އިސްލާމީ ދައުލަތުގައި ޙިސްބަތުގެ ވަޒީފާ އުފެދުނީ އިސްލާމީ ޚިލާފަތުގައި ދިރިއުޅުމުގެ ވައްޓަފާޅިތައް ތަފާތުވެ ، ފުޅައުވެ ތަރައްޤީވުމާ ވިދިގެންނެވެ. އެއީ ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައި ކަންތައް މަނާކުރުމުގެ ވަޒީފާގެތެރެއިން އުފެދުނު ދީނީ ވަޒީފާއެކެވެ. އެއީ ޙާކިމާގެ މައްޗަށް ފަރްޟު ޢައިނެކެވެ. ދައުލަތުގެ ފަރްދުންގެ މައްޗަށް އެއީ ކިފާޔަތުގެ ފަރްޟެކެވެ. [1] ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (( وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْـخَيْرِ وَيَأْمُرُونَ بِالْـمَعْرُوفِ وَيَنْهَوْنَ عَنِ الْـمُنْكَرِ وَأُولَئِكَ هُمُ الْـمُفْلِحُونَ - آل عمران: 104 – މާނައީ : ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ. ))
ޙިސްބަތުގެ މަސައްކަތް ކުރާ މީހާއަކީ މުޙްތަސިބު އެވެ. މުޙްތަސިބަށް އޮމްބަޑްސްމަން އެކޭ ނުކިޔޭނެއެވެ. ޢަރަބިބަހުގައި މުޙްތަސިބުގެ މާނައަކީ ﷲގެ ވަޖްހުފުޅު އަދައިގެން ކަމެއް ކުރުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( مَن صامَ رَمَضانَ، إيمانًا واحْتِسابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ [2] - ﷲއަށް އީމާން އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހު ރޯދަ ހިފިމީހާގެ އިސްވެދިޔަހައި ފާފަތައް ފުހެވިގެންވެއެވެ. ))
ޙިސްބަތުގެ މާނަ ފުޅައުވުން
ޙިސްބަތުގެ މާނަ ފުޅައުވެގެންގޮސް މުސްލިމުންގެ ޢާއްމު މަޞްލަހަތާ ގުޅުން ހުރި މާއްދީ ޢަމަލީ ވާޖިބުތައް ވެސް އޭގެތެރެއަށް ވަދެގެން ދިޔައެވެ. އެ ހިސާބުން އިޖްތިމާޢީ ގިނަ ކަންތައްތަކެއް ޙިސްބަތުގެތެރެއަށް އިތުރު ވެގެން ދިޔައެވެ.މަގުމަތީގެ ސާފު ތާހިރުކަން ބެލެހެއްޓުމާއި ، ސަވާރީއަށް ނޫފުއްލޭވަރަށް ބަރު ކުރޭތޯ ބެލުންފަދަ ޙައިވާނުންނަށް އޯގާވެރިކަމާއެކު މުޢާމަލާތު ކުރޭތޯ ބެލުމާއި، މުދައްރިސުން ދަރިވަރުންގެ ގައިގައި ތަޅައި އަދަބުދޭތޯ ބެލުމާއި، ރާބޯމީހުން އުޅޭތޯ ބެލުމާއި ، އަންހެނުން ހާމަކަން ބޮޑު ފޭރާންލައިގެން ބޭރަށް ނުކުމެ އުޅުން މަނާކުރުންފަދަ އިސްލާމީ މުޖްތަޢާއި އެ މުޖްތަމަޢުގެ އަޚްލާޤާ ބެހޭ އެންމެހާ ކަންތައް ޙިސްބަތުގެތެރޭގައި ޝާމިލުވެގެން ދިޔައެވެ. މީގެއިތުރަށް ޙިސްބަތުގެތެރެއަށް އިޤްތިޞާދީ ކަންކަން ވެސް ވަނެވެ. އެހިސާބުން މުޙްތަސިބުގެ އަސާސީ މަސައްކަތަކީ ޞިނާޢަތާއި މުޢާމަލާތުގައި މަކަރުހެދުން ހުއްޓުވުން ކަމުގައި ވިއެވެ. މިހެންވެ މިނެކިރުމުގައި މަކަރު ހަދާތޯއާއި ރާތާގައުބަރީގެ ބަރުދަންތައް ރަނގަޅަށް ހުރިތޯ ބެލުން ވެސް މުޙްތަސިބުގެ މަސައްކަތަކަށް ވެގެން ދިޔައެވެ. [3]
