މައްސަލަތަކުން ފުރިގެންވާ މިދުނިޔެ

ދުނިޔެ ހިނގަނީ އެއްވަތު ދަށުން އަނެއްވަތުމަތިންނޭ މީހުން ބުނެއުޅެއެވެ. އެކަން އެހެން އެދިމާވަނީ އެއްގޮތަކަށް ، ދުނިޔެ ނުހިނގާކަމުގެ ހެއްކެއްގެ ގޮތުގައެވެ. ދުނިޔޭގެ ހަފަރާތަށް ބަލައިލިޔަސް ، މުޅިދުނިޔެ މިވަނީ މައްސަލަތަކުން ފުރިފައެވެ. އެކަންކަމާމެދު ، އިންސާނާ ހާސްވެ ، ކަންކަމަށް ޙައްލުހޯދުމުގައި އަވަދިނެތި އުޅެން ނުޖެހޭ ފަސްގަނޑެއް ދުނިޔޭގައި ނުވެއެވެ. ހުރިހައި ގިންތިއެއްގައްޔާއި ހުރިހައި ފެންވަރެއްގައެވެ. ދުނިޔޭގެ ފެންވަރުގައިވެސް މައްސަލަތަކެވެ. ޤައުމީ ފެންވަރުގައިވެސް މައްސަލަތައް ފުނިޖެހިފައެވެ. އަދި އެކިއެކި މުޖުތަމަޢުތަކާއި ޖަމާޢަތްތަކާ އަދި ޢާއިލީ ފެންވަރުގައްޔާއި ފަރުދީ ފެންވަރުގައިވެސް މައްސަލަ ތަކެވެ. އެމައްސަލަތަކުގެ ޙައްލު ހޯދުމަށްޓަކައި ، އެތައް ބަޔަކު ، އަވަދިނެތި މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ޞުލްޙަ މަސްލަޙަތާއި ، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމާއި ، ޝާރުޢީ ނިޒާމް އަދި ދީނީ ޚިލާފުތަކާއި ، އިޤްތިޞާދީ އަދި އިޖްތިމާޢީ މައްސަލަތަކުގެ ޙައްލުހޯދުމަށްޓަކައި ހަމަ ކޮންމެ އިންސާނަކުވެސް ދުނިޔޭގައި އުޅޭ ދުވަސްކޮޅު ، ކޮންމެވެސް މަސައްކަތެއް ކުރަން ޖެހެއެވެ. ބަނޑުފުރާނަ މުއްތި ކުރުމާއި ، އިންސާނާ ދިރިހުރުމަށްޓަކައި ބޭނުންވާ ޟަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެންމެން މިއުޅެނީ އަވަދިނެތިއެވެ. ކޮންމެ ދިމާލެއް ބަލައިލިޔަސް ފެންނަނީ ، އެހެން މީހުންގެ ކަމަކަށް ވިސްނައިލެވޭވަރަށްވުރެ ބޮޑު ހާސްކަމެއްގައި ، ހަދާނެގޮތް ބޮޑުވެ ، އެމީހެއްގެ މައްސަލަ ހަމަޖެއްސުމަށްޓަކައި ، ދިރިއުޅުމާ ހަނގުރާމަ ތަނެވެ. މިލިޔުމުގައި މިބަލައިލަނީ ، ޖުމްލަގޮތެއްގައި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ މައްޗަށެވެ. ވަކި ބަޔަކަށް ނުވަތަ ވަކި ތަނަކަށް ނިސްބަތްވާ މައްސަލައެއްގެ މައްޗަށް އަޅިއަޅުވައިލުމަށްވުރެ ބޮޑަށް ، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ މައްޗަށެވެ.

