކްސިން ޖެހުމާއިގެން) ކުރިއަށް ދިއުމާމެދު އަދިވެސް އަހަރުމެންނަށް ޔަގީންކަން އެބައޮތް." ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޯމްޔާ ސްވާމީނާތަން ވިދާޅުވިއެވެ.
"ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 ވެކްސިންގެ 350 މިލިއަން ޑޯޒަށްވުރެ ގިނައިން ވަނީ ޖަހާފައި، އަދި މިހާތަަނަށް އެ ވެކްސިން ޖެހުމުގެ ސަބުން އެއްވެސް މީހަކު މަރުވިކަމަށް ރިޕޯޓުކޮށްފައި ނުވޭ." ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެެވެ.
ޔޫރަޕްގެ ގައުމުތައް ކަމުގައިވާ ޑެންމާކް، ނޯވޭ، އައިސްލޭންޑް، އިޓަލީ އަދި ރޯމޭނިޔާއިން ވަނީ އެ ގައުމުތަކުގައި އާސްޓްރާޒެނެކާ ވެކްސިން ޖަހަން ފެށުން ލަސްކޮށްފައެވެ. ނުވަތަ އެ ވެކްސިން ޖެހުން ވަރަށް ބޮޑަށް މަދުކޮށްްފައެވެ. އަދި އޭޝިޔާގެ ގައުމެއް ކަމަށްވާ ތައިލޭންޑުން ވެސް ވަނީ އިއްޔެ އާސްޓްރާޒެނެކާ ވެކްސިން ޖަހަން ފަށަން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، އެކަށް ފެށުން ލަސްކޮށްފައެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން އާސްޓްރާޒެނެކާ ވެކްސިން ޖެހުން ހުއްޓާލީ ޑެންމާކުގައި އެ ވެކްސިން ޖެހި ފަހުން ލޭގެތެރޭގައި ގަނޑު ލޭކޮޅުތަކެއް އުފެދުމުގެ ސަބަބުން އަންެހެނަކު މަރުވުމުންނެވެ.
ޔޫރަޕިއަން މެޑިސިން އެޖެންސީން ވެސް ގޮވާލާފައި ވަނީ އާސްޓްރާޒެނެކާ ވެކްސިން ޖެހުމާއިގެ ކުރިއަށް ދިއުމަށެވެ. އެ އެޖެންސީން ބުނެފައި ވަނީ އެ ވެކްސިނަކީ ހުއްޓާލަން ޖެހޭވަރަށް ވުރެ އޭގެ ފައިދާ ބޮޑު ވެކްސިނެއް ކަމުގައެވެ.
ޑަބްލިޔުއެެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މަރިއަންޖެލާ ސިމާއޯ ވިދާޅުވިގޮތުގައި އާސްޓްރާޒެނެކާ ވެކްސިންްގެ ތެރެއިން މައްސަލަ ހުރިކަމަށް ބުނާ ބެޗްތަކަކީ ޔޫރަޕްގައި އުފައްދާފައިވާ ބެޗްތަކެކެވެ. ޑަބްލިިޔުއެޗްއޯއިން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ގަމުތަކަށް ފޮނުވަމުން ދަނީ އިންޑިޔާއާއި، ދެކުނު ކޮރެޔާގައި އުފައްދާފައިވާ ބެޗްތަކުގެ ވެކްސިނެެވެ.