މިއީ އިސްލާމީ ޙަޟާރާތުން މެނުވީ ފެނިފައިވާ ވަޒީފާއެއް ނޫނެވެ. ޢާއްމު ރައްޔިތުންގެ އަޚްލާޤާއި ސުލޫކު ބެލެހެއްޓުމަށް ޓައި މިއީ ވަރަށް މުހިއްމު ވަޒީފާއެއްކަން ކަށަވަރެވެ.އިސްލާމީ ޙަޟާރަތަކީ މާއްދީ ބަހާއަށާއި ރޫޙާނީ ( ނުވަތަ މާނަވީ ) ބަހާއަށް އިސްކަންދީފައިވާ ޙަޟާރަތެކެވެ. އެހެންކަމުން ޙިސްބަތުގެ ވަޒީފާ ވެފައިވަނީ އިސްލާމީ މަތިވެރި އަޚްލާޤިއްޔާތާ އެއްގޮތަށް މީސްތަކުންގެ ސުލޫކު ބައްޓަންކޮށްފައިވާ މިންވަރު ބަލައި ވަޒީފާއަކަށެވެ. މުސްލިމުން އިސްލާމްދީނުގައި އަމުރުކުރައްވާފައިވާ ގޮތަށް އުޅުމަށް ތަމްރީނު ލިބިފައިވާ މިންވަރު ބަލައި މީސްތަކުން އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމަށް ގޮވައިލާ ވަޒީފާއަކަށެވެ.
ރަސޫލާގެ ޒަމާނުގައި ޙިސްބަތު
އިސްލާމީ ޙަޟާރަތުގެ ތާރީޚުގައި އެންމެ ފުރަތަމަ މުޙްތަސިބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެއްދުވަހަކު ކާތަކެތި ވިއްކާ މީހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ލައިފާ ދިޔައެވެ. އޭނާގެ އަތުގައި ކާ އެއްޗެހީގެ ކޮތަޅެއް ( ނުވަތަ ގޮށްޓެއް ) އޮތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަތްޕުޅު މި ކޮތަޅުތެރެއަށް ވައްދަވާފައި ބައްލަވާލެއްވި އިރު އަތްޕުޅު ވަނީ ތެމިފައެވެ. އެހިދު އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ކޮން ފެނެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ވާރޭފޮދެއް ވެހުނީއެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. އޭއްޗެހި ވެސް މީސްތަކުންނަށް ފެންނާނެ ގޮތަށް މަތީގައި ނުބެހެއްޓީ ކީއްވެގެން ހެއްޔެވެ؟ (( مَنْ غَشَّ فَلَيْسَ مِنِّي – މަކަރު ހަދާ މީހަކީ ތިމަން ކަލޭގެފާނުގެ ނޫނެވެ. )) [4]
އިސްލާމީ ދައުލަތް އުފެދި ބޮޑުވާން ފެށުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފުރަތަމަ ފަހަރަށް މުޙްތަސިބަކު ޢައްޔަން ކުރެއްވިއެވެ. މައްކާ ފަތަޙަ ކުރެއްވުމަށްފަހު މައްކާގެ ބާޒާރު ބެލެހެއްޓެވުމަށް ޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސަޢީދު ބިން ސަޢީދު ބިނުލް ޢާޞް ޢައްޔަން ކުރެއްވިއެވެ. މި ޢަމަލުފުޅުން މި ވަޒީފާގެ މުހިއްމުކަން ފާޅުވެގެން ހިނގައްޖެއެވެ. [5]
ކީރިތި ރަސޫލާގެ ޒަމާނުގައި ބައެއް ޞަޙާބިއްޔާތުން ވެސް މި ވަޒީފާއަށް ޢައްޔަންކުރެވިފައި ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޒަމާނުގައި ސަމްރާއު ބިންތު ނަހީކު ބާޒާރަށް ވަޑައިގެން މީސްތަކުންނަށް ހެޔޮ ކަންތައްތަކަށް އަމުރު ކުރައްވައި މުންކަރާތްތައް ނަހީ ކުރެއްވިއެވެ. އަދި އެކަމަނާގެ އަތްޕުޅުގައި އޮންނަ ޗާބޫކަކުން މީހުންނަށް އަދަބު ދެއްވާފައި ވެއެވެ. )) [6] އިބްނުލް ޖައުޒީ ވިދާޅުވެފައިވާ ގޮތުގައި (( މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު އެކަމަނާ މުޙްތަސިބުގެ ވަޒީފާގައި ބެހެއްޓެވިއެވެ. ޢުމަރުގެފާނު ބާޒާރަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަމަނާގެ މަސައްކަތްޕުޅުތައް ބައްލަވާލައްވައިފާ ވެއެވެ. )) [7]
ސަމްރާއުގެ އިތުރަށް އައްޝިފާ ބިންތު ޢަބްދުﷲއަކީ ވެސް މުޙްތަސިބާއެކެވެ.
