ލޯނުތަކުގެ މަޢުލޫމާތު ލިބިފައިވާ ނުވާކަމަށް ވިދާޅުވުމުން މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ ހިތްހަމަ ނުޖެހުން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ލޯނުތަކުގެ މަޢުލޫމާތު ލިބިފައިވަނިކޮށް، ނުލިބޭކަމަށްވިދާޅުވުމުން، މާލިއްޔަތު ކޮމެޓީގެ މުޤައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ނާޝިޒު ހިތްހަމަ ނުޖެހުންފާޅު ކުރައވައިފިއެވެ.

މިދިޔަ ސަރުކާރުން ހަތަރު ލޯނެއް ނަގައިފައިވާ އިރު އެލޯނުތަކުގެ މަޢުލޫމާތު މަޖިލީހާ ޙިއްސާކުރައްވައިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވިއެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނެސް މަޖިލީހުގެ ތަޅުމުގައި މަޝްވަރާ ކުރެވޭއިރު ބަލަން ޖެހޭވަރަށް ނުބެލި އޮތް އޮތުން، މެމްބަރ ނާޝިޒް  ވަނީ ކުށްވެރި ކުރައްވައިފައެވެ. އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދެއްވުމަށް އޭނާ އެދި ވަޑައި ގެންނެވިއެވެ.

ޤާނޫނެއްގައި ނުވަތަ ޤަވާޢިދެގައި ވަކި މުއްދަތެގައިގައި މަޖިލީހަށް ލިބެންޖެހޭ ލިޔެކިޔުމެއް ނުލިބިވާނަ އެލިޔެކިޔުމެއް ހޯދުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށް މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ނާޝިޒް ވިދާޅުވިއެވެ. އެކަމެއް މަޖިލީހުގެ ރިޔާސަތުގެ  ނުވަތަ ކަމާ ގުޅުންހުރި ކޮމެޓީއެއްގެ ސަމާލުކަމަށް ގެނައުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެފަދަ އެއް ވެސް ކަމެއް 19 މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސަމާލުކަމަށް ގެނެސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

 ރައީސް ޔާމީން ސަރުކާރުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ވިއްކާފައިވާ ބޮންޑާ ގުޅޭ ގޮތުން ރައްޔިތުން މަޖިލިހަށް ލިބެންޖެހޭ މައުލޫމާތު މަޖިލިހަށް ލިބިފައިނުވާ މަޖިލީހުގެ ރައީސް ވިދާޅުވިއަސް އެމައުލޫމާތު މަޖިލިހަށް ލިބިފައިވާކަން މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވިއެވެ. އެގޮތުން ލޯނުތަކާއި ބޮންޑް ހިމެނޭ ގޮތަށް ހަތަރުކަމެއްގެ މަޢުލޫމާތު ލިބިފައިވާ ނުވާކަމަށް މަޖިލީހުގެ ރައީސްގެ މައްސަލައިގައި ވިދާޅުވިއެވެ. އެއީ މާލެ ހުޅުމާލެ ބުރިޖު އެޅުމަށް ނެގި ލޯނާއި ސަނީ ސައިޑް ބޮންޑާ ގެ މައުލޫމާތާއި އަބޫދާބީއަށް ވިއްކި ބޮންޑާއި އަދި ސޭލާން ޕަބްލިކް ބޭންކަށް ދޫކުރި ސޮވެރިން ގެރެންޓީއެއްކަމަށް މަޖިލީހިގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީގެ މުޤައްރިރެ، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ވަނީ ވަރަށް ތަފުސީލުކޮށް އެލޯނުތަކާއި ބޮންޑުގެ މައުލޫމާތު މަޖިލިހަށް ލިބުނުކަން މަޢުލޫމާތު ޙިއްސާކުރި ތާރީޚާއި ސިޓީގެ ނަންބަރާއެކު މަޖިލީހުގެ ތަޅުމުގައި ހާމަކުރައްވައިފައެވެ.

ނާޝިޒު ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އެޅުމަށް ނެގި ލޯނުގެ ތަފުސީލުތައް 2018 ވަނަ އަހަރުގެ 25 ޑިސެމްބަރުގައި މަޖިލިހާ ހިއްސާކޮށްފައިވާ ކަމަށެވެ. ސަނީސައިޑް ބޮންޑުގެ މައުލޫމާތު 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ގައި މަޖިލީހަށް ފޮނުވާފައިވާ  ކަމަށެވެ. އަދި އަބޫދާބީ ބޮންޑާ ގުޅޭ މައުލޫމާތު 2018 ވަނަ އަހަރުގެ ޑިސެމްބަރ 25 ހިއްސާކޮށްފައިވާ ކަމުގައެވެ. އަދި ސޭލާން ޕަބްލިކް ބޭންކަށް ދޫކުރި ސޮވެރިން ގެރެންޓީގެ މައުލޫމާތުވެސް އެތާރީޚްގައި  ޙިއްޞާކޮށްފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މުޤައްރިރު މިމަޢުލޫމާތު ހާމަކުރެއްވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމެޓީން ސަމާލުކަން ދީގެން ކުރިއަށް ގެންދަވަން ޖެހެނެކަމަކީ މައްސަލައިގައި ހިމެނޭ ސޮވެރިން ގެރެންޓީގެ ބައި ކަމަށެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.