އާޚިރަތް ދުވަސް ހަނދާން ކޮށްދީ ގިނަގިނައިން އެވާހަކަ ދެއްކުމަކީ ކުރަންޖެހޭ، ވާޖިބު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކުރެއްވީ ގިޔާމަތް ދުވަހަށެވެ. ގިޔާމަތް ދުވަހަށް އީމާން ވުމަކީ އީމާން ކަމުގެ ރުކުންތަކުގެ ތެރެއިން ވާކަމެއްކަން ހަނދާން ކޮށްދެއްވައި އެދުވަހަށް އީމާންވާނީ ކިހިނެއްކަން ވެސް ޚުޠުބާގައި ވަނީ ހާމަކޮށް ދެއްވައިފައެވެ. އެއީ ހަމަކަށަވަރުން އަންނާނެ ދުވަހެެއްކަމާއި ދުނިޔޭގައި ވާހައި އެއްޗެެއް ފަނާވެދާނެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، ކަށްވަޅުގައި ދެ މަލާއިކަތުން ސުވާލު ކުރައްވާނެކަމާއި އެއަށްފަހު ފުރާނަ އަޅުއްވައި، މަޙްޝަރަށް ފޮނުއްވޭނެކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތައް މީޒާނުން ކިރުއްވާނެކަމާއި ޢަދުލަށް ހިސާބު ބައްލަވައި ހައްގަށް ނިޔާކުރައްވައި، އަނިޔާވެރިންގެ ކިބައިން، އަނިޔާ ލިބުނު މީހުންނަށް ހައްގުތައް ދެއްވާނެކަމެވެ. ސިރާތުގެ މަގުން ދިއުމާއި، ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގެ ނިއުމަތް ދެއްވައި، ކިޔަމަން ނުގަތް އަޅުންނަށް، ނަރަކައިގެ އަޒާބު ދެއްވާނެކަމެވެ. ނަރަކައާއި ސުވަރުގެ އަކީ ފަނާވެ ދިއުމެއް ނުވާނެ ތަންތަން ކަމެވެ. އެތަންތަންގާއި ލެއްވުމަށްފަހު މަރުވުމެއް ނެތްކަމެވެ. ގިޔާމަތް ދުވަހަށް އީމާން ވުމަކީ މިިކަންކަން ހިތުގައި ތެދުކޮށް ކަށަވަރު ކޮށްގަތުން ކަން ޚުތުބާގައި ހަނދާން ކޮށްދެއްވިއެވެ.
"އާޚިރަތް ދުވަހަކީ ވަރަށް ކައިރީގައިވާ ދުވަހެކެވެ. އެދުވަސް ދެނެވޮޑިގެން ވަނީ ހަމައެކަނި މާތްﷲ އެވެ. އެދުވަހަކީ މޮޅިވެރިކަމާއި ހިތާމައިން ފުރިގެންވާ ހާލު ހިތްތައް ކަރުތެރެއަށް އަރައިގެން އަންނަ ދުވަހެވެ. އާޚިރަތް ދުވަހާމެދު ގިނަގިނައިން ވާހަކަ ދެއްކުމަކީ ކުރަންޖެހޭ ކަމެކެވެ. އަމުރުވެވިގެންވާކަމެކެވެ. ވާޖިބު ކަމެކެވެ. ހަނދާން އައުކޮށްކޮށް ތިބެންޖެހޭ ކަމެކެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ގިޔާމަތްވުމުގެ އަލާމަތްތައް ފާޅުވަމުން ގޮސް އެންމެ ފަހުން ގިޔާމަތްވާ ހިނދު ދުނިޔޭގައި ތިބޭނީ އެންމެ ނުބައި މީހުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ގިޔާމަތްވުމަށް ﷲ ތަޢާލާ އިރާދަކުރައްވާ ހިނދު އެކަލާނގެ އަމުރުފުޅަށް އިސްރާފީލުގެފާނު ތާޅަފިލި ފުމެލައްވާނެކަމަށް ފާހަގަކުރެއްވިއެވެ. ފުރަތަމަ ތާޅަފިލި ފުމެލެއްވުމާއެކު، ލަހެއްްފަހެއް ނުވެ ޤިޔާމަތް ގާއިމު ވެދާނެކަން ފާހަގަ ކުރެއްވިއެވެ. ތާޅަފިލީގެ އަޑު ފުރަތަމަ އިވޭނީ މަޑުމަޑުންކަން ފާހަގަ ކުރައްވައި ފަހުން އަޑުގަދަވަމުން އަންނާނެކަމަށް ވިދާޅުވިއެވެ. އެ އަޑު ޖެހުމާއެކު މީސްތަކުން މަރުވެދާނެކަމަށް ފާހަގަ ކުރެއްވިއެވެ. އެ އަޑު އިވުމާއި މަރުވުމާ ދެމެދު ކުޑަކުޑަ ކަމެއް ކޮށްލާނެ ވަގުތުކޮޅެއްވެސް ނުލިބޭނެކަން ފާހަގަ ކުރެއްވިއެވެ.
