ވައްކަމާއި ފޭރުން އިތުރުވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ވައްކަންކުރުމާއި ފޭރުން އިތުރުވެ، އަދި ފޭރުމަށްޓަކައި މީހުން ރަހީނު ކުރަމުންދާތީ މި ނުރައްކާތެރި ބިރުވެރިކަމުން ދިވެހިރައްޔިތުން ސަލާމަތްކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. މި މައްސަލަ ބަލައިގެންފައި ވަނީ 24 މެމްބަރުން ވޯޓުންނެވެ. މައްސަލައިގައި ބުނެފައިވަނީ ވައްކަން އާންމުވެ، އަނދެގެން އޮންނަ ކަނޑިކި ހެނދުނު އިރުއަރާއިރު އޮންނާނެ ކަމާއި މެދު ޝައްކު އުފެދޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށެވެ. އަދި ގޯތި ތެރޭގައި ހުންނަ ގަހުގައި އޮންނަ ކެޔޮގަނޑު ނުވަތަ ރުކުގައި އޮންނަ ކުރުނބާ އިހާ ކަނޑައިގެން ގޭ މީހުން ކުރިމަތިން ރޯމާ ދުވާލު ގެންދާއިރު ކުރެވޭނެ ކަމެއް ނެތިފައި ތިބެންޖެހިފައިވާ ކަމަށެވެ. އެ މައްސަލައިގައި ބުނެފައިވެއެވެ. ގޯތި ތެރޭގައި ހައްދާފައި ހުންނަ މާ ގަސް ނުވަތަ ހަރުކޮށްފައި ހުންނަ އެއާކޮންޑިޝަން ނުވަތަ ދޮވެ އަވީގައި ލާފައިވާ ތެލިތާސް ވެސް ނަގައިގެން ލޯކުރިމަތިން ގެންދާ ކޮންމެ ފަހަރަކު އެކަމެއް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރެވުނު ނަމަވެސް ގިނަ ފަހަރަށް ހެކި ނެތުން ކަމަށް ބުނެ މައްސަލައާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުކުރެވި ނުވަތަ ބަންދުކުރެވުނު ނަމަވެސް ޖެހިގެން އަންނަ ދުވަހަކު ދޫކޮށްލާ ކަމަށެވެ.
"މިފަދައިން މި ކަންކަން ތަކުރާރުވެ ވައްކަން ކުރުން އާންމު ކަމަކަށް ވެފައިވާ މި ދަނޑިވަޅުގައި، މިއަދު ރައްޔިތުން ގޮތް ހުސްވެފައި ވީހިނދު، މިފަދަ އަމަލުތައް ހިންގުމަށް ރެޔާއި ދުވާލު ކެނޑިނޭޅި އުޅޭ މަދު ކުދިންކޮޅަކީ ކޮބައިކަމާއި، އެ ކުދިންނަކީ ކުށުގެ ރެކޯޑު މަތި މައްޗަށް އޮންނަ ކުދިން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާއިރު ފިޔަވަޅު ނޭޅި، ހައްލު ނުލިބި މިފަދަ ވައްކަންތައް ކުރުމަށް އެ ކުދިންނަށް ލައިސަންސެއް ލިބިގެން ޢަމަލުކުރާ އުސޫލުން ވައްކަން ކުރަމުންދާތީ މިކަމަށް އަވަސް ހައްލެއް ބޭނުންވެފައި ވީހިނދު، މިނިވަންކަމާއެކު ވައްކަން ކުރެވޭނެ މާހައުލެއް އޮތް ކަމަށް ގަބޫލުކޮށް، މިހާރު އެކަން އިތުރު ދަރަޖައަކަށް ކޮށް، އެގޮތުން ގޭގެ ގޯތިތެރެއަށް ވަދެ މަންމަ ނުވަތަ ދައްތަގެ ކަރުގައި ވަޅި ޖެއްސުމަށްފަހު ، ފައިސާ އާއި ކަރުގައި އޮންނަ ރަން ފަށް ފޯނު ފޭރިގަތުމާއި، ފައިސާ ފޮއްޗެއް ގެންގުޅޭނެހެން ހީވާ މުސްކުޅިއެއް ޒުވާނެއް ބެލުމެއް ނެތި ރަހީނުކުރުން އިތުރުވެފައި ވީހިނދު، އެފަދަ ކިތަންމެ ކަމެއް ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ހިނގާފައި ވުމީ މިކަމަށް އަވަސް ހަރުކަށި ފިޔަވަޅު އަޅައި ކޮންޓްރޯލް ނުކޮށްފިނަމަ މިކަމަކީ ކޮރޯނާ ވައިރަހަށް ވުރެ ބިރުބޮޑުކަމަށް ވުމީ ދުރުގައިކަމެއް ނޫން" ކަމަށް ކުއްލި މައްސަލައިގައި ވެއެވެ.
ކަމާބެހޭ ހުރިހާ ފަރާތްތަކުން ޤާނޫނުތައް ތަންފީޒުކޮށް އެފަދަ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކުރުމަށް އަވަސްވެގަތުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ. އަދި އެފަދަ ކުށްތައް ކުރާ ކުދިން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރެވޭނެ ގޮތްތައް ރޭވުމަށްވެސް ގޮވާލެއްވިއެވެ.