
އައްޑޫން އަތުލައިގަތް 79 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ހިތަދޫ ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތް މީހެއްގެ މައްޗަށް، ދިހަ ދައުވާއެއް ކުރުމަށް ހިތަދޫ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ ނެޓްވޯކު އަތުލައިގަތުމުގައި ހެކިންނަށް ތިބީ ފުލުހުން ކަން ފާހަގަ ކުރެއްވިއެވެ. އެމީހުންގެ މައްޗަށް ކޯޓުން އަވަސް ޝަރީއަތެއް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ ބޮޑު ނެޓް ވާރކްގެ މައްސަލަ ތަހުގީގު ކުރި ފުލުހުންގެ އިންވެސްޓިގޭޓަރުން ހިންގީ ރަނގަޅު ތަހުގީގެއް" ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.
ޕީޖީ އޮފީހުގެ ޑްރަގް ޔުނިޓުގެ މަސައްކަތް ވެސް ފުރިހަމަކޮށްފި ކަމަށް ޕީޖީ ވިދާޅުވިއެވެ.
“ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން، އެކަމަށް އަޅުގަނޑުމެން އެނެމެން ތައްޔާރު" ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ދާދި ފަހުން ވަނީ ކަންނެލި ދޯންޏެއްގައި ވެސް ގިނަ ޢަދަދަކަށް މަސްތުވާތެކެތި ރާއްޖެއަށް އެތެރެ ކުރި މައްސަލައިގައި ވެސް 10 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.