
މިސްކިތެއްގެ ތެރޭގައި ހުރި ޢުމުރުން ދުވަސްވީ ދިވެއްސަކާ، މާރާމާރީ ހިންގި އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އިން ވިދާޅުވީ އިންޑިއާ މީހާ މާރާމާރީ ހިންގައިފައި ވަނީ ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް ގޮސް ހުރި އުމުރުން ދުވަސްވީ ދިވެއްސެއްގެ ގައިން ނުބައި ވަހެއް ދުވާތީ ކަމަށްބުނެ، އެމީހާ ގަދަކަމުން ބޭރަށް ނެރެން އުޅުމުން ކަމަށެވެ.
މާރާމާރީ ހިންގާފައިވަނީ އިންޑިއާ ފިރިހެނެކެވެ. އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިކަމާގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ބަލަމުން ދާކަމަށް ވިދާޅުވިއެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް ފުލުހުން މިފަދަ މައުލޫމާތެއް އަދި ހާމައެއް ނުކުރައްވައެވެ.