އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ހުށަހެޅުމުން ގެނައީ އިސްލާހު

އެއްވެއުޅުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމަށް ހުށަހެޅުމުން އެބިލަށް ގެނައީ އިސްލާހެވެ.

އެއްވެ އުޅުމުގެ ގާނޫނު އުވާލުމަށް ހުށަހެޅި ބިލަށް އިޖްތިމާއީ ކޮމެޓީން ވަނީ ބައެއް އިސްލާހުތައް ގެނެސްފައެވެ. މިބިލް އިސްލާހުކޮށް ހުށަހެޅި ރިޕޯޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީގެ މުޤަގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވީ ބިލް އުވާލުމުގެ ބަދަލުގައި ބިލަށް އިސްލާހު ގެނެސްފައި ވަނީ އާއްމު ބައެއް ފަރާތްތަކުން ވެސް އެދުމާއެކު ޑިމޮކްރެޓިކް އެހެން މުޖުތަމައުތަކުގައި ވެސް އެ ހައްގުތައް ހިފާއްޓައިފައިވާ މިންވަރަށް ކަމަށެވެ. ސަލާމަތީ މަރިކަޒުތަކާއި އެނޫންވެސް އިޖްތިމާއީ ޚިދުމަތް ދޭ ތަންތަނުގެ ވެސް ވަކި ހިސާބު ދުރުމިނެއްގައި މުޒާހަރާކޮށް އެއްވެ އުޅެވޭނެކަމަށް ވިދާޅުވިއެވެ. ކުރިން ބިލްގައި އޮތީ މާލޭގެ އެންމެ ސަރަޙައްދަކަށް އެއްވެ އުޅެވޭ ގޮތަށް ނަމަވެސް މިގެނެވުނު އިސްލާހު ހަނިކޮށްފައިވާ މިންގަނޑު ތެރޭގައި މާލެ ކޮންމެ ތަނަކަށް ވެސް އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެކަމަށް ފާހަގަ ކުރެއްވިއެވެ.

ރިސޯޓުތަކުގައި އިހުތިޖާޖު ނުކުރެވޭ ގޮތަށް ބިލް އިސްލާހުކުރުމަށް ބައެއް ބޭފުޅުން ޚިޔާލުފާޅުކުރެއްވި ނަމަވެސް އެހައްގު ހިފެހެއްޓުމުގެ ބަދަލުގައި ރިސޯޓުތަކުގައި މުވައްޒަފުންނަށް ވެސް ވަކި އުސޫލެއްގެ މަތިން އިހުތިޖާޖުކޮށް ހަޅުތާލުކުރެވޭ ގޮތަށް އެމާއްދާ އިސްލާހުކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. ގާނޫނު އަސާސީ ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ހައްގެއް އުނިވާ ގޮތަށް ގާނޫނަށް އިސްލާހު ނުގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިސޯޓުތަކުގައި އިހުތިޖާޖު ނުކުރެވޭނަމަ ގާނޫނު އަސާސީއާވެސް ޚިލާފުވާނެކަމަށް މެމްބަރ ޢީސަ ފާހަގަކުރެއްވިއެވެ.  

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލައްވެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކާށީދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރެވެ. މަޖިލީހަށް އެންމެ ގިނަ ބިލްތަކާއި މައްސަލަތަކާއި ގަރާރުތައް ހުށަހަޅުއްވާ އެއް މެމްބަރަކީ ޖާބިރެވެ. ނަމަވެސް އޭނާ ހުށަހެޅުއްވި ގިނަ މައްސަލަތަކާއި ބިލްތަކާއި ގަރާރުތައް މަޖިލީހުން ވަނީ ފެއިލް ކޮށްލައިފައެވެ. މިބިލް ކޮމެޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން މެމްބަރ ޖާބިރު ވަނީ ބިލް މަޖިލީހުން ބަލައިގަނެ އެ ހިސާބަށް ގެނެސް ދެއްވީތީ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.