ޓޫރިޒަމް ޤާނޫނަށް ގެންނަން މަޖިލީހަށް ހުށަހެޅި އިޞްލާޙުން އެމްއެމްޕީއާރުސީން ހިންގިފަދަ ވައްކަމަކަށް މަގުފަހިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢަޒީމް ވިދާޅުވެއްޖެއެވެ. ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީވެސް މެމްބަރ ޢާޒިމެވެ.
އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރައްޤީ ކުރުމަށް ބިލަށް އަލަށް ތަޢާރަފްކުރާ ބާބުން އެމްއެމްޕީއާރުސީން ރާއްޖޭގައި ހިންގިފަދަ ވަކަމަށް ވަގުފަހިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުން އެކަންކަމަށް ފުރުޞަތު ނުދެއްވާނެކަމަށާއި އެގޮތަށް ހުރި ކަންކަމަށް އިސްލާޙު ގެންނާނެކަމަށް ވިދާޅުވިއެވެ. މިހާރު ޓޫރިޒަމްގެ މަސައްކަތަށް ދެކުންފުންޏެއް އޮންނަ އިރު އިންޓަގްރޭޓެޑް ޓުރިޒަމް ތަރައްޤީކުރަން ސަރުކާރުން ކުންފުނި ހެދުމަށް މަގުފަހިވާހަކަށް ވިދާޅުވިއެވެ. ސަރުކާރުގެ ކުންފުނިތައް ހެދުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ބިލުގައި ވާގޮތުން ޓޫރިޒަމް ތަރައްޤީ ކުރާނެތަންތަން ރައީސް ކަނޑައެޅުމާއެކު 100 ޕަސަންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނޫނީ އެ ވިޔަފާރީގެ ތެރެއަށް ނުވަދެވޭނެކަމަށްމެމްބަރ ޢާޒިމް ވިދާޅުވިއެވެ. އެހެންކަމުން އިންޓަރގްރޭޓެޑް ޓޫރިޒަމް ގެ ވާހަކަ ބަޔާންކުރާ ބާބުން ސަރުކާރުން އިތުރު ކުންފުނިތައް ހެދުމަށް މަގުފަހިވާކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް ސަރުކާރު ހިއްސާވާ ދެ ކުންފުނި އެބަ އޮތް، އަނެއްކާ އަނެއް ކުންފުނި ހަދައިގެން މިއުޅެނީ ކޮންކަމެއް ކުރަންތޯ؟ ކީއްކުރަންތޯ؟ އަޅުގަނޑު ފަހަރެއްގައިވެސް ނުބުނަން ވައްކަންކުރަން މާމޮޅު ވާނެއެކޭ، ތިމަންނައަށް މިކަންކަން ކޮށްލެވިދާނޭ އެއްވެސް މީހަކަށް ނޭނގޭ އުޞޫލުން. ނޫން. ނުވެސް ކުރެވޭނެ. އެފުރުޞަތެއް، އަޅުގަނޑުމެންނެއް ނުވެސް ދޭނަން. ވައްކަން ނޭނގޭ ގޮތަކަށްވެސް ނުކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ ކުރާ ވައްކަންވެސް. އަޅުގަނޑުމެންނަށް އެބަހުރި އެކަންކަން ފެންނަން. އެހެންނަމަވެސް އެ ވާހަކަ އަޅުގަނޑުމެން ނުދައްކަނީ އެއަށްވުރެ ރީތިކޮށް މިކަންކަން ޙައްލުކުރެވޭނެ ކަމަށް އުއްމީދުކޮށްގެނެ. އެކަންކަން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ޙައްލު ނުކުރެވެންޏާ، ދެން އޮންނާނީ މިތާ (މަޖިލީހުގައި) ރީތިކޮށް ކިޔާލަ ދިނުން. ކިހާވަރެއްގެ ކޮން ތާކުން ކޮން ވައްކަމެއްތޯ ކޮށްފަހުރީ." އިކޮނޮމިކް މިނިސްޓަރ ފައްޔާޒަށް ފާޑު ވިދާޅުވަމުން މެމްބަރ ޢާޒިމް ވިދާޅުވިއެވެ.
ޓޫރިޒަމަކީ "ރަންބިސް އަޅާ ކުކުޅޭ" ބުނާ އަޑުއަހާކަމަށާއި ނަމަވެސް ކުންފުނި ހަދައިގެން އުޅެނީ އެކުކުޅު ބިސް އެޅިޔަ ނުދީ ފޫކޮޅުގައި އަތްއަޅަން ކަމަށް ވިދާޅުވިއެވެ. ޓޫރިޒަމް ޤާނޫނަށް އިތުރުކުރުމަށް ހުށަހަޅައިފައިވާ ބާބަކީ އެމްއެމްޕއާރުސިން ކުރިކަހަލަ އަނެއް ވައްކަން ކުރުމަށް ތައްޔާރުކޮށްފައިވާ ބާބެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރައްޤީކުރާއިރު އެވިޔަފާރީގެ ތެރެއަށް އާއްމު ވިޔަފާރިތަކަށް ވަދެވޭނެ މަގު ބިލުން ފަހިކޮށް ދީފައި ނުވާތީ ވެސް މެމްބަރ ޢާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އިޞްލާޙު ހުށަހަޅުއްވައިގެން އެކަން ހައްލުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެތައް ދުވަހެއް ވަންދެން ރިސޯރޓް ތަރައްޤީ ނުކުރެވިފައިވާ ފަރާތްތަކަށް ވެސް އެ ވިޔަފާރީގެ ތެރެއަށް ވަނުމަށް އެއްމިލިއަން ޑޮލަރު ހޭދަކުރަންޖެހޭ ގޮތަށް އޮތުމަކީ ވެސް ކަންބޮޑުވުމެއްކަން ފާހަހަގަ ކުރެއްވިއެވެ، އެފަދަ ކަންބޮޑުވުން ތަކަށް އިޞްލާޙު ހުށަހަޅުއްވާނެކަމަށް ވެސް މެޖޯރިޓީ ލީޑަރ ވިދާޅުވިއެވެ.
ޓޫރިޒަމް ޤާނޫނަށް އިސްލާޙު ހުށަހަޅައިފައި ވަނީ އަންނަ އަހަރުގައު ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ހިމަނައިފައިވާ ކަންކަމަށް މަގު ފަހިކޮށެވެ. އެހެންކަމުން ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމެޓީން ކުރިއަށް ގެންގޮސް އަވަހަށް ނިންމުމަށް ވެސް ބިލް ހުށަހަޅަމުން މެމްބަރ ޢާޒިމް ހުށަހެޅުއްވިއެވެ. މިހުށަހެޅުމަށް ވަނީ ތާއީދުވެސް ލިބިފައެވެ.