އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑްން އިންތިޚާބު ވުމުން އިއްޔެއާ ހަމައަށް އޭނާއަށް ތަހްނިޔާ ނުދައްވާ ގަލްފްގެ ހަމައެކަނި ޤައުމަކީ ސަޢޫދީ ޢަރަބިއްޔާ ކަމަށް އިނގިރޭސިވިލާތުގެ ވެބް ސައިޓެއްކަމުގައިވާ މިޑްލްއީސްޓް އައި އިއްޔެ (8 ނޮވެންބަރުގައި) ޝާއިޢު ކުރި ރިޕޯޓެއް ބުނެފިއެވެ. އެހެނަސް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ކެމްބޯޑިޔާގެ ރަސްގެފާނަށާއި ޓެންޒާނިޔާގެ ރައީސަށް ތަހްނިޔާ ދެންނެވުމަށް އަވަސްވެެެގެންފައެވެ.
އެމެރިކާގެ 46 ވަނަ ރައީސްކަމަށް ޖޯސެފް އާރ. ބައިޑްން ( ޖޫނިއަރ) އިންތިޚާބު ކުރެވުނު ޚަބަރު ޚަބަރުފަތުރާ ތަފާތު ވަސީލަތްތަކުން ފެތުރުމާ ވިދިގެން ދުނިޔޭގެ ޤައުމުތަކުން އޭނާއަށް ތަހްނިޔާއާއި މުބާރަކްބާދީގެ މެސެޖްތައް އޮއްސަމުން ދިޔައެވެ. އެހެނަސް ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ރަސްމީ ޓްވިޓަރު ޞަފްޙާގައި ޝާއިޢު ކުރީ ކެމްބޯޑިޔާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނަށް ފޮނުވި ތަހްނިޔާއަކާއި ޓެންޒާނިޔާގެ ރައީސް އަލުން އިންތިޚާބު ކުރެވުމުން އޭނާއަށް ފޮނުވި ތަހްނިޔާއެކެވެ.
ބައިޑްނަށް ތަހްނިޔާ ދެންނެވުމުގައި ފަސްޖެހުމަށް ފަހު ސަޢޫދީ ޢަރަބިއްޔާއިން އޭނާއާ ތަހުނިޔާ ދަންނަވާފައި ވަނީ ރޭގެ ވަގުތެއްގައެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީގެ ރަސްވީ ވެބްސައިޓުގައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާ، ވަލިއްޔު ޢަހްދު މުޙައްމަދު ބިން ސަލްމާން ޖޯ ބައިޑަންއަށް ތަހުނިޔާ ފޮނުއްވި ކަމުގެ ޚަބަރު ޝާއިޢުކޮށްފައި ވަނީ ރޭ ސަޢޫދީ ގަޑިން 10:30 ވީ ފަހުންނެވެ،
ބީރަށްޓެހި ހަނުހުރުމެއް
މީހުން ފާހަގަކުރާ ގޮތުގައި އެކުވެރި ޢަރަބި އިމާރާތާއި ، ޤަޠަރާއި، ކުވައިތާއި، ޢުމާނާއި، ބަޙްރައިނާއި، މިޞްރާއި ، އުރްދުނާއި، ލުބްނާނާއި ، ޢިރާޤުފަދަ މެދުއިރުމަތީގެ ޤައުމުތަކާއި ގަލްފްގެ ޤައުމުތަކުން ބައިޑްނަށް ތަހްނިޔާގެ ޓްވީޓްތައް ޕޯސްޓުކޮށްފައި ވެއެވެ. މިކަމާ ގުޅިގެން ސީއެންއެނުން ސަޢޫދީ ސަރުކާރުގެ ބަހެއް ލިބޭތޯ މަސައްކަތްކޮށްފައިވާ ކަމަށް އެ ޗެނެލުން ބުންޏެވެ. އެހެނަސް ސަޢޫދީ ސަރުކާރުން ވަކި އެއްޗެއް ނުބުނެއެވެ.
ސަޢޫދީ ވަލިއްޔު ޢަހްދު މުޙައްމަދު ބިން ސަލްމާނާ ރައީސް ޓްރަމްޕާ ދެމެދުގައިވާ ބަދަހި ގުޅުމުގެ ސަބަބުން އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ސަޢޫދިޔާއާ ދެކޮޅަށް އުފުލެމުންދިޔަ އަޑުތައް ވަނީ ހިންދައިލެވިފައެވެ. ސަޢޫދީ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚަޝުޤްޖީ އަވަހާރަކޮށްލެވުނު މަސްއަލައާ މެދު އުފެދިފައިވާ ސުވާލުތަކަށް ވަނީ ޖަވާބު ނުލިބިފައެވެ. ޔަމަނުގެ ހަނގުރާމައާ ދެކޮޅަށް ކިޔޭ ފާޑުކިޔުންތައް ވަނީ ނީވިފައެވެ. މިފަދަ މަސްއަލަތަކަކީ ބައިޑްނާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި އޮތް ނާޒުކު ޙައްސާސު މަސްއަލަތަކެއް ކަމަށް ބާހިސުން ވިދާޅުވެއެވެ.
