އިންްތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އެންމެ ފަހުން އިންތިޚާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އިންތިޚާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިޚާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީޚުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން، ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށެވެ.
އެޗްޕީއޭއިން އިން ކަނޑައަޅައިފައވާ އުޞޫލުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގަރާމްގައި ވާހަކަފުޅުދަކަވަމުން އީސީގެ ރައީސް އަޙުމަދު ޝަރީފު ވިދާޅުވީ އިންތިޚާބަކީ ވަރަށް ބޮޑު އިޖުތިމާއީ ހަރަކާތެއް ކަމަށެވެ. ނަމަވެސް މިހާރު އެކަން އެގޮތަށް ބޭއްވެން ނެތްމަށެވެ. އެޗްޕީއޭއިން ގައިޑްލައިން އެކުލަވާލުމުގައި ބަލާނީ ބަލި މަޑުކަމުން ރައްކާތެރިކަން ލިބޭނެގޮތަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮމިޝަނުން އިންތިހާބު ވީހާވެސް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދަން ބޭނުންވާނެކަންފާހަގަ ކުރެއްވިއެވެ. އިންތިޚާބަކީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ އެއްޗަކަށް ވާއިރު އެޗްޕީއޭގެ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދާއިރު އެކަމަށް ހުރަސް އެޅޭކަމަށް ވިދާޅުވިއެވެ. އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އެއްފަހަރާ ވޯޓްފޮށި ހުންނަ ކްލާސްރޫމަކަށް ވައްދަން ބަލާއިރު ގައިޑްލައިންގައިވާ އުޞޫލުގައި ބުނާ ދުރުމިން ބަހައްޓައިގެން ނުބޭތިއްބޭނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޖެހޭނީ 10 މިނެޓުން ބަދަލުވާގޮތަށް ވައްދަންކަމަށް ވިދާޅުވިއެވެ. އެހެން އެކަން އޮތުމުން ސުވާލު އުފެއްދުމުގެ ފުރުޞަތު ލިބިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އެންމެ ބޮޑުކަމަކީ ގައިޑްލައިންނާ އެއްގޮތަށް ކުރިއަށް ގެންދިއުަމަށް އިތުރަށް ކުރަންޖެހޭ ޚަރަދުކަން ވެސް ފާހަގަ ކުރެއްބިއެވެ. ގައިޑްލައިނާ އެއް ގޮތަށް އިންތިޚާބު ބާއްވަން އިތުރަށް 44 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ބަޖެޓްގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައި އޮތީ 51 މިލިއަން ރުފިޔާކަން ވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ އުޞޫލުތަކާއެއް ގޮތަށް ކުރިއަސް ގެންދެވުމަށް އިތުރު އޮފިޝަލުންނާއި ވޯޓްލާ މަރުކަޒުތަކާއި ވޯޓް ފޮށިތައްވެސް އިތުރުކުރަން ޖެހިފައިވާކަމަށެވެ. އަދި ވޯޓްލުމަށް ހޭދަވާ ވަގުތުވެސް އިތުރުވާނެކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވާ ހޮނިހިރު ދުވަހުއެވެ.