ދެވަނަ ޚަލީފާ ޢުމަރު ބިނުލް ޚައްޠާބަކީ މި ވަޒީފާ އަދާކުރެއްވި ޒަޢީމެކެވެ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރު ކުރެއްވިއެވެ. އަދި މުންކަރާތްތައް މަނާކުރެއްވިއެވެ. މަކަރާއި ޙީލަތް ހެދުން މަނާކުރެއްވިއެވެ. އެކަލޭގެފާނު ބާޒާރަށް ވަޑައިގަންނަވަނީ ދުއްރަ ހިއްޕަވައިގެންނެވެ. މަކަރު ހަދާމީހުންނަށާއި އަގު ބޮޑުކޮށް މުދާ ވިއްކާ މީހުންނަށް އެކަލޭގެފާނު ވަގުތުން އަދަބު ދެއްވާފައި ވެއެވެ. [8]
ޙިސްބަތުގެ ނިޒާމު ރާޝިދީ ޚިލާފަތާއި އުމަވީ ޚިލާފަތުގައި ދެމި އޮތެވެ. އެހެނަސް މުޙްތަސިބުގެ ނަން ފުރަތަމަ ފަހަރަށް ބޭނުންކުރެވުނީ ޢައްބާސީ ޚިލާފަތުގައެވެ. މުޢާވިޔަތު ބިން އަބީ ސުފްޔާނުގެ ވެރިކަމުގައި ޒިޔާދު ބިން އަބީހި ބަޞްރާގެ ބާޒާރު ބެލެހެއްޓުމަށް ޓަކައި އޭނާގެ މުވައްޒަފުންގެތެރެއިން މުވައްޒަފަކު އެ މަސައްކަތަށް ޢައްޔަން ކުރެއްވިއެވެ. [9]
ޢައްބާސީ ދައުލަތުގައި މުޙްތަސިބުގެ މަޤާމު ރަސްމީ ވުން
ޢައްބާސީ ދައުލަތުގެ މުއައްސިސް އަބޫ ޖަޢުފަރުލް މަންޞޫރުގެ ވެރިކަމުގައި މުޙްތަސިބުގެ ވަޒީފާ މުޅިން ބަދަލުވެ އެއީ މީސްތަކުން ދަންނަ މުހިއްމު ވަޒީފާއަކަށް ވެއްޖެއެވެ. އަބޫ ޖަޢުފަރުލް މަންޞޫރު ބަޣްދާދުގެ ބާޒާރުތަކާއި އިރުމަތީ ސަހަރުގެ ބާޒާރުތައް ސަހަރުގެ މެދުތެރެއާއި ސަރުކާރުގެ އޮފީސްތަކާ ދުރަށް ގެންދެވިއެވެ. އަލްކަރްޚު ދޮރާށްޓާއި އައްޝަޢީރާ ދޮރާށްޓާ ހަމައަށް މި ބާޒާރުތައް ގެންދެވިއެވެ. މި ބާޒާރުތަކުގެ ކަންތައްތައް ބެލެހެއްޓުމަށް ޓަކައި މުޙްތަސިބުން ޢައްޔަން ކުރެއްވިއެވެ. [10]
ޢައްބާސީ ޚިލާފަތުގައި މުޙްތަސިބުގެ މަސައްކަތް ފުޅައުވެގެން ދިޔައެވެ. ބާޒާރުމަތީގައި ހިނގާ މިނެކިރުން ބެލެހެއްޓުމާއި ، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީ ކުރުމުގެ އިތުރަށް ބާޒާރުތަކާއި މިސްކިތްތަކުގެ ސާފު ތާހިރުކަން ބެލެހެއްޓުމާއި، މުވައްޒަފުން ގަޑިއަށް މަސައްކަތަށް ދޭތޯ ބެލުމާއި، މުދިމުން ގަޑިއަށް މިސްކިތަށް ގޮސް ބަންގި ގޮވާތޯ ބެލުމާއި، ޤާޟީން ޤަވާޢިދުން މަސައްކަތަށް ނުކުމެ މަސްއަލަތައް ފައިޞަލާ ކުރަމުންދޭތޯ ބެލުންވެސް މުޙްތަސިބުގެ ވަޒީފާ ބަޔާނަށް އިތުރު ވެގެން ދިޔައެވެ.