ކުރީގެ ހެލްތެ މިނިސްޓަރ އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނާ މައްސަލައިގެ ރިޕޯޓު މާދަމާގެ ޖަލްސައަށް

ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދެއްވައި، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސްލޫކީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށް އެޖެންޑާކޮށްފިއެވެ.

ކުރީގެ ހެލްތް މިނިސްޓަރ ޢަބްދުالله އަމީން ގެ މައްސަލަ ބަލައިފައިވަނީ، މިނިސްޓަރ ކަމުގައި ހުންނަވައިގެން އަމީން ރައްޔިތުންގެ މަޖިލީހަށް ދެއްވި މަޢުލޫމާތަކީ ޞައްޙަ މަޢުލޫމ ތެއް ނޫންކަމަށް 16 އޮގަސްޓު 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި "ކޮވިޑް- 19 އ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު" ގައި ބަޔާންކޮށްފައިވާތީ އެވެ. މިމައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

ހެލްތް މިސްޓަރ މަޖިލީހަށް ފޮނުއްވި ސިޓީގައި 75 ވެންޓިލޭޓަރ ހޯދަން ދުބާއީ ކުންފުންޏަކާ ހަވާލުކުރީ ޑަބްލިޔުއެޗްއޯ އިން ރެކޮމެންޑުކޮށްގެންކަމަށް ވިދާޅުވެ ވަނީ އިތުރުފުޅު ހައްދަވައިފައި ކަމަށް މަޖިލީހުގެ ރައިސް ވަނީ ވިދާޅުވެފައެވެ. ދުބާއީ ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފިސަރާއި ދުބާއީގައި ހުންނަ އެ ޖަމިއްޔާގެ ކަންޓަރީ އޮފިސަރ ރެކަމެންޑުކޮށްގެން ކަމަށް ކުރީގެ ހެލްތަ މިނިސްޓަރ މަޖިލީހަށް ލިޔުމުން ފޮނުއްވި މަޢުލޫމާތުގައި ބަޔާންކޮށްފައިވެއެވެ. ކޮމެޓީގައި ދެއްކެވި ވާހަކަފުޅުތަކުގައި ވެސް ކުރީގެ ހެލްތް މިނިސްޓަރ އަމީން ވަނީ އޭނާ މަޖިލީހަށް ދެއްވި މައުލޫމާތުތައް ދިފާއުކުރައްވައިފައެވެ.

ނަމަވެސް އޮޑިޓް ރިޕޯރޓްގައި ޑަބްލިޔޫ އެޗް އޯއިން ވަނީ މިކަން ދޮގުކޮށްފައެވެ. އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަކީ ޑަބްލިއު.އެޗް.އޯ އާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައިވާ ކުންފުން ޏެއް ނޫންކަމަށާއި ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލައިޔަރެއް ވެސް ނޫންކަން ވެސް އޮޑިޓް ރިޕޯރޓްގައި ވެއެވެ. އަދި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް، މިނިސްޓްރީ އޮފް ހެލް ތާ ހިއްސާކޮށްފައި ނުވާކަންވެސް ޑަބްލި އު .އެޗް.އޯ އިން އޮޑިޓަށް ދީފައިވާ މްއުލޫމާތުތަކުން އެނގޭކަމަށް ރިޕޯރޓްގައި ވެއެވެ.

މާދަމާގެ ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ ހަވީރު 4:30 ގައެވެ. މާދަމާގެ ޖަލްސާގައި މުޅިންވެސް އޮތީ ކޮމެޓީ ތަކުގެ ރިޕޯރޓްތައް ހުށަހަޅައި އެ ރޕޯރޓްތަކާމެދު ގޮތެއް ނިންމުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.