
އެމްޕީއެލް ސަރަޙައްދުގައި ނުވަތަ މާލޭ ވިޔަފާރި ބަދަނދަރު ސަރަޙައްދުގައި ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރެން އުޅެނިކޮށް ހިނގި ޙާދިސާއެއްގައި 2 މީހަކަށް ހާނީއްކަވެއްޖެއެވެ.
މިރޭ ހިނގި މިޙާދިސާގައި ހާނީއްކަވެފައިވަނީ 2 މަޖޫރީއަކަށެވެ. މިޙާދިސާއާ ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައިވަނީ މިޙާދިސާ ހިނގީ ފޯކްލިފްޓެއް ބޭނުންކޮށްގެން ބިއްލޫރި ޕެލެޓެއް ކޮންޓޭނަރަކުން ނެރުމަށް މަސައްކަތްކުރުމުގެ ތެރޭގައިކަމަށެވެ. ބިއްލޫރި ޕެލެޓް ނެރެނިކޮށް އޭތި އަރިއަޅާލައި މަޖޫރިއެއް ވަނީ ޕެލެޓްގެ އަރިމަތީގައި ތާށިވެފައެވެ. އޭނާ ސަލާމަތްކުރީ އެމްއެންޑީއެފުގެ ރެސްކިއު ޓީމުންނެވެ. މިހާދިސާގައި އިތުރު މަޖޫރިއަކަށް ހާނީއްކަވިއެވެ.
މިޙާދިސާގައި ހާނީއްކަވި 2 މީހުން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މަޢުލޫމާތު ލިބޭގޮތުގައި ހާނީއްކަވި ދެމީހުންގެ ޙާލުވެސް ރަނގަޅެވެ.
އަދި މިހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.