ބައެއް ބާވަތްބާވަތުގެ ޚާއްޞަ މަސައްކަތްތައް ކުރާ މީހުން އެ މަސައްކަތަށް އަހްލުވެރިވެފައި ވޭތޯ ބަލައި އިމްތިޙާނު ކުރުމުގެ ބާރު ވެސް މުޙްތަސިބަށް ލިބިގެން ދިޔައެވެ. ޢައްބާސީ ޚަލީފާ މުޢުތަޟިދު ( އަވަހާރަވީ 279 ހ ގައި) ޑަކްޓަރުންގެ ރައީސް ސިނާނު ބިން ޘާބިތުގެ އަރިހުން ބަޣްދާދުގެ ހުރިހާ ޑަކްޓަރުން އިމްތިޙާނު ކުރައްވާ ޑަކްޓަރީ މަސައްކަތަށް އަހްލުވެރިވެފައިވޭތޯ ބެއްލެވުމަށް އެދިވަޑައިގަތެވެ. އެ ދުވަސްވަރު ގާތްގަނޑަކަށް 860 ޑަކްޓަރުން ތިއްބެވިއެވެ. ޚަލީފާ މުޙްތަސިބަށް އަމުރު ކުރައްވާފައި ވަނީ އިމްތިޙާނުން ފާސްނުވާ މީހުންނަށް ބޭސްފަރުވާ ކުރުމުގެ ހުއްދަ ނުދިނުމަށެވެ. [11]
ދައުލަތުގައި މުޙްތަސިބުގެ ދައުރު
ބައެއް މުޙްތަސިބުން ޙައްދުތައް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ކުރައްވާފައިވެއެވެ. ޤާޟީން އިއްވާ ނިޔާތައް ތަންފީޒު ކުރަނީ މުޙްތަސިބުންނެވެ. ޢާއްމު ރައްޔިތުންނާ އެއްގޮތަށް ރަސްރަސްކަލުންނަށާއި އަމީރުންނަށް އަދަބު ދިނުމުގައި މުޙްތަސިބުން އެ މީހުންގެ ދައުރު އަދާކޮށްފައި ވެއެވެ. " ސިޔަރުލް މުލޫކި " ނަމަކަށް ކިޔާ ފޮތުގައި ނިޡާމުލް މުލްކި ލިޔުއްވާފައި ވެއެވެ. " ސަލްޖޫޤީ ރަސްގެފާނު މަޙްމޫދު މަލިކުޝާހު އެއް ރެއަކު އޭނާގެ އަރިހު ބޭކަލުންނާއެކު މަޖާ ކުރެއްވިއެވެ. މި މަޖަލުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެތެރޭގައި ޢަލީ ބިން ނޫޝްތަކީން ވެއެވެ. ޢަލީއަކީ 50 ހާސް ސިފައިންގެ ލަޝްކަރުގެ ވެރިޔާއެވެ. އޭނާ ރާފޮދު ހިއްޕެވިވަރުން އިރުއެރިއިރު ވަނީ ވަރަށް ބޮޑަށް މަސްތުވެ ވަޑައިގެންފައެވެ. ގެއަށް ވަޑައިގަންނަވަން ވެގެން ރަސްގެފާނުގެ އަރިހުން