ހޯމް މިނިސްޓަރަށް ބިރުދައްކައިގެން އެއްވެސް ގައިދީއަކަށް ލުޔެއް ނުލިބޭނެ: މެމްބަރ ޝިފާޢު

ހޯމް މިނިސްޓަރަށް ބިރު ދައްކައިގެން އެއްވެސް ގައިދީއަކަށް ލުޔެއް ނުލިބޭނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރ ޢިމްރާން ޢަބްދުﷲގެ ޢިތުބާރުނެތް ކަމުގެ މައްސަލައިގައި، އެމަނިކުފާނުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ ޝިފާޢު ވިދާޅުވީ ވެރިކަން ބަދަލު ކުރުމުގައި ރައްޔިތުން އެދުނީ ރާއްޖޭގައި އަމަންއަމާންކަން ޤާއިމްކޮށް ދެއްވުމަށްކަމަށެވެ. އަމާންކަން ޤާއިމުކުރެއްވުމަށް ހޯމް މިނިސްޓަރ ކުރައްވާ މަސައްކަތްޕުޅަކީ އިދިކޮޅު ފަރާތްތަކަށް މާ ސާފް ލޮލަކުން ފެންނާނެ ކަންކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ހޯމް މިނިސްޓަރަކީ ވަރަށް ބޮޑަށް ރައްޔިތުންގެ ފިކުރާ ވިންދު އެނގިވަޑައިގަންނަވާ ބޭފުޅެއްކަމަށް ވެސް މެމްބަރ ޝިފާޢު ވިދާޅުވިއެވެ. ކުރީ ސަރުކާރުން ސިޔާސީ ފަރާތްތަކަށް ދެމުން ދިޔަ އަނިޔާ ނިމުމަކަށް ގެނައުމުގައި މިސަރުކާރުން އަދާކުރާ މަސައްކަތުގައި ހޯމް މިނިސްޓަރުގެ ދައުރަކީ ކުޑަ ދައުރެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.  ނިމިދިޔަ ސަރުކާރާ ޚިލާފަށް މިސަރުކާރަކީ ރައްޔިތުންގެ އެދުމާއި އުއްމީދާ އެއްގޮތަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްގެން ވެރިކަން ކުރަމުންދާ ސަރުކާރެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

"ނިމިދިޔަ ސަރުކާރުގެ ވައްކަންތަކުގެ މައިމުގޫ މިއަދު ވަނީ ޤާނޫނުތަކުގެ ތެރެއިން، ޢަދުލުގެ ނިޒާމްގެ ތެރެއިން، ހައްގު އަދަބު ދިނުމަށް ރާއްޖޭގައި ގާއިމްކޮށްފައިހުރި ޖަލުތަކު ގައިދީއެއްގެ ގޮތުގައި ޖަލަށްލެވިފައި. މިވެރިން (އިދިކޮޅުން) ހީކޮށްގެން ނުވާނެ އަދުގެ ހޯމް މިނިސްޓަރުގެ ޢިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާތަނުން ހޯމް މިނިސްޓަރ ބިރުން ތުރުތުރު އަޅައިގެން، އެގައިދީ މިނިވަން ކުރުން، ނޫނީ ގެއަށް ބަދަލުކުރުމުގެ ވާހަކަތައް ފަށްޓަވާނެކަމަށް. އެއީ ކުށް ހީއެއް." މެމްބަރ ޝިފާޢު ވިދާޅުވިއެވެ.

ގައިދީއަކަށް ލުޔެއް ބޭނުން ނަމަ އެކަމަށް ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ވެސް މެމްބަރ ޝިފާޢު ގޮވާލެއްވިއެވެ. މައާފް ލުއިކޮށްދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ޤާނޫނުން ކްލެމެންސީ އަށް ޝަރުތު ހަމަވާނަމަ ކްލެމެންސީއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކޮށް އޮތީ ހުޅުވިފައިކަމަށް ވެސް ވިދާޅުވިއެވެ. ކްލެމެންސީ ބޯޑަށް ހުށަހެޅުމުން އެމަނިކުފާނުވެސް ހިމެނި ވަޑައިގަންނަވާ، އެބޯޑުން އިންސާފުވެރިކަމާއެކު ބަލައިފައި، ކޮންމެ ގައިދީއަކަށް ދެވެން އޮތް ލުޔެއް ދެއްވާނެކަމަށެވެ.  ހޯމް މިނިސްޓަރ ބިރުދައްކައިގެން އެއްވެސް ގައިދީއަކަށް ލުޔެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމްމިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާޢުގައި މިނިސްޓަރ ޢިމްރާން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިޔާސީ ގޮތުން ކުރިމަތިކުރާ ފިއްތުންތަކުން ޖަލު ބަންދުގައި ހުރި މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ.

އެވާހަކަފުޅަކީ ފަސް އަހަރުގެ ޖަލު ޙުކުމުގައި އޮންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމުގެ ނުވަތަ ގެއަށް ބަދަލުކުރެއްވުމުގެ ވާހަކަ ކަމަށް ބެލެވެއެވެ.

ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން ވަނީ ޕީޖީ ގަރޫޕުން ނިންމަވައިފައިވާ ގޮތަށް ހޯމް ނިސްޓަރުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވައިފައެވެ. މިއަދުގެ ވޯޓްގަޑީގައި އިތުބާރު ނެތްކަމުގެ ވޯޓް ނެގިއަސް އެމްޑީޕީން ވޯޓް ދޭނީ އެކަމާ ދެކޮޅަށް ކަމަށް ބެލެވެއެވެ. އެމްޑީޕީން މައްސަލައާ ދެކޮޅަށް ވޯޓް ދެއްވައިފިނަމަ އެމައްސަލަ މަޖިލީހުން ފެއިލް ވެގެން ދާނެއެވެ. މަޖިލީހުން ކަމެއް ފާސްވާނީ އެމްޑީޕީގެ މެމްބަރުންގެ ތާއީދު ލިބިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.