މަޅުމަތި: ސިކުނޑި ދޮންނަތަން

އަހަރެން ރާއްޖެއަށް މި އައީ އެތައް އަހަރެއް ވިލާތުގައި ހޭދަކޮށްފައެވެ.
މާލެ ފެންނަނީ ފަޅު ތަނެއްގެ ގޮތުގައެވެ.
ދުއްވާ އެއްޗެއް ދޭތެރެއަކުން މަގެއް ހުރަސްކޮށްލާތަން ފެނެއެވެ.
މީހަކު ނުފެނެއެވެ.
އަހަރެން ހިނގައިގެންފީމެވެ.

* * *

ބޮޑު މަގަކުން ހިނގާފައި ދަނިކޮށް ވަރަށް ގިނަ ބަޔަކު އެއްވެފައިވާ ތަނެއް ފެނިއްޖެއެވެ.
ކައިރިވެލާފައި ބަލައިލީމެވެ.
އެމީހުން ތިބީ ބޮޑު އިމާރާތެއްގެ ދޮރުމަތީގައެވެ.
އިމާރާތުގައި ލާފައި ހުރީ ރީނދޫކުލައެވެ.
އިމާރާތުގެ ދޮރުމަތީގައި ޖަހައިފައި އޮތެވެ.
"ސިކުނޑި ދޮންނަތަން"

އަނެއްކާވެސް ހިނގައިގެންފީމެވެ.
ދެވަނަ އިމާރާތެއް ފެނިއްޖެއެވެ.
މި އިމާރާތުގައި ލާފައި ހުރީ ފިޔާތޮށިކުލައެވެ.
ދޮރުމަތީގައި އެތައް ބަޔަކު ކިޔޫގައި ތިއްބެވެ.
މި އިމާރާތުގެ ދޮރުމަތީގައިވެސް ޖަހާފައި އޮތީ އެއް އިބާރާތެކެވެ.
"ސިކުނޑި ދޮންނަތަން"

* * *

އަހަރެން މާޖިދު ކުރެން އަހައިފީމެވެ.
މިވަނީ ކީއްހެއްޔެވެ؟

* * *

މާޖިދު ބުންޏެވެ.
މިއީ ދޮންނަ މޫސުމެވެ.
ސިކުނޑި ދޮވުމަކީ ރައްޔިތުންނަށް ސިޔާސީ ޕާޓީތަކުން ހިލޭ ދޭ ޚިދުމަތެކެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އަންނަންވާއިރަށް ރައްޔިތުން ސިކުނޑި ދޮއްވަނީއެވެ.
މިތަނުން ސިކުނޑި ދޮވެފައި އައު ވިސްނުމެއް އަޅައިދޭނެއެވެ.
ސިކުނޑި ދޮވެގެން ނުކުމެގެން ދާއިރު ތިބޭނީ އައު މީހުންނަށް ވެފައެވެ.
އައު ވިސްނުމެއްގެ އަހުލުވެރިންނަށް ވެފައެވެ.

* * *

އަހަރެން އަހައިލީމެވެ.
މިއީ ކޮންމެހެން ކުރަން ޖެހޭ މުހިއްމު ކަމެއް ހެއްޔެވެ؟

* * *

މާޖިދު ބުންޏެވެ.
އާނއެކެވެ.
މިއީ ލާޒިމު ކަމެކެވެ.
އަމިއްލަ ސިކުނޑިން ނުވިސްނާ ބަޔަކަށް މިނޫން ގޮތެއް އޮންނާނޭ ހެއްޔެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.