ރައީސް ޔާމީނުގެ ޙުކުމް ބާތިލްކުރަންޖެހޭ އެތައް ނުކުތާއެއް، ފަނޑިޔާރު ޝަހީދުގެ ރަޢުޔުން!

ފަނޑިޔާރު ހުޞައިން ޝަހީދު - ފޮޓޯ:ރާއްޖެ އެމްވީ

ކުރީގެ ރައީސް ޢަބަދުﷲ ޔާމީނުގެ މަށްޗަށް މަނީ ލޯންޑްރިން ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމް ދިވެހި ރާއްޖޭގެ ހައިކޯޓުން ވަނީ ދަމަހައްޓައިފައެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައި ގައި ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހިުގައެވެ. ކުރިމިނަލް ކޯޓުން ޙުކުމްގައި ދައުވާގެ އުންސުރުތައް ފުރިހަމަވާކަމަށް ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި  ފަނޑިޔާރު ޙުޞައިން މަޒީދު ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރު މަޒީދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވައިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު ކުރިމިނަލް ކޯޓްގެ އެޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ޙުޞައިން މަޒީދުގެ ރައުޔަށް ފަނޑިޔާރު  މުޙައްމަދު ނިޔާޒު ވަނީ ތާއީދު ކުރައްވައިފައެވެ. ނަމަވެސް ބެންޗްގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުޞައިން  ޝަހީދުގެ ރަޢުޔު ތަފާތެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ދަމަހަށްޓައިފައި ވަނީ ދެފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. 

އިސްތިއުނާފުގެ ފުރަތަމަ މަރުޙަލާ ރައީސް ޔާމީނާ ދެކޮޅަށް!

 މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ކުރިމިނަލްކޯޓުން ރައީސް ޔާމީނުގެ މައްޗަށް ފަސް އަހަރުގެ ޙުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެހެންކަމުން އިސްތިއުނާފުގެ ފުރަތަމަ މަރުޙަލާ ނިމިގެން ގޮސްފައިވަނީ އެމަނިކުފާނު ޙުކުމްތަންފީޒުކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. 

ރައީސް ޔާމީންނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން އުފުލައިފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ދެފަހަރެއް މަތިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ. އަދި އިސްލާމިކް ބޭންކުގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ އެ ބޭކުންގެ އިންވެސްޓްމެންޓް އެކައުންޓެއްގައި 36 މަސް ދުވަހަށް  އިންވެސްޓްކޮށް މަންފާ ހޯދައިވާ ކަމަށް ބުނެއެވެ. މިމައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގައި އޭސީސީގެ ބޭނުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި ފައިސާގެ ބަދަލުގައި އެހެން ގޮތަކުން ހޯދި ފައިސާ ޖަމާކޮށްފައިވުމުންނެވެ. 

އިސްލާމިކް ބޭންކްގައި އޮތް ރައީސް ޔާމިންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން އެއްމިލިއަން ޑޮލަރުޖަމާކޮށްފައިވާއިރު އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އިޞްތިއުނާފުކުރުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން 75 ނުކުތާއެއް!

ކުރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން  75 ނުކުތާއެއް ހުށަހަޅާފައިވެއެވެ.  މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެތެރެއިން ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ނުކުތާތައް ތަކުރާރުވެ މަސްހުނިވެފައި ވުމުން ދިރާސާކުރުމަށް އުދަގޫތަކާ ކުރިމަތިވެ އެތައް ވަގުތެއް ހޭދަކުރަން ޖެހުނުކަން ފާހަގަ ކުރައްވައިފައެވެ. އަދި ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއިދު ކުރަންޖެހޭ ގިނަކަންތައްތަކެއް ފަނޑިޔާރު ނިޔާޒުގެ ރަޢުޔުގައި ފާހަގަ ކުރެއްވިއެެވެ. ނަމަވެސް ފަނޑިޔާރު ހުޞައިން ޝަހީދުގެ ރަޢުޔު ވަރަށް ތަފާތެވެ. ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި 75 ނުކުތާއަށް ވެސް ރިޢާޔަތްކުރައަވައިފައެވެ. އަދި އެނުކުތާ ތަކުގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިމިނަލް ކޯޓްގެ ޙުކުމް  ބާތިލް ކުރަންޖެހޭ، އިޖުރާތުތަކާ ޚިލާފު އެތައްކަންތައްތަތަކެއް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އިސްތިއުނާފީ މައްސަލަ އަށް ގޮތެެެއް ނިންމުމަށް އިއްޔެ ބޭއްވި ޝަރީޢަތުގެ މަޖިލީސް ފަސް ގަޑީއިރަށް ވުރެ ދިގު ދެމިގެން ދިޔައިރު އެންމެ ގިނަ ވަގުތެއް ހޭދަ ވެފައިވަނީ ވަނީ ވެސް މައްސަލައިގައި ފަނޑިޔާރު ޝަހީދުގެ ރަޢުޔު އިއްވަންކަން ފާހަގަ ކޮށްލެވެއެވެ. 