ހުއްދައަށް އެދިވަޑައިގަތުމުން އެ ޙާލުކޮޅުގައި ބޭރަށް ނުކުމެވަޑައިނުގެންނެވުމަށް ވިދާޅުވިއެވެ. އަމަލުވުން ފިލައިގެން ދާންދެން ގަނޑުވަރުގެ ކޮޓަރިކޮޅެއްގައި އަރާމުކޮށް ލެއްވުމަށް ރަސްގެފާނު ވިދާޅުވިއެވެ. އެ ޙާލުކޮޅުގައި ހުންނަވަނިކޮށް މުޙްތަސިބަށް ފެނިއްޖެނަމަ އަދަބު ދީފާނެތީއެވެ. މި ކަމުގެ ސަބަބުން އޭނާގެ އަބުރުފުޅު ގެއްލި ޤަދަރުވެއްޓި ދާނެތީއެވެ. އެހެނަސް އޭނާ ރަސްގެފާނުގެ ބަސްފުޅު ނާއްސަވާ ގެއަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތެވެ. އޭނާ ހީފުޅު ކުރެއްވީ އޭނާއަށް އަދަބު ދިނުމުގައި މުޙްތަސިބު ޖެހިލުންވާނެ ކަމަށެވެ. ރަސްގެފާނު ވިދާޅުވިއެވެ. ތިބާ ބޭނުންގޮތަކަށް ކުރިއަށް ދާށެވެ. އެހިނދު ޢަލީ އޭނާގެ ސިފައިންނާއި އަޅުންނާއި ނޯކަރުންނާއިގެން ނުކުމެވަޑައިގަތެވެ. އެވަގުތު މުޙްތަސިބުވެސް އޭނާގެ ސަތޭކަވަރަކަށް މީހުންނާއެކު ބާޒާރު މަތީގައި އުޅުނެވެ. އޭނާއަށް ލަޝްކަރުގެ ވެރިޔާ ޢަލީ އަމަލުގެ މަތީގައި އިންނެވިތަން ފެނުނެވެ. ވަގުތުން މުޙްތަސިބު ގޮސް ޢަލީއަށް އަސްމަތިން ފައިބާވަޑައިގަތުމަށް އަމުރު ކުރިއެވެ. މުޙްތަސިބުގެ މީހުންގެތެރެއިން މީހަކަށް އަލީގެ އިސްތަށިފުޅުގައި އެހެން ދެމީހަކަށް ޢަލީގެ ދެ ފައިންޕުޅުގައި ހިފެހެއްޓުމަށް އަމުރުކުރިއެވެ. އަދި ޚުދް މުޙްތަސިބު ޢަލީގެ ގައިކޮޅުގައި ސާޅީސް ފަހަރު ޖަހާ ރާބުއިމުގެ ޙައްދު ޤާއިމު ކުރިއެވެ. ޢަލީގެ ސިފައިންނާއި ނޯކަރުންނާއި އަޅުން އެއްވެސް އެއްޗެއް ނުބުނެ ތިއްބެވެ. އެއްވެސް މީހަކަށް މުޙްތަސިބާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކުރެނެވެ.
މިއީ އިސްލާމީ ޙަޟާރަތުގެ މަތިވެރިކަން ހާމަކޮށްދޭ ކުޑަކުޑަ މިސާލެކެވެ. ފަންސާސް ހާސް ސިފައިންގެ ބޮޑު ލަޝްކަރެއްގެ ވެރިޔާއަށް ވެސް ދޭން ޖެހޭ އަދަބު ދިނުމުގައި މުޙްތަސިބު ޖެހިލުމެއް ނުވިއެވެ. މި ޙަޟާރަތުގައި އިސްކަންދެނީ ޙައްޤަށެވެ. މީހާއަކަށް ނޫނެވެ.
