23 December 2024 (Monday) - 20:44

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ނިޢުމާތު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤު ޢައްޔަނުކުރައްވައިފިއެވެ. އެކަމަނާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަރޖެންސީ ފަންޑް (ޔުނިސެފް) ގެ ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ. އަދި، ވޮލެންޓިއަރކޮށް މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރގެ މަޤާމު ފުރުއްވުމުގެ އިތުރުން އެ ކަމަނާ ވަނީ ޕާޓް-ޓައިމްކޮށް މަތީ ތަޢުލީމު އުނގަންނައިދޭ ބައެއް މުޢައްސަސާތަކުގައި ލެކްޗަރަރ އެއްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

ނިޢުމާތު ޝަފީޤަކީ އިންޓަނޭޝަނަލް މާސްޓަރ އިން އަރލީ ޗައިލްޑްހުޑް ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ. މީގެ އިތުރުން، އެކަމަނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަރ އޮފް އަރލީ ޗައިލްޑްހުޑް ހާސިލުކުރައްވާފައެވެ.

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، މި ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްޠަޤިއްލު އިދާރާއެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުން ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާއި އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާއި އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ އިތުރުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުމެވެ.

ޚަބަރާއި ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.