ރައީސް ޔާމީންގެ ޢަމަލުކޮށް ފައިވަނީ ހެޔޮނިޔަތުގައިކަމަށް ފަނޑިޔާރު ޝަހީދު ރަޢުޔުގައި ބުނޭ

ރައީސް ޔާމީންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން ޖަމާވެފައިވާ އެއް މިލިއަން ޑޮލަރާމެދު އެމަނިކުފާނު ކަންތައް ކުރެއްވި ގޮތާ ގުޅޭގޮތުން ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔާއި ފަނޑިޔާރި ޝަހީދުގެ ރަޢުޔު ވަރަށް ތަފާތެވެ.  ފަނޑިޔާރު ޝަހީދު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރާމެދު އެމަނިކުފާނު ޢަމަލު ކުރައްވައިފައިވާ ގޮތުން، އެކަމުގައި ރައީސް ޔާމީނުގެ ތެދު ނިޔަތް އޮތްކަން އެނގޭކަމަށެވެ. މަނީ ލޯންޑާ ކުރުމުގެ އެންމެ އަސާސީ އެއް އުންސުރަކީ އަސްލު އޮޅުވާލުން ކަމަށްވާއިރު ރައީސް ޔާމީން އަމަލުކުރައްވައިފައިވާ ގޮތަށް ބަލާއިރު، އެމަނިކުފާނު ޢަމަލުކުރަށްވައިފައި ވަނީ ތެދު ނިޔަތުގައިކަން ވަރަށް ސާފުކޮށް އެނގެން އޮތްކަމަށެވެ.  އޭސީސީގެ ބޭނުމަށް އެސްކްރޯ އެކައުންޓެއްގައި އެއްމިލިއަން ޑޮލަރު ބެހެއްޓުމަށް އިސްނެންގެވީ ވެސް ރައީސް ޔާމީން ކަން ފާހަގަ ކުރެއްވިއެވެ. ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ދެފަހަރެއްގެ މަތިން ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރުއެ އެކައުންޓްގައިހުރި އެހެން ފައިސާއާއެކު އިންވެސްޓްމެންޓް އެކައުންޓަށް ޖަމާ ކުރި އިރު، އެ ފައިސާ އަނބުރާ ރައްދު ކުރަން އޭސީސީ އިން ވެސް އެހެން ތަނަކުންވެސް ރައީސް ޔާމީނަށް އަންގާފައި ނުވާކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ފައިސާ އަކީ ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓު ކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، އެއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމެއް އެމަނިކުފާނަށް ޝައްކު ވާން ޖެހޭ ސަބަބެއް ނެތް ކަމަށް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ރައީސް ޔާމީން އެމައްސަލައިގައި ޢަމަލު ކުރައްވައިފައިވާ ގޮތުން އެމަނިކުފާނުގެ ނިޔަތަކީ އެއަދަދަށްވާ ފައިސާ އެސްކްރޯ އެކައުންޓުގައި ބެހެއްޓުންކަން އެނގޭކަމަށް ފާހަގަ ކުރެއްވިއެވެ. އެއްވެސް ހާލެއްގައި މަނީ ލޯންޑާ ކުރުމުގެ ނުވަތަ އެ ނޫންވެސް ޖަރީމާއެއް ހިންގުމުގެ ނުބައި ނިޔަތެއް ނެތްކަން އެ މުޅި މުއާމަލާތައް ބެލުމުން އެނގެން އޮންނަ ކަން ވެސް ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔުގައި ފާހަގަ ކުރެއްވީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ އެސްއޯއެފް އިން ޖަމާވި އެއްމިލިއަން ޑޮލަރާއެކު 36 މަސް ދުވަހަށް އިންވެސްޓް ކޮށްފައިވަނީ ވެސް އޭސީސީން އެފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން ރައީސް ޔާމީނަށް އެނގިފަހުންކަމަށެވެ. އަދި އެސްކްރޯ އެކައުންޓުގައި ފައިސާ ބެހެއްޓުމަށް ރައީސް ޔާމީން ހުށަހެޅުއްވި އިރުވެސް އެފައިސާ ފުރަތަމަ ޖަމާވި އެކައުންޓްގައި ނެތްކަން އެނގޭއިރު އެމަނިކުފާނު އޮޅުވައިލައިފައިވާކަން އެނގޭކަމަށް ވިދާޅުވިއެވެ. އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރާއެކު އެކައުންްޓްގައި ހުރި ހުރިހާ ފައިސާއެއް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް އެއިން މަންފާ ހޯދަން ފެށުމަކީ އެފައިސާ އަތުގައި ބެހެންޓުން ނުވަތަ ބޭނުން ކުރުން ކަމަށް ބެލެވޭނެކަމަށް ފާހަގަ ކުރެއްވިއެވެ. ސަބަބަކީ އެފައިސާ ހުރީ ރައީސް ޔާމިންގެ ބާރުގެ ދަށުގައި މަންފާ ލިބިލިބި ކަމަށް ވާތީކަމަށް ވެސް ފާހަގަކުރެއްވިއެވެ. އެސްކްރޯ އެކައުންޓަށް ޖަމާކުރީ ސުވާލު އުފެދިފައިވާ، އަދި އެ އެކައުންޓަށް ޖަމާކުރި ފައިސާ ނޫންކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.  ރައީސް ޔާމީން އިސްލާމިކް ބޭންކުގައި އެއްމިލިއަން ޑޮލަރު ބޭނުންކޮށްގެން ކުރެއްވި އިންވެސްޓް މަންޓް ރޫޅާލާ އޭގެތެެރެއިން އެފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން ނޫނީ ޤާނޫނުން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދު ޙާޞިލްނުވާނެކަމަށް  ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔުގައި ވިދާޅުވިއެވެ. އެފަދައިން ޢަމަލުނުކޮށް އެހެން ގޮތަކުން ހޯދި ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަކީ ހެޔޮ ނިޔަތުގައި ކުރައްވައިފައިވާކަމެއް ކަމަށް ނުބެލޭވެނެކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކުށުގެ  ނިޔަތާއި ކުށުގެ ޢަމަލާ ގުޅޭ އުންސުރު އެކަށީގެންވާ ޝައްކެތް ނެތްމިންވަރަށް ޕްރޮސެކިއުޝަނަށް ސާބިތު ކޮށް ދެވިފައިވާކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އެކަމަކީ ހެޔޮ ނިޔަތުގައި ކުރި ކަމެއްކަމަށް ރައީސް ޔާމީންގެ ފަރާތުން ސަރީޢަތަށް ސާބިތު ކުރެވޭވަރަށް ބަޔާންކޮށްދެވިފައި ނުވާކަމަށް ވެސް ފަނޑިޔާރު ނިޔާޒުގެ ރަޢުޔުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. 

