
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަޙްމަދު މަލީޙް ޖަމާލުގެ އިތުބާރު ނެތް މައްސަލައިގައި އެމަނިކުފާނު ބޭނުންފުޅުވީ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވެއްޖެއެވެ. މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުން ސޮއި ކުރައްވައި މަލީޙްގެ އިތުބާރެއް ނެތް ކަމަށް އޮތް ލިޔުމެއް އެމަނިކުފާނަށް ފޮނުއްވި ކަމުގައެވެ. އެ ލިޔުމާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރއްޔާގެ ކޮމުއިނިކޭޝަން ޗީފް މަލީޙާ ވާހަކަފުޅު ދެއްކެވި ކަމުގައެވެ. މަލީޙް ބޭނުންފުޅުވީ ސީދާ މަޖިލީހަށް ވަޑައިގެން ދިފާޢުގައި ވާހަކަފުޅު ދައްކަވާށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވަޒީރަކަށް އޮންނަ އިތުބާރު އެމަނިކުފާނަށް ގެއްލިއްޖެނަމަ އެކަމާ އަޅުއްވަން އޮތް ފިޔަވަޅެއް އަޅުއްވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ވަޒީރެއްގެ އިތުބާރު ގެއްލިއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ ސީދާ އެމަނިކުފާނަށް އެކަން އެންގެވުމެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުން ވަކި ކުރައްވާ ގޮތާ ބެހޭ ގޮތުން ސީދާ ޖަވާބެއް ރަީސުލްޖުމްހޫރިއްޔާ ނުދެއްވައެވެ. އެކަމަކު އެކްނަ މިހާރު ހިނގާ ގޮތް އެމަނިކުފާނަށް އެހައި ރަނގަޅު ނޫންކަން ދޭވަހާ ކަހަލަ ގޮތަކަށް ވާހަކަފުޅު ދެެއްކެވިއެވެ. ވިދާޅުވީ 2008 ގައި އޮތް އެމްޑީޕީ ސަރުކާރުގައިވެސް މެންބަރުންނަށް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ދިމާވެއެވެ. އޭރި އެކަން ނިންމަމީ "އިންޓަރނަލް" (އެތެރތޭގެ) ކަމެއްގެ ގޮތުގައި ކަމަށެވެ،