ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލުމަށް ހުށަހެޅި ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާނެއެވެ.
ބިލް ހުށެހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ. މެމްބަރ ޙަޞަން ހުށަހަޅުއްވާފައިވާ ބިލަކީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ. މިބިލަކީ އިންތިޚާބު ފަސްކުރުމާ ގުޅިގެން ކައުންސިލްތަކުގެ ދައުރު ހަމަވަން ވާއިރަށް އާކައުންސިލްތައް އިންތިޚާބު ނުވެ އަންނާނެ ޤާނޫނީ ހުސްކަމަކަށް ފަރުވާއެއް ހޯދައި ދިނުމުގެ ގޮތުން ހުށަހަޅައިފައިވާ ބިލެކެވެ. މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ޖޫން ތިނަކަށް ހަމަވާނެއެވެ.
މިބިލްގެ ބަހުސް ތާވަލް ކޮށްފައި ވާއިރު އެމައްސަލައަށް ޙައްލެއް ހޯއްދެވުމަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމުގެ ބިލެއް ދައުލަތުގެ ބަންޑާރަނައިބް ވަނީ މަޖިލިހަސް ފޮނުއްވައިފައެވެ. ނަމަވެސް ޤާނޫނޫ އަސާސީއަސް އިޞްލާޙު ގެނައުމަށް މަޖިލީހަށް ފޮނުވި ބިލް އެޖެންޑާ ކުރެއްވުމަށްފަހު ފުރަތަމަ ކިޔުން ނުއިއްވައި މަޖިލީހުގެ ރައީސް ވަނީ އެއީ ކުރެއްވޭނެ ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އާއްމު ޞިއްޙަތު ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކޮށްފައި އޮތުމެވެ. ފުޅާ ދާއިރާއެއްގައި މަޖިލީހުގައި ބަހުސް ކުރިއަށް ގެންދެވިއިރު މެންބަރުންގެ ޚިޔާލުތައް ހުރީ ދެކަފި ވެފައެވެ. ޤާނޫނު އަސާސީ އިޞްލާޙު ކުރެވެނެކަމަށް ބައެއް މެމްބަރުން ވިދާޅުވިއިރު އަނެއްބައިމެމްބަރުން ވިދާޅުވީ މިފަދަ ޙާލަތެއްގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ބަންޑާރަ ނާއިބާއި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލްވެސް ވިދާޅުވީ ޤާނޫނު އަސާސީ އިޞްލާޙު ކުރެވޭނެކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އިން ބޭނުންވީ ޤާނޫނު އަސާސީއަށް އިޞްލާޙު ނުގެނެސް ޤާނޫނަކުން މައްސަލައަށް ޙައްލު ހޯދުމަށެވެ. ނަމަވެސް ޤާނޫނީ ގޮތުން ފުންނާބު އުސް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވަނީ ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެސްގެން ނޫނީ އެމައްސަލައަށް ހަލެއް ނުލިބޭނެކަމަށެވެ.
ސަރުކާރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިޞާން ޙުޞައިން ހުށަހަޅުއްވާފައިވާ، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ގެ ބަހުސް ވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. މެމްބަރ ޙިޞާން ހުށަހެޅުއްވި ޚާއްޞަ ބިލަކީ ކައުންސިލް އިންތިޚާބު ފަސްކުރުމަށް ހުށަހަޅައިފައިވާ ބިލެކެވެ. މިއަދުގެ ޖަލްސާގައި ފުރަމަ ބަހުސް ކުރިއަށް ގެންދިއުމަށް އެޖެންޑާގައި އޮތީ މި ބިލަށެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފައިވާ ނަންފުޅު އިއްވައި އެނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވެސް މިއަދުގެ ޖަލްސާގައި ވަނީއެޖެންޑާކޮށްފައެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހެ ޤާނޫނުގެ ދަށުން އަލަށް އުފައްދަވާ މަޤާމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު މިބާއްވަނީ އޮންލައިންކޮށް ބާއްވަމުން ގެންދެވި ޖަލްސާތައް އެއް ހަފާތާއަށް މެދު ކަނޑާލުމަށްފަހުއެވެ. މިދިޔަ ހަފްތާގައި ޖަލްސާތައް މެދު ކަނޑާ ލެއްވީ މިހަފްތާއިން ފެށިގެން، އޮންލައިން ޖަލްސާތަކުގެ ބަދަލުގައި އާމްކޮށްބާއްވަމުން އަންނަ ގޮތަށް، މަޖިލީހުގެ ޖަލްސާ މާލަމުގައި ޖަލްސާތައް ބޭއްވުމަށެވެ. އެކަމުގެ މަޝަވަރާ ބައްދަލުވުމެއް ޕީޖީ ލީޑަރުންނާއި ކޮމެޓީތަކުގެ މުޤައްރަރިރުންނާއެކު މަޖިލީހުގެ ރައީސް ވަނީ ކުރިއަށް ގެންދަވާފައެވެ.
ކޮވިޑް 19 އާ ގުޅިގެން އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާން ކޮށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ބާއްވަމުން ގެންދެވީ އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމުގެ ގޮތުން އޮންލައިންކޮށެވެ. މިއަދު ބޭއްވުމަށް އެޖެންޑާ ކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 27 ވަނަ ޖަލްސާއެވެ. އޮންލައިންކޮށް ބާއްވާ މިއަދުގެ ޖަލްސާ ފެށޭނީ 11 ޖަހާއިރުއެވެ.