ދުނިޔޭގެ އެކިބައްރުތަކަށް ނަޒަރު ހިންގައިލާއިރު ، އެފްރިކާއަކީ އެންމެ މައްސަލަތައް ބޮޑު އެއް ސަރަޙައްދެވެ. އެފްރިކާގެ ހަމަ ކޮންމެ ޤައުމަކީވެސް ތަފާތު މައްސަލަތަކުގެ ހާއްޔެކެވެ. ފަޤީރުކަމުން ފެށިގެން ، އެކިއެކި ބަލިމަޑުކަމާއި ވެރިކަމުގެ ނިޒާމާއި ދާޚިލީ ހަނގުރާމައަށްދަންދެން މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ހޫނުގަދަވުމުގެ ސަބަބުން ދަނޑުބިމަށާއި އިންސާނުންނަށްވެސް ގެއްލުން ލިބެމުން ދެއެވެ. އަދި އިޤްތިޞާދީ އެކި ކަންކަމަށް މިކަމާގުޅިގެން ނޭދެވޭ އަސަރު ކުރަމުން ދެއެވެ. ބޯން އަދި ދަނޑުބިމަށް ބޭނުންވާ ފެންމަދުވުމާ ގުޅިގެން ، އިންސާނުންގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ފެނަކީ ، އިންސާނުންނާއި ވަލުޖަނަވާރުންނަށް އެއާ ނުލައި ނޫޅެވޭނެ އެއްޗެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ ޤަރުނުގައި މުޅިއެފްރިކާ ބައްރު ވަރަށްބޮޑަށް ހޫނުވެ ، މުޅި އިންސާނިއްޔަތަށް ވަނީ ކާރިސާއަކަށްވެފައެވެ.

ޑަބްލިޔޫ އެޗްއޯގެ އެފްރިކާ މައިއޮފީހުން 23 މާރޗް 2014 ގައި ، އެބޯލާގެ ބަލި އެފްރިކާއިން ފެނުނުކަން ވަނީ އިޢުލާން ކޮށްފައެވެ. މިބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ގިނީންނެވެ. އެފްރިކާ ބައްރުގެ ހުޅަނގުގައިވާ ޤައުމުތަކަށް މިބަލި ވަރަށް އަވަހަށް ފެތުރިގެންދިޔައެވެ. 1976 ގައި އެބޯލާ އެންމެ ފުރަތަމަ ފެނުނުފަހުން ، 2014 ގައި ފެނިގެން މިދިޔައީ އެބަލީގެ އެންމެ ނާޒުކު ޙާލަތެވެ. އެހައިބާރަށް ފެތުރިގެން ދިޔައެވެ. މިބަލީގައި އެފްރިކާއިން 11 ހާސްމީހުން މަރުވެފައި ވެއެވެ. އެތައް ޢާއިލާއެއް ރޫޅި ނިކަމެތިވެ އެތައްކުދިންނެއް ޔަތީމުވެގެން ދިޔައެވެ. އިޤްތިޞާދީގޮތުން ދަތިތަކެއް ކުރިމަތިވެ ، އެތައް ވިޔަފާރިއެއް ބަނގުރޫޓުވެގެން ދިޔައެވެ. މިކަމުގެ ނޭދެވޭ އަސަރު އެތައް މިލިއަން މީހުންނެއްގެ ދިރިއުޅުމަށް ކޮށްފައި ވެއެވެ. އެފްރިކާގެ ޤައުމުތައް ބެލިފައިވަނީ ، ދުނިޔޭގައި ކަރަޕްޝަން އެންމެ މަތީ ޤައުމުތައް ކަމުގައެވެ. އަދި އެންމެ ފަޤީރު ، އެންމެ ތަރައްޤީނުވާ ، އެންމެ ޖާހިލުކަން ކުރިމަތިވެފައިވާ ޤައުމުތައްކަމުގައެވެ. 1960 އިންފެށިގެން ، އދ ގެ ޞުލަޙަ ބަލަހައްޓާ ލަޝްކަރުން ، އެފްރިކާގެ ޞުލަޙް ބަލަހައްޓަމުން އެބަގެންދެއެވެ. 60 އަހަރުވީއިރުވެސް ، އަދިވެސް އެމަސައްކަތް މެދުނުކެނޑި ކުރިޔަށް އެބަ ގެންދެއެވެ. މީގެ މާނަޔަކީ ، އެފްރިކާއަކީ ޞުލްޙަ މަސަލަސްކަން ގެއްލި ، އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތެރި ތަނެއްކަމެވެ.