ގުޅުންތައް އަލުން އަގު ކުރެވޭނެ
ބައިޑްން އޭނާގެ އިންތިޚާބީ ޙަމަލާތަކުގެތެރޭގައި ހާމަކުރައްވާފައިވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާއާ އެމެރިކާއާ ދެމެދުގައިވާ ގުޅުންތައް އަލުން އަގުކޮށް ބެލޭނެއެވެ. އެމެރިކާއިން ޔަމަނު ހަނގުރާމައަށް ދޭ ވާގިވެރިކަން ހުއްޓައިލުމަށް ބައިޑްން ގޮވައިލެއްވިއެވެ. ޚަޝުޤްޖީގެ މަރުގެ މަސްއަލައާ ބެހޭގޮތުން އިސްތަންބޯލުގައި ހުންނަ ސަޢޫދީ ކޮންސްލޭޓާ ސުވާލުކުރެވެން ޖެހޭނެކަމަށް ބައިޑްން ވިދާޅުވިއެވެ. ސަޢޫދީ ބޭފުޅަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ " ކޮވިޑް- 19 އަށް ވުރެ ބައިޑްން- 20 މާ ނުބައި ވާނެކަމަށް ފެނެއެވެ."
ސަޢޫދީ ޢަރަބިއްޔާގެ ސިޔާސީ މަޞްދަރުތައް ދެކޭގޮތުގައި ސަޢޫދީ އެމެރިކާ ގުޅުމަކީ މާ ތާރީޚީ ގުޅުމެކެވެ. ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދުގައި ދެބަސްވުންތަކެއް ހިނގާފާނެކަމުގެ ބިރެއް ނެތެވެ. ނަމަވެސް ޢުކާޡު ދުވަހު ނޫސް ބުނާގޮތުގައި "ސަރަޙައްދު އޮތީ އިންތިޒާރުގައެވެ.. ބައިޑްން ވައިޓްހައުސްއަށް ވަޑައިގަތުމުން ވެދާނެ ކަންތައްތަކަށް ދަނީ ތައްޔާރުވަމުންނެވެ."
އީރާނުގެ މަސްއަލަ
ސަޢޫދީ ޢަރަބިއްޔާއަކީ އީރާނާ ދެކޮޅަށް ފިއްތުންތައް ފިއްތުމަށް އެންމެ ބޮޑަށް ގޮވައިލާ ގަލްފްގެ ސަރުކާރެވެ. ޓްރަމްޕް ޤަބޫލު ކުރައްވާ ގޮތުގައި ގަލްފް ސަރަޙައްދުގައި ސަޢޫދީ ސަރުކާރާ އެންމެ ހަތުރުވެރި ޤައުމަކީ އީރާނެވެ. އީރާނާ ދެކޮޅަށް ޓްރަމްޕް ހަރުކަށި ފިޔަވަޅުތައް އަޅުއްވަމުން ގެންދެވީ މި ދުޝްމަނު މައިތިރި ކުރެއްވުމަށް ޓަކައެވެ. އަނެއްކޮޅުން ބަލާއިރު ބައިޑްން ވިދާޅުވާ ގޮތުގައި 2015ގެ ނިޔުކްލިއަރ އެއްބަސްވުމަށް އެމެރިކާ އަނބުރާ ދާން ޖެހޭނެއެވެ. މި އެއްބަސްވުން ހެދުނީ އޮބާމާގެ ރައީސްކަމުގައި ބައިޑްން ނާއިބު ރައީސަކަށް ހުންނަވަނިކޮށްނެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސިޔާސީ މަސްދަރެއް ބުނާގޮތުގައި ކޮންމެ ރައީސަކާއެކުގައި މުޢާމަލާތު ކުރުމުގެ ޤާބިލުކަން ރިޔާޟުގެ ކިބައިގައި އެބަ ހުއްޓެވެ. އެމެރިކާއަކީ މުއްސަސާތަކުގެ ދައުލަތެކެވެ. މުއައްސަސާތަކާއެކު މުޢާމަލާތު ކުރަން އުނދަގުލެއް ނުވާނެއެވެ. ރިޔާސަތު ބަދަލު ވިޔަސް ދެ ޤައުމުގެ ދެމެދުގައިވާ އިސްތިރާތީޖީ ގުޅުމަށް ބަދަލެއް ނާންނާނެއެވެ.