މުޙްތަސިބުގެ މަޤާމަށް މީހަކު އިސްކުރުން
ރަސްރަސްކަލުންނާއި އަމީރުން މުޙްތަސިބުގެ މަޤާމަށް މީހަކު އިސްކުރައްވަނީ ވަރަށް ބޮޑަށް ބައްލަވައިފައެވެ. އެކަމަށް ޤާބިލު އަހްލުވެރި މީހެއްތޯ ކަށަވަރު ކުރެއްވުމަށްފަހުގައެވެ. ތާރީޚުން އެނގޭގޮތުގައި ދިމަޝްޤުގެ ސުލްޠާނު އަތާބިކު ޠަޣަތުކީން ޙިސްބަތުކަމަށް ބޭފުޅަކު އިސްކުރައްވަންވެގެން މަޝްވަރާ ކުރެއްވުމުން އެކަމަށް ޢިލްމުވެރި އަހްލުވެރި ބޭފުޅަކު ހުންނެވި ކަމަށް ދެންނެވުނެވެ. އެހިނދު އެ ބޭފުޅާ ގެނައުމަށް ރަސްގެފާނު އަމުރު ކުރެއްވިއެވެ. މި ބޭފުޅާ ރަސްގެފާނުގެ އަރިހަށް ވަޑައިގަތުމުން ރަސްގެފާނު ވިދާޅުވިއެވެ. " އަހުރެން ތިބާ މުޙްތަސިބުގެ މަޤާމަށް އިސްކޮށްފީމެވެ. އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް ގޮވައިލުމަށާއި މުންކަރާތްތައް ނަހީ ކުރުމަށެވެ. " އެހިނދު މި ޢިލްމުވެރިޔާ ދެންނެވިއެވެ. " އެހެންކަމަށް ވާނަމަ މަނިކުފާނު އިށީނދެވަޑައިގެން ތިޔަ އިންނެވި ސޯފާކޮޅުން ތެދުވެވަޑައިގަންނަވާށެވެ. އަދި ލެނގިވަޑައިގަންނަވާ ބާލީސްކޮޅު ނަންގަވާށެވެ! އެއީ ފަށުއްވެވެ. އަދި އަތްޕުޅުގައި ތިޔަ އޮތް އަނގޮނޓިކޮޅު ބާލުއްވާށެވެ! އެއީ ރަނެވެ. ނަބިއްޔާ ވަނީ އެއީ ފިރިހެނުންނަށް ޙަރާން އެއްޗެހި ކަން އަންގަވައިފައެވެ. " އެހިނދު ރަސްގެފާނު އެ ސޯފާކޮޅުމަތިން ތެދުވެވަޑައިގެންނެވިއެވެ. އަދި ބުރަކަށިފުޅުން ބާލީސްކޮޅު ނެންގެވިއެވެ. އަތްޕުޅުގައި އޮތް އަނގޮޓިކޮޅު ބޭލުއްވިއެވެ. އެހިނދު ރަސްގެފާނު ވިދާޅުވިއެވެ. ތިބާގެ މަސައްކަތުގެތެރެއަށް ފުލުހުންގެ ކަންތައްތައް ބެލުން އިތުރު ކުރައްވައިފީމެވެ. " [12]
މުޙްތަސިބުގެ މަޤާމަކީ ވަރަށް މުހިއްމު ވަރަށް ބޭނުންތެރި ވަޒީފާއެކެވެ. ޚާއްޞަކޮށް ތަދުތަކާއި ދަތިކަމުގެ ދުވަސްވަރުގައި ބާޒާރުގައި މުދަލުގެ އަގު އުފުލިގެންދާ ވަގުތުތަކުގައެވެ. ހިޖްރައިން 307ވަނަ އަހަރު ބަޣްދާދުގައި އެއްޗެހީގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ. މިކަމާހެދި ޢާއްމު ރައްޔިތުން ރުޅި އައިސްގެން މަގުމައްޗަށް ނުކުމެ މިންބަރުތައް ހަލާކުކޮށް ޖަމާޢަތުގެ ނަމާދަށް ހުރަސްއަޅައި ފާލަންތައް އަންދައިލިއެވެ. [13] އެ ދުވަސްވަރު މުޙްތަސިބުގެ ވަޒީފާގައި ހުންނެވީ އިބްރާހީމު ބިން ބަޠުޙާ އެވެ. އޭނާ ނުކުމެވަޑައިގެން މީސްތަކުންނަށް ބޭނުންވާ ޟަރޫރީ މުދާތަކުގެ އަގު ކަނޑައެޅުއްވިއެވެ. އޭނާ ގޮދަން ފުށް ކުއްރު [14] އެއްގެ އަގަކީ 50 ދީނާރު ކަމަށް ހަމަޖެއްސެވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ނުކިޔަމަންތެރިކަން ނިމިގެން ދިޔައެވެ.