"ތާޅަފިލި ފުމެލެވޭ ހިނދު، އެ އަޑު އެހި ކޮންމެ މީހަކު ކަރު ލަނބާލައި އުފުލާލައިފައި އެ އަޑަށް ކަނުލާ އަޑު އަހާނެއެވެ. އަދި އެއަޑު އިވުމާއެކު އޭނާ މަރުވެގެން ވެއްޓޭނެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ފުރަތަމަ ތާޅަފިލީގެ އަޑަށް ﷲ އިރާދަ ކުރެއްވި ބަޔަކު ފިޔަވައި، ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް ފަނާވެ ނެތިދާނެކަން ފާހަގަ ކުރެއްވިއެވެ. ބިން އެހެން ބިމަކަށް އަދި އުޑުތައް އެހެން އުޑުތަކަކަށް ބަދަލުކުރެވޭނެކަން ފާހަގަ ކުރެއްވިއެވެ. ދެވަނަ ތާޅަފިލި ފުމެލެއްވުމާ ދެމެދު ސާޅީސް ވާނެކަން ފާހަގަ ކުރައްވައި އެއީ ސާޅީސް އަހަރުތޯ ނުވަތަ މަސްތޯ ނުވަތަ ހަފްތާތޯ ނުވަތަ ދުވަސްތޯ މޮޅަށް ދެނެވޮޑިގެންވާނީ ގަދަ ކީރިތިވަންތަ ޖައްބާރުވަންތަ ﷲ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
ދެވަނަ ތާޅަފިލި ފުމެލެއްވުމާއެކު ހިމަފޮދު ވާރޭއެއް ވެއްސަވާނެކަން ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. ދެން ބިމަށް ދިރުންލިބި އޮށްތަކުން ގަސްތައް ފަޅައިގެން އަންނަ ބީދައިން ޚަލްގުތަކުން އަލުން ދިރިގެން ކަށްވަޅުތަކުން ތެދުވާނެކަން ފާހަގަ ކުރެއްވިއެވެ. އެއަށްފަހު އަމަލުތަކުގެ ހިސާބު ބެއްލެވުމަށްޓަކައި މަހުޝަރު ކުރެވޭނެކަން ފާހަގަކުރެއްވިއެވެ. ޤިޔާމަތް ދުވަހު މީސްތަކުން މަހުޝަރު ކުރެވޭއިރު، ތަފާތު ހެޔޮކަންތައްތަކުގެ ސަބަބުން މި އުއްމަތުގެ މީހުންނަށް ނޫރެއް ލިބިގެންވާނެކަމަށް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. މީސްތަކުން މަޙހުޝަރު ކުރެވޭނީ، ހުސްގަޔާ، ހުސްފަޔާ ދުނިޔެއަށް އުފަންކުރެއްވި ގޮތަށްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އެމީހަކު އެކަމެއްގެ މަތީގަައި މަރުވި ކަމެއްގެ މަތީގައިކަން ފާހަގަ ކުރެއްވިއެވެ.