އަދީބާއި ޒިޔަތުގެ ހެކިބަހަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުންވެ ބަލައިގަނެގެން ނުވާނެ- ފަނޑިޔާރު ޝަހީދުގެ ރަޢުޔު 

ރައީސް ޔާމީންގެ މައްޗަށް ޙުކުމް ސާބިތު ކުރުމުގައި ދައުލަތުން ހުށަހެޅި ހެކިން ތެރޭގައި އަޙުމަދު އަދީބާއި ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ހިމަނައިފައި ވީނަމަވެސް އެދެ މީހުންގެ ހެކި ބަހަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުންވެސް ބަލައިގެނެވޭނެ އެއްޗެއް ނޫންކަމަށް ފަނޑިޔާރު ޝަހީދުގެ  ރަޢުޔުގައި ފާހަގަކުރެއްވިއެވެ. އަހުމަދު އަދީބާއި އަބްދުالله ޒިޔަތަކީ ދިވެހި ދައުލަތަށާއި ދިވެހި ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ދެމީހުން ކަމަށެވެސް ފާހަގަ ކުރެއްވިއެވެ.  އަދި އަހުމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންގެ ޖާނު ގޮއްވާލުމުގެ ދައުވާ ސާބިތުވެފައިވާ މީހެއްކަމަށް ވެސް  ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ޝަރީއަތަށް ބަލައިގަނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި ފާހަގަ ކުރެއްވިއެވެ. 