ހުރިހާ މުސްލިމުންގެ ވާޖިބެއް
މުޙްތަސިބުގެ ވަޒީފާއަކީ ހަމައެކަނި ސަރުކާރުން ޢައްޔަންކުރީމާ އަދާކުރެވޭ ވަޒީފާއެއް ނޫނެވެ. އިސްލާމްދީން އެ ދީނުގެ އަހްލުވެރީންނަކީ ހެޔޮ ކަންތައްތަކަށް އަމުރުކުރާ މުންކަރާތްތައް ނަހީކުރާ ބަޔަކަށް ވުމަށް ގޮވައިލައެވެ. އެއީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. މާތްﷲ މި ދުނިޔެއަށް ނެރުއްވި އެންމެ ހެޔޮ އުއްމަތްކަމުގައި އިސްލާމީ އުއްމަތް ވީ އެ އުއްމަތުގެ ރައްޔިތުންގެ ކިބައިގައި މުހިއްމު ސިފަތަކެއް ހުރީމައެވެ. މި ސިފަތަކުގެ ތެރޭގައި ހިމެނޭ އެންމެ ފުރަތަމަ ސިފައަކީ ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ - آل عمران : 110 – މާނައީ : މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ. ))
މުސްލިމުންނަކީ އެމީހުންގެ ދަރިންނަށް މިކަމަށް ތަރްބިޔަތުދޭން ޖެހިފައިވާ ބައެކެވެ. އިމާމު އިބްނުލް ކަޘީރު " އަލްބިދާޔަތު ވައްނިހާޔަތު " ގައި ބަޔާންކުރައްވާފައި ވެއެވެ. (( އެއް ދުވަހަކު އަބުލް ޙުސައިނުއް ނޫރީއަށް ރާތަކެއް އަރުވާފައިވާ ކުޑަ ދޯންޏެއް ފެނިވަޑައިގަތެވެ. އޭނާ މި ދޯންޏަށް އަރާވަޑައިގެން މިއީ ކާކަށް ގެންދާ ރާތަކެއްތޯ ސުވާލު ކުރެއްވިއެވެ. ދޯނީގެ ފަޅުވެރިޔާ އެއީ ޚަލީފާ އަލްމުޢުތަޟިދުގެ އެއްޗެއް ކަމަށް ދެންނެވިއެވެ. އެހިނދު އަތްޕުޅުގައި އޮތް ދަނޑިބުރިއަކުން މި ދޯނީގައި ހުރި ރާ ޖާޑިތައް ތަޅައިލައްވަން ފެށްޓެވިއެވެ. އޭނާ ތަޅައިނުލައްވާ އެއް ޖާޑި ބެހެއްޓެވިއެވެ. މި ދޯނީގައި އެ ވަގުތު ހުރި ފަޅުވެރިޔާ މި ކަން ފުލުހުންނަށް އެންގުމުން ފުލުހުން އައިސް އަބުލް ޙުސައިން ހައްޔަރުކޮށްގެން ޚަލީފާގެ އަރިހަށް ގެންދިޔައެވެ. ޚަލީފާ ވިދާޅުވިއެވެ. ތިޔައީ ކާކު ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. މިއީ މުޙްތަސިބެވެ. ޚަލީފާ ވިދާޅުވިއެވެ. ތިބާއަށް ޙިސްބަތުގެ ވަޒީފާ ދިނީ ކާކު ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީނޭވެ! ކަލޭގެފާނު ޚަލީފާކަމަށް އިސްކުރެއްވި ފަރާތުންނެވެ. ޚަލީފާ އިސްތަށިފުޅު ޖައްސަވާލައްވާފައި އިސްތަށިފުޅު އުފުއްލާލެއްވުމަށް ފަހު ވިދާޅުވިއެވެ. ތިބާ އެ ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ކަލޭގެފާނަށް އޯގާވެރިވުމަށް ޓަކައެވެ. ކަލޭގެފާނުގެ ކިބައިން ގެއްލުންތައް ދުރަށްލުމަށް ޓަކައެވެ. ޚަލީފާ އިސްތަށިފުޅު ޖައްސަވާލައްވާފައި އިސްތަށިފުޅު އުފުއްލާލެއްވުމަށް ފަހު ވިދާޅުވިއެވެ. އެއް ޖާޑި ތަޅައިނުލާ ބެހެއްޓީ ކީއްވެގެން ހެއްޔެވެ؟ ދެންނެވިއެވެ. އަޅުގަނޑު އެ ޖާޑިތައް ތަޅައިލީ ﷲ ތަޢާލާގެ މަތިވެރިކަމަށް ޓަކައެވެ. އެއްވެސް އެހެން ފަރާތަކާމެދު އޭރު ނުވިސްނަމެވެ.މި ޖާޑިއާ ހަމައަށް އާދެވުނުހިނދު މަނިކުފާނުފަދަ އެއްޗަކާ ހަމައަށް އާދެވިއްޖެ ކަމަށް ހިތަށް އެރިއެވެ. މިހެންވެ އޭތި ދުކޮށްލީއެވެ. އެހިނދު މުޢުތަޟިދު ވިދާޅުވިއެވެ. ތިބާ ދާށެވެ! އަހުރެން ތިބާގެ އަތް ދޫކޮށްލައިފީމެވެ. ތިބާ ބަދަލު ކުރަން އެދޭ މުންކަރާތްތައް ބަދަލު ކުރާށެވެ! އެހިނދު ނޫރީ ދެންނެވިއެވެ. ބަދަލުކުރުމުގެ ޢަޒްމު މޮހިގެން ހިގައްޖެއެވެ. ޚަލީފާ ވިދާޅުވިއެވެ. ކީއްވެގެން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު ކުރިން އެކަންތައް ކުރީ ﷲގެ ވަޖްހުފުޅަށް ޓަކައެވެ. މިހާރު އަޅުގަނޑަށް މި ޝަރްޠު ބަދަލުކުރަން ޖެހިއްޖެއެެވެ. މުޢުތަޟިދު ވިދާޅުވިއެވެ. ތިބާގެ މުހުތާދަކީ ކޮބައި ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު ބޭނުން ވަނީ މަނިކުފާނުގެ އަރިހުން ރައްކައުތެރިކަމާއެކު ބޭރަށް ނުކުންނާށެވެ.އެހިނދު ޚަލީފާ އަމުރު ކުރައްވައިގެން އެ ތަނުން އޭނާ ބޭރަށް ނެރެވުނެވެ. ދެން އޭނާ އެތަނުން ވަޑައިގަތީ ބަޞްރާއަށެވެ. ބަޞްރާގައި އުޅުއްވީ ވަންހނާވެ ވަޑައިގެންނެވެ. ބަޣްދާދަށް އެނބުރި ވަޑައިގެންނެވީ މުޢުތަޟިދު އަވަހާރަވުމުންނެވެ. [15]
[1] - ابن خلدون: العبر وديوان المبتدأ والخبر 1/225.
[2] - أخرجه البخاري (٣٨)، ومسلم (٧٦٠)
[3] - الماوردي: الأحكام السلطانية ص 211 وما بعدها، وابن خلدون: العبر وديوان المبتدأ والخبر 1/225، وعبد المنعم ماجد: تاريخ الحضارة الإسلامية في العصور الوسطى ص 57.
[4] - مسلم: كتاب الإيمان، باب قول النبي : من غشنا فليس منا (102)، أبو داود (3452)، والترمذي (1315)، وابن ماجه (2224)، وأحمد (7290).
[5] - بن عبد البر: الاستيعاب 1/185.
[6] - أخرجه ابن أبي خيثمة في «تاريخه» (٢/٦٤) ، والطبراني (٢٤/٣١١) (٧٨٥)، وأبو نعيم في «معرفة الصحابة» (٧٧٠٣) واللفظ لهما
[7] - ابن الجوزي: سيرة عمر بن الخطاب ص41
[8] - الطبري: تاريخ الأمم والملوك 2/578.
[9] - الصلابي: الدولة الأموية 1/315.
[10] - الطبري: تاريخ الأمم والملوك 4/480.
[11] - ابن أبي أصيبعة: عيون الأنباء في طبقات الأطباء 1/112.
[12] - ابن الإخوة: نهاية الرتبة في طلب الحسبة ص78
[13] - محمد بن عبد الملك الهمذاني: تكملة تاريخ الطبري ص21.
[14] - ކުއްރު އަކީ 720 ޞާޢެވެ. ޞާޢާކީ 2.4 ކީލޯގްރާމެވެ.
[15] - ابن كثير: البداية والنهاية 11/89.