"އެބަހީ އެމީހެއްގެ އަމަލާ އެއްގޮތަށެވެ. މާތްﷲ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހާ ކަނު މީހެއްގެ ގޮތުގައެވެ. އިޙްރާމް ބަނދެގެން ހުއްޓާ މަރުވެއްޖެ މީހާ ތަލްބިޔާ ކިޔަމުންދާ ހާލުގައެވެ. ކީރިތި ޤުރްއާނާ ދުރުހެލިވާ މީހާ، ބިރުވެރިކަމުން އޭނާގެ މޫނު ނޫވެގެންވާ ހާލުގައެވެ. ބޮޑާވެގަންނަމީހާ، ނުހަނު ނިކަމެތި ގޮތެއްގައެވެ. ކާފަރުވި މީހުން މޫނު ވަތަށް، ކަނު މަންމަން، ބީރު ބައެއްގެ ގޮތުގައެވެ." އިންސާނުން މަހުޝަރު ކުރެވޭނެ ގޮތާ ގުޅޭ ގޮތުން ޚުތުބާގައި ވިދާޅުވިއެވެ.
އާޚިރަތްދުވަހު އިރު ހުންނާނީ މީސްތަކުންނާ ނުހަނު ކައިރީގައިކަން ސައްހަ ހަދީސުން ސާބިތުވާކަމަށް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އިރުގެ ގަދަ ހޫނުގައި ގައިން ހިއްލާ ދަލުގައި ބަޔަކު ޣަރަގުވެފައި ތިބޭނެކަން ފާހަގަ ކުރެއްވިއެވެ. ތަނބިކައްޓާ ހަމައަށާއި ކަކުލާ ހަމައަށާއި މޭމައްޗާ ހަމައަށާއި އަދި ކަރާހަމައަށް މީހުން ގެނިބިފައި ތިބޭނެކަން ފާހަގަ ކުރެއްވިއެވެ.
"ކޮންމެ އިންސާނަކުމެ، އޭނާކުރާ އަމަލުތައް ކީރިތިވަންތަ ﷲ މޮޅަށް ދެނެވޮޑިގެންވާނެއެވެ. އެ އަމަލުތައް ލިޔެފައިވާ ފަތް އެދުވަހުން އެ އިންސާނާ ދެކޭނެއެވެ. ކިތަންމެ ކުޑަ އަމަލެއްވެސް އަދި ކިތަންމެ ބޮޑު އަމަލެއްވެސް އެމީހެއްގެ އަމަލުނާމާގައި ލިޔެފައިވާތީ އޭނާ ދެކޭނެއެވެ. މީސްތަކުންނަށް ކިތަންމެ ވަންހަނާވާ ގޮތެއްގައި ކޮށްފައިވާ އަމަލަކަށް ވިޔަސް މެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ﷲގެ ރަޙުމަތްވަންތަކަމުން އިންސާނާއަށް ސުވަރުގެ ވަދެވޭނެ ވަސީލަތަކީ އޭނާ ކޮށްފައިވާ ހެޔޮ އަމަލުކަމުގައިވާ ހިނދު، އަމިއްލަ ނަފުސަށް ހެޔޮއެދޭ މީހާ ހެޔޮ އަމަލުކުރުމުގައި ފަސްނުޖެހެނޭނެކަން ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. ބުއްދިވެރިއަކީ ހެޔޮ އަމަލުކުރުމުގައި ކުރިއަރައިދާ މީހާކަންވެސް ފާހަގަ ކުރެއްވިއެވެ. ހެޔޮ އަމަލަކީ ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކަލާނގެ މަނާކުރެއްވި އެންމެހައި ކަންތައްތަކުން ދުރުވެ ރައްކާތެރިވުންކަން ވެސް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ.
ގިޔާމަތްދުވަހު އެމީހެއްގެ އަމަލުނާމާ އެމީހެއްގެ ކަނާތައް ލިބިއްޖެ މީހަކީ ބާއްޖަވެރިއެއްކަމަށް ފާހަގަކުރައްވައި އުފަލުންހުރެ އޭނާގެ އަހުލުވެރިންގާތަށް ސުވަރުގެއަށް އޭނާ ދާނެކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އެމީހެއްގެ އަމަލުނާމާ އެމީހެއްގެ ވައަތަށް ލިބިއްޖެ މީހަކީ އަބާއްޖަ ވެރިއެއްކަން ފާހަގަ ކުރައްވައި އަނދައަނދާ ހުންނަ ނަރަކައަށް އޭނާ ވަންނާނެކަމަށް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.