އެއްބައިވަންތަކަމުގެ ދުވަސް، ޢިބުރަތުގެ ދުވަހެއް

ފުރަތަމައައީ ބިންހެލުމެކެވެ. ދެންއައީ ސުނާމީއެކެވެ. ދެންފެނުނީ މުޅި ޢުމުރުގައި ކުރިމަސައްކަތައް ހިނދުކޮޅެއްގެ ތެރޭގައި ފަނާވެގެންދިޔަ މަންޒަރެވެ. އެ ކާރީސާގައި އެތައްބަޔަކު ވަނީ މަރުވެފައެވެ. އެތައް ބަޔަކުވަނީ ގެއްލިފައެވެ.

މުޅިދުނިޔެއަށް ކުރިމަތިވި ކާރިސާގެ އަސަރު ރާއްޖެއަށް ވަރަށްބޮޑަށް ކުރިއެވެ. އެގޮތުން ގެދޮރާއި ހިފައިގެންގުޅޭ ސާމާނާއި އަންނައުނަށްދާދެން ބީވެގެން ދިޔައެވެ. އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހެވެ. ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ ދިވެހިތާރީޚުދުށް މިފަދަ އެންމެ ހިތާމަވެރި ކާރިސާ އެވެ.

މި ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކުރިކަމަށް ރެކޯޑުކުރެވިފައިވެއެވެ. އޭއޭގެ ތެރެއިން 4 ރަށެއް ވަނީ އެއްގޮތަކަށްވެސް ދިރިނޫޅެވޭވަރަށް ހަލާކުވެފައެވެ. އެއީ، ރ. ކަނދޮޅުދޫ، ތ.ވިލުފުށި، ދ.ގެމެންދޫ، މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުންވެސް23 ރަށަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އެ ބިރުވެރި ކާރިސާގައި ރާއްޖެއިންވަނީ 82 މީހުން މަރުވެފައެވެ. 26 މީހަކު ވަނީ ގެއްލިފައެވެ. ހިސާބުތައް ދައްކާގޮތުން އެކާރީސާގެ އަސަރު ރާއްޖޭގެ އާބާދީގެ 13000 އަށްވުރެ ގިނަމީހުންނަށްކުރިއެވެ. އެއީ ހަނދާނާއި ތާރީޚުން ފޮހެލެވޭނެ ދުވަހެއްނޫނެވެ. އެތައް ޢާއިލާއެއް ކަރުނުގެ ތެރެއަށް ޣަރަގުކޮށްލިއެވެ. ސުނާމީގެ ބަނޑުދަށުވެ އަމިއްލަ ދަރިފުޅާއި މަންމަ، ބައްޕަ، ޢާއިލާގެ އެހެން މީހުން ނެތިގެންގޮސްފައިވެއެވެ.

މި ކާރިސާގައި ބައެއް ރަށްރަށުން މީހުން ބަދަލުކުރަން ޖެހުނެވެ. ދާއިމީ ގޮތުންނާއި ވަގުތީ ގޮތުންނެވެ.

މިކާރިސާގެ އަސަރު ޖުމްލަގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅެމުންދިޔަ ކޮންމެ ރައްޔިތަކަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ކޮށްފައިވެއެވެ. އެތައް ބަޔަކު ކާބޯތަކެއްޗާއި ފެނަށް ޖެހުނެވެ. އަންނައުނަށްޖެހުނެވެ. އެތައް އަހަރެއް ވަންދެން ކުރި މަސައްކަތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަނޑުންނެގި ރާޅެއްގެ ބަނޑުދަށުވެ ނެތިގެން ދިޔައީއެވެ. ދިޔައެވެ.

އެދުވަހުގެ ހިތާމަތަކުގައި ކަރުނަ އޮހޮރާން ތިބުމުގެ ބަދަލުގައި ވަގުތުން އެކިފަރާތްފަރާތުން އެހީބޭނުންވާ މީހުންނަށް އެހީދޭން ފެށިއެވެ. ތިމާލަން ގެންގުޅޭ ހެދުން ތިމާގެ އަޚާއަށްދޭކަށް އެދުވަހު ފަސްޖެހުނު މީހަކު ނެތެވެ. ވަގުތީހިޔާ ބޭނުންވާ މީހުންނަށް އެކަން ފަހިކޮށް ދިނުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން މަސައްކަތް ކުރިއެވެ. ޖެހިއޮތް ރަށުގެ މީހުންނަށް އެހީވާން ދެންއޮތް ރަށޫގެ މީހުން އަތުކުރި އޮޅާލިއެވެ. އެހީއަށްއެދި އެދުވަހު ދިއްކޮލިއަތުގައި ނުހިފާދޫކޮށްފައެއް ނުވެއެވެ.

ސުނާމީގައި މީހުން ސަލާމަތްކުރުމާއި އެހިތެރިވުމަށް އެންމެންވަނީ އެދުވަހު އެކަތިގަނޑަކަށް ވެފައެވެ. ތިމާގެ ޙާލަތަށް ބެލުމެއް ނެތި ތިމާގެ އަޚާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮއްލާން އެދުވަހު އެންމެންތިބީ ޢަޒުމްކަނޑައަޅައިގެންނެވެ. އެކަން ޢަމަލީ ގޮތުންވެސް އެންމެން ދެއްކިއެވެ.