އިސްލާމީ ޝަރީޢަތުގައިި ހެކިބަސް ދޭ މީހާގެ ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި ޢަދުލުވެރިކަމުގެ ސިފަހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ހެކިބަސްދޭފަރާތަކީ ބޮޑު ފާފައެއް ކޮށަފައިވާ މީހަކުކަމުގައި ވާނަމަ އެއީ އަދުލުވެރިކަ މުގެ ސިފަ ފުރިހަމަނުވާ، ފާސިގެއް ކަމުގައި އިސްލާމީ ޤަޟާއީ ނިޒާމުގައި އެއްވެސް ޚިލާފެއް ނެތި ބެލެވޭކަމަށްވެސް ފާހަގަ ކުރެއްވިއެވެ. ފާސިގުންނަކީ އެބައެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭނެ ފަރާތްތަކެއްކަން އިސްލާމީ ޝަރީޢަތުގެ އެންމެ އަސާސީ ދެމަސްދަރުކަމަށްވާ މާތްވެގެންވާ ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ ތަފާތު ނައްސުތަކުން ވަރަށް ސާފުކޮށް އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެނގެން އޮންނަކަމަށް ވެސް ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި ފާހަގަ ކުރެއްވިއެވެ. 

އަދީބާއި ޒިއަތުގެ ހެކި ބަސް ރައީސް ޔާމީންގެ މައްޗަށް ކުށްސާބިތު ކުރުމުގައި ބަލައިގެންފައި ވަނީ ސުޕްރީމް ކޯޓާއި ހައިކޯޓުން ކުރިން ނިންމާފައިވާ ގަޒިއްޔާތަކާ ހިލާފަށް ކަމަށްވެސް އެފަދަ ގަޒިއްޔާތަކާ ހަވާލާދެއްވައި ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި ފާހަގަކުރެއްވިއެވެ. އަދި އެދެމީހުންގެ ހެކިބަހާ ގުޅިގެން ހުށަަހެޅޭ އެއްވެސް ކިތާބީ ހެއްކެއްވެސް ބަލައިގަނެ އެއަށް ބުރަދަނެއް ދީގެން ނުވާނެކަމަށް ވަނީ ފާހަގަކުރައް ވައިފައެވެ. 

ފަނޑިޔާރު ނިޔާޒުގެ ރަޢުޔުގައި ވިދާޅުވީ  އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރުސީ ޚިޔާނާތް ހިންގުމުގެ ބައިވެރިކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އުފުލައިވައިވަނީ އެޚިޔާނާތުގައި ހިމެނޭ އެއްމިލިއަން ޑޮލަރު އޮޅުވާލުމުގެ ދައުވާކަމަށެވެ. ނަމަވެސް އެދެމީހުންނަކީ އެޢަމަލު ހިންގުމުގައި ބައިވެރި ބައެއް ނޫންކަމަށާއި ދައުވާއާ ގުޅިގެން ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު އެކަމުގައި އެހީތެރިވެ މަގުފަހިކޮށް ދިނުމުގައި އެމީހުން ބައިވެރިވެފައިވާކަން ޤަބޫލުކުރެވޭ މިންވަރަށް ލިޔުންތަކުން ފެންނަން އޮތްކަމަށެވެ.  އެހެން ކަމުން ރައީސް ޔާމީނާ ދެކޮޅަށް އެދެމީހުންގެ ހެކިބަަސް ކޯޓުން ޤަބޫލު ކުރަން ޖެހޭނީ އިތުރު މިނިވަން ޤަރީނާ ތަކެއްގެ މައްޗަށް ބެލިގެންކަމަށް ފާހަގަ ކުރެއްވިއެވެ. އެދެމީހުންގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވުމާއި، ޔާމީންގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް ބިނާވެގެންވާ ޚިޔާނާތުގައި ޝާމިލްވެ ޢަމަލީ ގޮތުން އެޚިޔާނާތް ހިންގައިދޭން އުޅުނު ފަރާތްތައްކަން އެނގެން އޮތުމުން، އެދެމީހިންގެ ކިބައިގައި ޔާމީންގެ މައްޗަށް ޢަދާވާތްތެރިކަން އޮވެދާނެކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދެއްކި ވާހަކަ ތަކުގައި ޝަރީޢަތަށް ޤަބޫލުކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެދެމީހުންގެ ހެކި ބަހުގެ މައްޗަށް ބިނާ ކޮށް ކުށް ސާބިތު ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމަކަމަށް ނުފެންނަ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އެދެމީހުންގެ ހެކިބަހުގައި ޝައްކުތަކެއް  އުފެދޭ ކަމަށާއި ނަމަވެސް އެމީހުންގެ ހެކި ބަހަށް ބާރު ލިބިދޭ ޝަފަވީ ހެއްކާއި ކިތާބީ ގިނަ ހެކިތަކެއް ހުރުމުން އެޝައްކު ކުޑަކޮށްދޭކަމަށްވެސް ފާހަގަ ކުރެއްވިއެވެ.  އެމީހުން އެކިބަސް ޤަބޫލުނުކުރެވޭނީ ހަމައެނި އެއެމީހުންގެ ހެކިބަހަށް ކަމެއް ނިންމުމުގައި ކަން ސްޕްރީމްކޯޓުގެ ގަޒިއްޔާއަކުން އެގެން އޮތްކަމަށް ވެސް ފަނޑިޔާރު ނިޔާޒުގެ ރަޢުޔުގައި ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ކުށްސާބިތުކުރުމަށް ބަލައިފައިވަނި ދެމީހުންގެ ޝަފަވީ ހެކި ބަހުގެ މައްޗަށް އެކަނި ބުރަވެ ނޫންކަން އެނގޭކަމަށް ވެސް އޭނާގެ ރަޢުޔުގައި ފާހަގަ ކުރެއްވިއެވެ. 

ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި  ހިމެނޭ އިތުރު ބައެއް ކަންކަން

ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާ ހިލާފަށް ރައުޔު އިއްވަމުން ފަނޑިޔާރު ޝަހީދު ވަނީ އިޖުރާތުތަކާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. އަދި ހުކުމް ބާތިލުކުރަންޖެހޭ ގިނަ ނުކުތާތަކެއްވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. 

ފަނޑިޔާރު ޝަހީދުގެ ރަޢުޔު އިއްވަމުން ފުރަތަމަވެސް ފާހަގަ ކުރައްވައިފައި ވަނީ ރައީސް ޔާމީނަށް އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ތާފާތު ކުރުމުގެ ތެރެއިން ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ ކަންކުރައްވައިފައިވާ މީހަކަށް ވުމަކީ ޤާނޫނޫ އަސާސީން ލިބިދޭ އެފަދަ ޙައްޤުތަކުން އުނިވަންޖެހޭ ސަބަބެއް ނޫންކަކަމަށް އޭނާގެ ރަޢުޔުގައި ފާހަގަ ކުރެއްވިއެވެ. ބައެއް މުހިންމު ނުކުތާތަކުގެ ތެރޭގައި އެސްއޯއެފް މެދުވެރިކޮށް ގިނަ ފަރާތްތަކެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން، ދައުލަތުގެ ކަމާ ގުޅުންހުރި ގިނަ އިދާރާތަކުން ނެރެފައިވާ ތަޙްޤީޤީ ރިޕޯޓްތަކުން އެނގެން އޮންނަ އިރު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް ހުކުމްކުރުމާ ހަމައަށްވެސް، އެސްއޯއެފް މެދުވެރިކޮށް އެ ފައިސާ ލިބުނު އިތުރު ފަރާތެއްގެ މައްޗަށް ދައުވާކޮށްފައި ނުވާ ކަން  ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި ފާހަގަ ކުރެއްވިއެވެ. އަދި އެމައްސަލައިގައި ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ އެކަށީގެންވާ ގޮތެއްގައި މައްސަލަ ތަޙްޤީޤްނުކޮށް ކަންވެސް ފާހަގަކުރެއްވިއެވެ. އަދި ޙުކުމުގައި ރައީސް ޔާމީން ޑޮލަރުން ޖޫރިމަނާ ކުރީ ގޯސްކޮށް ކަަމަށްވެސް  ފާހަގަ ކުރެއްވިއެވެ. މިނޫންވެސް އިޖުރާތުތަތަކާ ޚިލާފު ކިތަންމެ ކަންތައްތަކެއް ވަނީ ފާހަގަ ކުރައްވައިފައެވެ. 

ހައިކޯޓުން ރައީސް ޔާމީނާ ދެކޮޅަށް މައްސަލަ ނިމިފައިވާއިރު އިންސާފު ހޯދުމަށް ސްޕްރީމް ކޯޓްގައި ހައިކޯީޓްގެ ނިންމުން  އިސްތިއުނާފު ކުރައްވާނެކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.