ދުނިޔޭގެ ހުރިހައި ޤައުމެއްގައިވެސް ، ދުވަސްވީ މީހުންގެ ޢަދަދު އަންނަނީ މަތިވަމުންނެވެ. ކަންމިހެން އޮތުމާއެކު ، މިކަމާ ގުޅިފައިވާ ތަފާތު މައްސަލަތައްދަނީ އުފެދެމުންނެވެ. ވަޒީފާގެ ބާޒާރު ހަލަބޮލިވުމާއި ހަމަގެއްލުން އަދި ޢާއިލީގުޅުންތަކުގައި އެއްބައެއްވަންތަކަން ނެތިގެންދިއުންފަދަ ތަފާތު މައްސަލަތަކެވެ. މީގެ އިތުރަށް ފިކުރާއި ޚިޔާލާތުގެ ތަފާތުތަކާއި ދެބަސްވުންތަކާ ، ގެދޮރުގެ މައްސަލަތަކާއި ކާބޯތަކެތީގެ ތަފާތު މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ޚާއްޞަގޮތެއްގައި އިޖްތިމާޢީ ހަމަޖެހުމާއި ރައްކައުތެރިކަމަށް އަދި ސިޔާސީގޮތުން މައްސަލަޙައްލުކުރުމަށް ކުރިމަތިވާ ހުރަސްތައްވެސް މަދެއްނޫނެވެ. ދުނިޔޭގެ އާބާދީގެ ތަފާސް ހިސާބަށް ބަލާއިރު ، 2050 ހާހިސާބަށް ދާއިރު ، ކޮންމެ ހަމީހަކުން އެކަކީ ޢުމުރުން 65 އަހަރަށްވުރެ ޢުމުރު މަތިވެފައިވާނެ މީހެކެވެ. ޔޫރަޕާއި އެމެރިކާގައި ، ކޮންމެ ހަތަރުމީހަކުން އެކަކު ހުންނާނީ 65 އަހަރުން މަތީގައެވެ. އަދި ފުރަތަމަ ފަހަރަށް ، ދުނިޔޭގެ ތާރީޚުގައި 2018 ވަނައަހަރަކީ ، 5 އަހަރު ފުރޭ ޢުމުރުގެ އާބާދީއަށްވުރެ 65 އަހަރުންމަތީގެ މީހުން ގިނަވެގެންދިޔަ ތާރީޚީ އަހަރެކެވެ.

އެމެރިކާގެ ސައިންޓިސްޓުން ، 1981 ވަނައަހުގެ ޖޫންމަހު ، ހޯދި ލެބޯޓަރީ ތަޙުލީލަކުން ފާހަގަވި ބައްޔެއް ، އެއީ އެއިޑްސް ބަލިކަމަށް ކަނޑައެޅިފައިވަނީ 1983 ގައެވެ. އެއިޑްސް ބަލި ފެނުނުފަހުން ،  75 މިލިއަން މީހުންނަށްވަނީ އެއިޑްސް ޖެހިފައެވެ. އަދި 32 މިލިއަން މީހުން މަރުވެފައި ވެއެވެ. މިހާރުވެސް އެތައްމިލިއަން ބަޔަކު މިބަލީގައި ދިރިއުޅެމުން އެބަގެންދެއެވެ. އެހެންނަމަވެސް ، އެކި ފަރުވާދީގެން ، މިބަލީގައި މަރުވާ މީހުންގެ ޢަދަދު މިހާރުވަނީ ދަށް ކުރެވިފައެވެ. އަދި ބަލިޖެހޭ ކުޑަކުދިންގެ ޢަދަދުވެސް މިހާރު މައްޗަކަށް ނުދެއެވެ.

ދެވަނަ ބޮޑުހަނގުރާމަޔަށްފަހު ، ދުނިޔެ ބަށްޓަންވެގެންދިޔަގޮތުން ، ކުޑަކުދިންނަކީ ބުރަޔަކަށްވެގެން ދިޔައެވެ. ކާބޯތަކެއްޗާއި އުނުއޮރިޔާން ނިވާކުރުމަށް ނުކުޅެދިގެންވާ ކުދިން އެތައް ގުނަޔަކަށް އިތުރުވެގެންދިޔައެވެ. ޕެނިސިލިން އިންޖެކްޝަން ޖަހަންޖެހުންފަދަ ޞިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވެގެން ދިޔައެވެ. ޚާއްޞަގޮތެއްގައި ކުދިން ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް ނެތް ، ކާބޯތަކެތި ބޭނުންކުރަންޖެހުމުން ކުދިންގެ ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދިޔައެވެ. ކުޑަކުދިންގެ ސަލާމަތާއި ރައްކައުތެރިކަމަށް ނުރައްކާވާ ހިސާބަށް ދިއުމުން ، އދ ގެ ޢާންމު ޖަލްސާއިން 1950 ވަނައަހަރު ، ޤަރާރެއް ފާސްކުރިއެވެ. އެއީ ކުޑަކުދިންގެ ސަލާމަތާއި ، ތަޢުލީމާ އަދި ޞިއްޙަތާއި ނިއުޓްރިޝަން އެކުލެވޭ ކާނާ ދިނުމާއި ، އަޅައިލުމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ދުނިޔޭގެ ޤައުމުތަކުން ކަށަވަރުކުރި ޤަރާރެކެވެ.

