
އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޯވިޑް ޖެހުނީ އެ ސްކޫލުގެ ގްރޭޑް ތިނެއްގެ ޓީޗަރަކަށެވެ. އެ ޓީޗަރާއި ގާތުން ދިމާވި މުދައްރިސުން ކަރަންޓީނު ކޮށްފައިވާ ކަމަށް އެޗްއީއޯސީ އިން ހާމަކުރެއެވެ. އެ މުދައްރިސުންނާއި އޭނާއާ ބައްދަލުވީ ސްކޫލުން ބޭރުން ކަމަށް ވެސް އެޗްއީއޯސީ އިން މައުލޫމާތު ދެއެވެ.
ކޯވިޑް ޖެހުނު ޓީޗަރާއި ގާތުން ބައްދަލުވި މީހުންގެ ތެރޭގައި ދަރިވަރަކު ނުހިމެނޭ ކަން އެޗްއީއޯސީ އިން ފާހަގަކުރެއެވެ. މިއީ ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާތީ ކަން ވެސް އެ ސެންޓަރުން ފާހަގަކުރެއެވެ.
ރާއްޖޭގައި ކޯވިޑް ފެތުރެންފެށުމާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލްތައް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއެކުއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މަތީ ގްރޭޑްތައް ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައި ދިން ނަމަވެސް މިއަހަރުގެ ދިރާސީ އަހަރުގެ ފެށީ ޕްރީ ސްކޫލު އުމުރުފުރާއިން ފެށިގެން ގްރޭޑް ބާރައާ ހަަމައަށް ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެންނެވެ. ދިރާސީ އައު އަހަރު ފެށި މި ހަފްތާގެ އާދީއްތަ ދުވަހުއެވެ.