
ކާރެއް ކޮންޓްރޯލު ނުވެ މޫދަށް ވެއްޓި ދެމީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާއިން ވިދާޅުވީ ކ. މާފުށީގައި ހިނގި މިއެކްސިޑެންޓް ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ ރޭ ދަންވަރު12:45 ހާއިރުކަމަށެވެ. އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިން މީހަކު ތިބިކަމަށް ފުލިުހުން ވިދާޅުވިއެވެ. އަނިޔާވެ ފަރުވާ ދޭންޖެހުނީ ދެމީހުންނަށެވެ. މި ދެމީހުންނަށް އަނިޔާ ވުމާ ގުޅިގެން ފަރުވާ ދިނުމަށް ހެލްތް ސެންޓަރަށް ގެންދިޔައީ ވެސް ފުލުހުންނެވެ.
ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅައިފައި އޮތް ދެ ލޯންޗެއްގައި ޖެހި އެ ދެލޯންޗަށް ވެސް ގެއްލުން ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މޫދަށް ވެށްޓުނު ކާރު ދުއްވައިފައި ވަނީ އެކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ. މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤުކުރަމުންނެވެ.