
ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީސްމީހުންނާއި، މާލެއިން އަތޮޅުތަކަށް ދާ މީހުންނާއި ރިސޯޓުތަކުންނާއި ގެސްޓް ހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދާ މީސްމީހުން ކަރަންޓީނުކުރާ މުއްދަތު ދިހަ ދުވަހަށް ބަދަލުކޮށްފިއެވެ. ދިހަ ދުވަސް ހަމަވީމާ މިފަދަ މީހަކު ޓެސްޓް ކުރުމަށް ފަހު ކޯވިޑް-19 އަށް ނެގެޓިވް ވެއްޖެނަމަ އެމީހެއްގެ ކަރަންޓީނު އުވައިލާނެއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގިތުޔން މީހުން ދިރިއުޅޭ ރަށްރަށާއި ވައިގެބަނދަރުތައް އޮންނަ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރަށް ނުކުމެ އުޅޭއިރު ތިން ފޫޓުގެ ގައިދުރުކަމެއް ބެހެއްޓުމަކީ ކުރަން ޖެހޭނޭ ކަމެކެވެ.
މީގެ އިތުރަށް ކޮންމެހެން ދޭން ޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަކަށް މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ މީސްމީހުންގެ އަތުގައި ހަތްދިހަ ދެގަޑި އިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނާން ވާނެއެވެ. މި ޓެސްޓަށް ޚަރަދު ކުރާނީ ދަތުރުކުރާ މީހާ ނުވަތަ ދަތުރުގައި ބައިވެރިވާ މީސްމީހުނާ ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މިއީ 4 ޑިސެމްބަރު 2020 އިން ފެށިގެން އަމަލުކުރަން ފަށާ އުސޫލެކެވެ. ކަރަންޓީނުގެ މުއްދަތު ދިހަ ދުވަސް ކަމަށް ކަނޑައަޅާނީ މި ތާރީޚުގެ ފަހުން ކަރަންޓީނު ކުރާ މީހުންގެއެވެ. އޭގެ ކުރިން ކަރަންޓީނު ވެފައިވާ މީހުން ހަމަ ކުރިއެކޭވެސް އެއްގޮތަށް ސާދަ ދުވަސް ހަމަކުރަން ވާނެއެވެ. އެމީހުންގެ ކަރަންޓީނު އުވައިލާނީ ސާދަ ދުވަސް ހަމަވުމުން ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވެއްޖެ ނަމައެވެ.