ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ކޮންމެ ދުވަހަކު ދަރިވަރުން ސްކޫލަށް ދާނެ: އެޑިއުކޭޝަން މިނިސްޓްރީ

ކިނބިދޫ ސްކޫލް (ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީގެ ޓުވިޓަރ ފީޑް)

ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ކޮންމެ ދުވަހަކު ދަރިވަރުން ސްކޫލަށް ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްްޖެއެވެ. 

ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގަރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބް އަޙުމަދު މުޖާހިދު ވިދާޅުވީ ރާއްޖޭގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން މިހާލަތުގައިވެސް  ކޮންމެ ދުވަހަކު ސްކޫލަށް ދާނެކަމަށެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު އެއް ސެޝަނަށް ރާއްޖޭގެ 93 ސްކޫލެއްގައި ދަރިވަރުން ކިޔަވަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެއްސެޝަނަށް ގެންދާ ސްކޫލުތަކާއި ދެސެޝަނަށް ގެންދާ ސްކޫލުތަކުގެ ދަރިވަރުންނަކީ ކޮންމެ ދުވަހަކު ސްކޫލަށް ދާނެ ކުދިން ކަން މުޖާހިދު ފާހަގަ ކުރެއްވިއެވެ. 

ހަފްތާއަކު ދެ ދުވަހު  ނުވަތަ ތިން ދުވަހު ސްކޫލަށް ދާނީ އާބާދީ ބޮޑު އަދި ކުރިން ދެސެޝަނަށް ކިޔަވައިދިން ސްކޫލުތަކުގައި ކަން ފާހަގަ ކުރެއްވިއެވެ. އެއީ ޓައިޕް 3 ގެ ސްކޫލުތަކެވެ. އެކެޓަގަރީގެ ސްކޫލުތަކުގެ ދަރިވަރުން ދެހަފްތާ ތެރޭގައި މަދުވެގެން ފަސް ދުވަހު  ސްކޫލަށް ގޮސްގެން ކިޔަވާނެކަމަށް މުޖާހިދު ފާހަގަ ކުރެއްވިއެވެ.  އެނޫން ދުވަސްތަކުގައި އެކުދިން ކިޔަވާނީ އޮންލައިންކޮށްކަން ފާހަގަ ކުރެއްވިއެވެ.  ނަމަވެސް އެފަދަ ސްކޫލުތަކުގައި ވެސް ގްރޭޑް 10ގެ ދަރިވަރުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސްގެން ކިޔަވާގޮތަށް އިންތިޒާމު ކުރެވިފައިވާނެކަމަށް މުޖާހިދު ވިދާޅުވިއެވެ. މިހާލަތުގައި ސްކޫލުތަކުގައި ކިޔެވުން ކުރިއަށް ގެންދެވެނީ ކްލާސްތައް ދެބަޔަކަށް ބަހައިލައިިގެން ކަމަށް ވެސް މުޖާހިދު ފާހަގަ ކުރެއްވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ނާއިބް މުޖާހިދު ފާހަގަ ކުރެއްވި ގޮތުގައި ސްކޫލުތަކުގެ ދެވަނަޓާމްގެ ކިޔެވުން ފެށުނުއިރު އެންމެ ބޮޑު ސަމާލު ދެއްވައިގެން  އެންމެ ބޮޑަށް ކަށަވަރުކޮށް ފައިވާނީ ކުދިންގެ ރައްކާތެރިކަމެވެ. ބެލެނި ވެރިންގެ އިތުބާރާއެކު ސްކޫލުތައް ފެށިގެން ދިޔައީ ވަރަށް  އުފާވެރިކަމާ އެކީގައިކަން އެނާ ފާހަގަ ކުރެއްވިއެވެ. 

"ބެލެނިވެރިންގެ މޫނު މަތިން، ސްކޫލުތަކުން ފެނިގެން ދިޔައީ އުފާވެރިކަން. އަޅުގަނޑަށް ޔަޤީން މާސްކު ނާޅައި ތިބިނަމަ  ކުދިންގެ ހިނިތުންވުން، އެއަށްވުރެ މާބޮޑަށް ވެސް ފެންނާނެކަން." މުޖާހިދު ވިދާޅުވިއެވެ.

ދެވަނަ ޓާމްގެ ކިޔެވުން ފެށިގެން ދިޔައީ ވަރަށް ރަނގަޅަށް ކަމަށް މުޖާހިދު ފާހަގަ ކުރެއްވިއެވެ. މުޖާހިދު ވިދާޅުވީ ކުރީގައި އޮތް ގޮތަށް ސްކޫލަށް ދެވޭނެ ހާލަތަށް ދިއުމަކީ އެންމެ ބޭނުންވާ ގޮތްކަމަށެވެ. ނަމަވެސް ރައްކާތެރިކަން  ކަށަވަރުކޮށް މިހާލަތުގައި ވެސް ސްކޫލަށް ދެވޭ ކަމީ އުފާ ކުރައްވާކަމެއް ކަމަށެވެ.  މިހާލަތުގައި ރައްކާތެރިކަމާ އެކު ސްކޫލު ތަކުގައި އިތުރު ޙަރަކާތްތައް ވެސް ކުރިއަށް ގެންދެވޭނެކަން މުޖާހިދު ފާހަގަ ކުރެއްވިއެވެ. 

މާލެއާއި އަތޮޅު ތަކުގައިވެސް ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އަށް އިއްުޔެ ވަނީ ކިޔަވައިދޭން ފަށާފައެވެ. އަދި ބޭބީ ނަސަރީއާއި ނާސަރީގެ ދަރިވަރުންގެ ކިޔެވުންވެސް އިއްޔެ ވަނީ ފަށާފައެވެ.  މާލޭގެ ސްކޫލުތަކުގެ ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔަވަން ފަށައިފައި  މިވަނީ 10 މަސްދުވަހަށްފަހުއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.