ފިޗުން ރޭޓް ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން: މެމްބަރ ޢާޒިމް

ފިޗުން ރޭޓް ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕީޖީ ލީޑަރ މެދުހެންވޭރުދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

މެމްބަރ ޢާޒިމްވިދާޅުވީ އެއީ އެ ޤައުމެއްގެ ހިސާބުތަކަށް ބަލާފައި ކުރާކަމެއްކަމަށެވެ. މެމްބަރ ޢާޒިމް މިމޭރުމުން ވާހަކަ ދައްކަވައިފައި ވަނީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ ދަރަންޏާ ގުޅޭ ގޮތުން ފާސްކުރި ޤަރާރުގެ ސަބަބުން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާޙީމް ޝަރީފު ކުރެއްވި ޓްވިޓަށް ރައްދު ދެއްވައި ކުރެއްވި ޓްވިޓެއްގައެވެ. 

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ" އަށް ދަށްކުރީ ދަރަންޏާ ގުޅޭ ގޮތުން މަޖިލީހުން ދާދި ފަހުން ފާސްކުރި ޤަރާރުގެ ސަބަބުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެ ޤަރާރު މަޖިލީހުން ފާސްކުރި ދުވަހު ވެސް އެގޮތަށް އެ ގަރާރު ފާސްކުރަން ހެޔޮ ނުވާނެ ކަމަށް ދެންނެވި ކަމަށެވެ. 

ފިޗުން "ސީސީސީ" އަށް ކްރެޑިޓް ރޭޓިން ދަށްކުރަނީ ޤައުމުތަކުން ދަރަނި އަދާނުކުރެވުމުގެ ބިރު ބޮޑުވުމުންނެވެ. ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި މިވަނީ، ބޭރުގެ ދަރަނި އިތުރުވެ އިޤްތަޞާދީ ދަށްވަމުން ދާތީއެވެ.

ފިޗުން އަންދާޒާކުރާ ގޮތުގައި މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރު 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްއާއި 2004 ގެ ސުނާމީއާ ގުޅިގެން އިޤްތިޞާދަށް ކުރި ނޭދެވޭ އަސަރަށްވަރުވެސް ބޮޑެވެ. ރާއްޖޭގެ އިޤްޠިޞާދު ހަމައަކަށް އެޅޭނެ ކަމަށް ފިޗުން އަންދާޒާކުރަނީ 2022 ގައެވެ. 

ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކުރަން ފިޗުން ނިންނި ނިންމުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ދުވަހަކު ވެސް ޑީފޯލްޓްނުވާ ކަމަށާއި އަދި ދަރަނިތައް ވެސް މުއްދަތަށް ދައްކަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް އެކަން ކުރަމުންދާނެ ކަމުގެ ޔަގީންކަންދޭކަމަށެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރތަކުގެ އަޑު އަހަން ޖެހޭ ކަމަށެވެ. ޚާއްޞަ ކޮށް ޗައިނާއިން ނަގާފައިވާ ދަރަނި ފާހަގަ ކޮށް ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ދަރަނި ރީސްޓްރަކްޗަރ ކުރެވިއްޖެނަމަ ދަރަނި ނުދެއްކޭ ޙާލަތަކަށް ރާއްޖެ ނުދާނެކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.