އެއްލައްކަވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް

ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރި އެއްލަކަވަނަ ފަތުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެއްލައްކަ ފަތުރުވެރިޔަކީ ސްވިޒަލެންޑުގެ ރައްޔިތެއްކަމަށްވާ ޖޭސްމިން ބުރްކީއެވެ. އެއްލައްކަވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މިރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އިމިގްރޭޝަންގެ އުތުރުން އެމްއޭސީއެލް އިން  ބައިވެރި ވިއެވެ. 

ބޯޑަރު ހުޅުވާލި ފަހުން އައި އެއްލައްކަވަނަ ފަތުރުވެރިޔާއާއެކު ރާއްޖެއަށް މިއަހަރު އައި ފަތުރުވެރިންގެ ޖުމުލަ ޢަދަދު ވަނީ ފަސްލަކައަށް ވުރެ މަތިވެފައެވެ. ކޯވިޑަށްފަހު ސަރުކާރުގެ އަމާޒަކީ މިއަހަރު ފަސްލައްކަ ފަތުރުވެރިން ގެނައުމެވެ. ނަމަވެސް އަހަރު ނިމުމުގެ ކުރިން މިވަނީ ސަރުކާރުގެ ކަނޑައެޅި އަމާޒަށް ވާސިލުވެވިފައެވެ.

 ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަހުން މަހަށް އަންނަނީ އިތުރުވަމުންނެވެ. ބޯޑަރު ހުޅުވާލީ ޖުލައި 15 ގައެވެ. އެމަހު ރާއްޖެއަށް ޒިޔާރަތްކުރީ 1،701 ފަތުވެރިންނެވެ. އޯގަސްޓަމަހު 7،628 ފަތުރުވެރިންނެވެ. ސެޕްޓެމްބަރު 9،538 ފަތުރުވެރިންނެވެ. އޮކްޓޫބަރު 21،515 ފަތުރުވެރިންނެވެ. ނޮވެމްބަރު35،759 ފަތުރުވެރިންނެވެ. މިމަހުގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވާނެކަމަށް ވަނީ ބެލެވިއެވެ. މިމަހު ފަސްވަނަ ދުވަހު ވަނީ ތިންހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެއީ ބޯޑަރު ހުޅުވާލި ފަހުން އެއްދުވަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނައިން އައީ ރަޝިއާ ފަތުރުވެރިންނެވެ. ދެވަނަގައި އުޅެނީ އިންޑިއާ އެވެ. ތިން ވަނައިގައި އިނގިރޭސިވިލާތެވެ. މީގެ އިތުރުން އެމެރިކާ އާއި ޔޫއޭއީގެ ފަތުރުވެރިންވެސް ގިނަ އަދަދަކަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ޚިދުމަތް ފެށީ ސަފާރީ ތަކާއި ބައެއް ރިސޯޓުތަކުގައެވެ. ރަށްރަށުގެ ގެސްޓް ހައުސްތައް ހުޅުވާލީ ސެޕްޓެމްބަރު 15 ގައެވެ. މިމަހު 14 ގައި މާލެ ސަރަޙައްދު ގެސްޓު ހައުސްތައް ހުޅުވާލުމަށް ވަނީ ހަމަޖައްސައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.