
އުފަލާއި ހިތާމައިގައި ވެސް ދިވެހި ރާއްޖެއަކީ ބަދަހި ޤައުމެއް ކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމްމިނިސްޓަރ މިހެން ވިދާޅުވީ މިއަހަރު އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ހޯމް މިނިސްޓަރ ވިދާޅުވީ އުފަލާއި ހިތާމައިގައިވެސް ދިވެހިރާއްޖެއަކީ ބަދަހި ޤައުމެއް ކަމަށާއި ދިވެހިން އިސްކުރަނީ އިސްލާމްދީނާއި ޤައުމިއްޔަތު ކަމަށެވެ. އަދި ދިވެހިންގެ ޖަޒީރާތައް ގުޅުވާލާނީ އެއްބައިވަންތަ މުގެ ފާލަމުން ކަމަށެވެ. ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓްގައި އެއްބައިވަންތަ ކަމުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ވަނީ ފޮނުއްވައިފައެވެ.
އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެން " އެއްބައިވަންތަ ދިވެހިން" ނަމުގައި މިއަދު މެންދުރު 2:30 ގައި ހާއްސަ ޕްރޮގަރާމެއް ގެނެސް ދިނުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަމުން ދަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ދިވެހިން ދެއްކި އެއްބައިވަންތަ ކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. ރެކޯޑު ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާއެކު 108 މީހުން މަރުވިއެވެ. އެއީ ރާއްޖޭގެ ރިސޯޓަކުން މަރުވި ދެ ފަތުރުވެރިޔަކާވެސް އެކުގައެވެ.