ދުނިޔޭގެ އެއްޤައުމުން އަނެއްޤައުމަށް ހިޖުރަކުރުމަކީ ، ޒަމާނުއްސުރެ މުޅިދުނިޔޭގައި ހިނގަމުން އަންނަ ކަމެކެވެ. ކޮންމެ މީހަކުވެސް ، އެމީހަކަށް އެންމެ ރަނގަޅުގޮތް ހޯދުމަށްޓަކައި މުޅިދުނިޔޭގައި އަތުފުނާ އަޅައެވެ. އެހެންނަމަވެސް ހިޖުރަކުރުން އެއީ މައްސަލައެއްކަމަށް ބެލިގެންދިޔައީ ދާދިފަހުންނެވެ. އެއްޤައުމަކަށް މީހުން ހިޖުރަކުރުމުން އުފެދޭ ތަފާތު އިޖްތިމާޢީ މައްސަލަތައް ފާހަގަ ކުރެވި އަދި އިޤްތިޞާދީ މައްސަލަތައްވެސް ފާހަގަ ކުރެވެން ފެށުމުންނެވެ.

އުފަން ޤައުމުނޫން އެހެން ޤައުމެއްގައި ދިރިއުޅޭ ގިނަބަޔަކު ، ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅެމުން އެބަގެންދެއެވެ. އަދި މިނަންބަރު ހީވެސްނުކުރާ މިންވަރަކަށް އަހަރުން އަހަރަށް މަތިވަމން ދެއެވެ. މިސާލަކަށް ، 2010 ވަނައަހަރު ، ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ، އެއްޤައުމުން އަނެއް ޤައުމަށް ހިޖުރަކުރި މީހުންގެ ޢަދަދަކީ ، 222 މިލިއަނެވެ. 2019 ވަނައަހަރު ، މިޢަދަދުވަނީ 272 މިލިއަނަށް މަތިވެފައެވެ. ދިހަވަރަކަށް އަހަރުތެރޭގައި އެވަނީ 50 މިލިއަން މީހުން އިތުރުވެފައެވެ. ޔޫއޭއީ ފަދަ ބައެއް ޤައުމުގައި ، ތަނުގެ އާބާދިއަށްވުރެ ބިދޭސީން ގިނައިން ދިރިއުޅޭ ޤައުމުތައް ، މަދުންނަމަވެސް އެބަހުއްޓެވެ. 2018 ވަނައަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ، 70 އަހަރުގެ ތެރޭގައި 70 މިލިއަން މީހުން ، މަޖުބޫރުވެގެން ، އުފަން ޤައުމުނޫން އެހެން ޤައުމުތަކަށް ބެހިފައިވެއެވެ. މިޢަދަދަކީ ، ހަނގުރާމައާއި ދާޚިލީ ހަމަނުޖެހުމާގުޅިގެން މަޖުބޫރުވެގެން ، އުފަން ރަށް ދޫކޮށް އެކިތަން ތަނަށް ބެހިގެންގޮސްފައިވާ މީހުންގެ ޢަދަދެވެ.

ކޮންމެއަކަސް ، މިއީ ދުނިޔޭގައި އުފެދިފައިވާ މައްސަލަތަކުން ކުޑަމިންވަރެކެވެ. އެހެންނަމަވެސް ، މައްސަލައެއް ކުރިމަތިނުވާ އެއްވެސް އިންސާނަކު ދުނިޔޭގައި ނުހުންނާނެއެވެ. ދިރިއުޅުމުގައި ކަމަށްވިޔަސް ނުވަތަ ވަޒީފާގައި ކަމަށްވިޔަސް ، ތިމާގެ ވަށައިގެންވާ މާޙައުލު އޮންނަނީ މައްސަލަތަކުން ފުރިފައެވެ. ޤިޔާމަތް އައިސްފައިވާ ކަހަލައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.