އެމެރިކާގެ އިންތިޚާބީ ރައީސް ބައިޑެން: ކަޝްމީރުގެ މުސްލިމުންގެ އުއްމީދު

ކަޝްމީރުގެ މުސްލިމުންގެ ހައްގުގައި ވާހަކަފުޅުދައްކަވަމުން ގެންދެވި ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވުމަކީ އިންޑިއާ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެނީ ބައިޑެން ވަނީ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން އެތައް ފަހަރަކު ކަޝްމީރު ރައްޔިތުންގެ ހައްގުގައި ވާހަކަފުޅުދައްކަވާފައެވެ. ކަޝްމީރުގެ ރައްޔިތުންނަށް އިތުރު މިނިވަންކަން ދިނުމާ ގުޅޭގޮތުންނެވެ. ކަޝްމީރުގެ ރައްޔިތުންނަށް ބާރާއި އިޚުތިޔާރު ދިނުމާގުޅޭގޮތުންނެވެ.

ހައްދުފަހަނަޅާފައިވާ ހިންދޫންނަށް އަބަދުވެސް ތާއިދުކުރައްވާ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ކަޝްމީރަށް އިންޑިއާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚާއްޞަ ހައިސިއްޔަތު ނިގުޅައިގަތުމަށްފަހު ކަޝްމީރު އިތުރަށް ބައިކޮށް ކަޝްމީރުގެ ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ނައްތާލައްވާފައެވެ. އިންތިޚާބީ ރައީސް ބައިޑެން ވަނީ ކުރިންވެސް އޮތްގޮތަށް ކަޝްމީރުގެ ބާރުތައް އަލުން އިއާދަކުރުމަށް ގޮވާލައްވާފައެވެ. ކަން އެހެން އޮތުމުން ކަޝްމީރުގެ ރައްޔިތުން ދެކެނީ ބައިޑެންއަކީ އެމީހުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދައިދެއްވާނޭ ރައީސެއްގެ ގޮތުގައެވެ.

ބައިޑެން ވަނީ ރައީސް އޮބާމާގެ ނައިބު ރައީސެއްގެ މަގާމު ދެ ދައުރުގައި އަދާކުރައްވާފައި

ބައިޑެން ކެމްޕޭނަށް މަސައްކަތްކުރެއްވި ދުވަސްވަރު ބައިޑެން ވަނީ މުސްލިމުންނާއި އެމެރިކާއަށް ހިޖުރަކޮށްފައި ތިބި އެކި ގައުމުތަކުގެ މީސްމީހުންނާމެދު ހެއުކޮށް ހިއްތަވައި އިންސާފުން ކަންތައްކުރައްވާނޭކަމަށް  ވައުދުވެވަޑައިގެންފައެވެ.

ބައިޑެންއަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރައްވައި ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުންގެންދަވާ ބޭފުޅެކެވެ. މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުން ގަތުލުކުރުމުގެ އިތުރަށް އެބައިމީހުންނަށް ދެމުންދާ އަނިޔާތަކާއި ޗައިނާގެ ޔަޣޫރު މުސްލިމުންނަށް ކުރިމަތިވަމުންދާ މަޖުބޫރީ ހާލަތުން އެބައިމީހުން މިންޖުކުރެއްވުމަށް އެދިވަޑައިގެން ބައިޑެން ވަނީ އަޑުއުފުއްލަވާފައެވެ.

ބައިޑެން ކާމިޔާބު ހޯއްދެވީ ރައީސް ޓްރަމްޕާ ވާދަކުރައްވައިގެން

ޖޯ ބައިޑެން 77އ ވަނީ ރައީސް ބަރަކް އޮބާމާގެ ދެ ދައުރުގައި ވެސް އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމު 8 އަހަރު ކުރައްވާފައެވެ.

ޖޯ ބައިޑެން ރައީސްކަމުގެ ހުވައި ކުރައްވައި އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.