ސުނާމީ ކާރީސާއަށްފަހު ރާއްޖޭގައި އެންމެ ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ. ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. ސުނާމީ އެރި ތާރީޚެވެ. މިދުވަސް ޚާއްސަވަނީ ސުނާމީގެ ސަބަބުން އެކަކު އަނެކަކަށް އެހީވާން ދިވެހިން ދެއްކި ނަމޫނާގެ ސަބަބުންނެވެ. ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަ ބައެކެވެ. ޖެހިގެން ހުންނަ ގޭގެ ބަދިގެއިން ބަތްތެލީގެ ފޫ ކަހައިލާ އަޑުއިވޭއިރަށް އެގެއަށް ބަތާއި ލައިގެންކާނެ ސާމާނު ގެންގޮސް ދިނުމަކީ ދިވެހިންގެ ކުރީގެ އާދައެކެވެ. އެއާދަ މިހާރުވެސް ބައެއް ހިސާބުތަކުގައި އޮވެއެވެ. އެއާދައަށް ފަނޑުކަމެއް އައީ އެންމެނަށް ވެސް ތަނަވަސްކަމާއި ތިޔާގިކަމާއި ކަންކަމުގެ ފަސޭހަކަން ﷲ މިންވަރު ކުރައްވައިފައިވާތީ ކަމަށް ވެދާނެއެވެ.

ސުނާމީކާރިސާގައި ދުނިޔޭގެ އެތައް ޤައުމަކުން އެތައް ބަޔަކު މަރުވިއެވެ.

މި ހިތާމަވެރި ކާރިސާގައި ދުނިޔޭގެ 14 ޤައުމަކުން 230000 އާއި 280000  އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑޮނޭޝިއާ އިންނެވެ. އެޤައުމުން އެކަނިވެސް (ގެއްލުނު މީހުންނާއެކު) މަރުވި މީހުންގެ ޢަދަދު 167799 އަރައެވެ. ފަސްލައްކަ މީހުންގެ ގެދޮރު ގެއްލުނެވެ.

ސުނާމީ ކާރިސާގައި ދެވަނައަށް އެންމެ ގިނަބައެއްގެ ފުރާނަ ގެއްލިގެން ދިޔައީ އަވަށްޓެރި ސްރީލަންކާއިންނެވެ. އެޤަމުން 35322 މީހުން މިކާރިސާގައި މަރުވިއެވެ. 21411 މީހުން ޒަޚަމްވިއެވެ. އަދި ފަސްލައްކައަށްވުރެ ގިނަމީހުންގެ ގެދޮރު ގެއްލުނެވެ.

އިންޑިއާއިން (ގެއްލުނު މީހުންނާއެކު) މަރުވި މީހުންގެ ޢަދަދަކީ 18045 އެވެ. ހަލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލުނެވެ. ހަތަރުވަނައަށް އެންމެ ގިނަބައެއްގެ ފުރާނަ ގެއްލިގެން ދިޔައީ ތައިލެންޑުންނެވެ. އެ ޤައުމުން (ގެއްލުނު މީހުންނާއެކު) މަރުވިމީހުންގެ ޢަދަދަކީ 8212 އެވެ. ހަތް ހާހެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.

ސުނާމީ ކާރިސާގައި މީހުންމަރުވެ ގެދޮރުގެއްލިގެން ދިޔަ އިތުރު ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ، މަޑަގަސްކަރަ، ސޯމާލިއާ، ކެންޔާ،ޓެންޒޭނިއާ އަދި ސައުތުއެފްރިކާ ހިމެނެއެވެ.

ދިވެހިންނަކީ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މުސްލިމުންނެވެ. އެހެންކަމުން އަބަދުވެސް އެކުވެރިކަންމަތީ ތިބުމަށް ދީން ގޮވާލައެވެ. ސުނާމީ ކާރިސާއަކީ ފިލާވަޅެއްކަން ޤަބޫލުކުރުން ހުއްޓެވެ. ކޮންމެފަދަ ވަގުތެއްގައިވެސް ކޮންމެފަދަ ކަމެއްވެސް ދިމާވެދާނެކަން ސުނާމީ ކާރިސާއިން އެނގުނެވެ. ދިވެހިތާރީޚުގައި ވެސް ދިވެހިންނަށް އެފަދަ ކަމެއް ދިމައެއްނުވެއެވެ. ދިވެހިންގެ ދިގުތާރީޚުގައި އެފަދަ ކަމެއް މެދުވެރިނުވެ އަމާންކަމާއި ހިތްހަމަޖެހުމާއެކު މިޖަޒީރާ ރަށްތަކުގައި އުޅެފީމުއެވެ. ދިވެހިންނޭވެ. ހޭލާށެވެ. ހޭލައްވާށެވެ. މުސްލިމުގެ ގޮތުގައި ތިބެމެ ﷲ އެންގެވި މަގުގައި ތާއަބަދު ފައިތިލަ ސާބިތުކުރާށެވެ. ޙާލަތު ބަދަލުވާން ސިކުންތެއްވެސް ނުނަގާނެއެވެ. އަބަދުވެސް ތައްޔާރަށް ތިބޭށެވެ. އެކުވެރިކަމާއި އެއްބައެއް ވަންތަކަންމަތީގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.