
އެއްޗަކުން ހަމަލާދީ ބޯފަޅާލައިފައި އޮތް މީހަކު އައްޑޫސިޓީ ހުޅުދޫ ފުލެޓު ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅވެއްޖެއެވެ.
އެމީހާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:00 ގައި ކަމަށް ވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. އެމީހާ ފެނުނުއިރު އޮތީ ވެއްޓިފައި ކަމަށާއި ގައިގައި ޒަޚަމްތަކެއް ވެސް ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.
"އަނިޔާ ލިބިފައިވާ މީހާގެ ބޮލުގައި އެއްޗަކުން ޖަހައި ބޯފަޅާލައި ގައިގެ އެކިތަންތާގައި ތަޅާފައިހުރިކަމުގެ ނިޝާންތައް ފެންނާންހުރި،" ފުލުހުން ވިދާޅުވިއެވެ.
ހުޅުދޫ ހެލްތު ސެންޓަރުގައި އެމީހާއަށް މިހާރު ގެންދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ބަންދުކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަވަނީ މައްސަލަ ބައްލަވުންނެވެ.
މިހާދިސާގައި އަނިޔާ ލިބިފައިވަނީ ޢުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.