ރާއްޖޭގެ ކޯވިޑް ކޭސްތައް މަދުވަމުން ދިޔަވަރަށް ދިވެހި މީޑިއާ ތަކުން ކޮވިޑްގެ ކަވަރޭޖަށް ދޭ ސަމާލުކަން ކުޑަވަމުންދާކަމަށް ހެލްތް އިމަރެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ޑޮކްޓަރ ނަޒްލާ މިހެން ވިދާޅުވެފައި ވަނީ ކޯވިޑާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ރޭބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެންމެ މީޑިއާއަކުން ބައިވެރިވުމުންނެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ހަމަ އެކަނި ރާއްޖޭގެ ޓީވީގެ ނޫސްވެރިއެކެވެ.
ޑޮކްޓަރ ނަޒްލާ ވިދާޅުވީ ކޮވިޑްގެ ޢަދަދު ދަށް ވިކަމުގައިވިއަސް އެ ސެންޓަރުން ގެނެސްދޭ މަޢުލޫމާތަކީ އާއްމު ރައްޔިތުންނަށް އެނގެންޖެހޭ މުހިންމު މަޢުލޫމާތުތަކެއް ކަމަށެވެ. ކޮވިޑާ ގުޅޭ މަޢުލޫމާތު އާއްމުރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ކުރިން މީޑީއާތަކުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިފައިވާކަން ވެސް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ކޮވިޑްގެ ޢަދަދުތައް ދަށްވަމުން ދިއުމުން އާއްމު ރައްޔިތުންގެ ޙަރަކާތައްވެސް އުޞޫލުތަކާ ޚިލާފަށް ހުރިކަން ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. ގްރޫޕް ކުޅިވަރުތައް ކުޅުމާއި މައިޒާން ތަކަށް ދިއުމާއި މޫދަށް ދިއުން ފަދަ ޙަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެރުވެގެން ގޮސްފައިވާކަންވެސް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ޙަރާކާތްތަކުގައި މާސްކް އެޅުމެއް ނެތި އުޅެމުންދާތަން ފެންނަކަން ވެސް ފާހަގަ ކުރެއްވިއެވެ.
ގައިޑް ލައިންގައިވާ ގޮތުން އަދިވެސް އެއްފަހަރާ އެންމެ ގިނައިން އެއްވެ އުޅެވޭނީ ފަސް މީހުންނަށް ކަން ޑޮކްޓަރ ނަޒްލާ ހަނދާންކޮށްދެއްވިއެވެ. ކަސްރަތު ވިޔަސް ކުޅިވަރު ވިއަސް އެއަށް ވުރެ ގިނައިން މީހުން އެކުވެގެން ޙަރަކާތްތައް ކުރިއަށް ނުގެން ދެވޭނެކަން ހަނދާން ކޮށްދެއްވިއެވެ. އަދި ޓީމް ކުޅިވަރުތަައްވެސް ހުއްދަ ނޫންކަން ހަނދާންކޮށްދެއްވިއެވެ.
ކޭސްތައް މަދުވިއަސް އުޞޫލަށް ބަދަލުތައް ނުގެންނަވަނީ ލުއިތައް ދެއްވުމަށް ބައްލަވަންޖެހޭ އެހެން ކަންކަމަށްވެސް ބައްލަވައިގެން މަޑުމަޑުން ބަދަލު ގެންނަން ޖެހޭތީކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހާއަވަސް އަވަހަށް ބަދަލު ގެންނަނަމަ ކުރިއެކޭ އެއްގޮޮތަށް ކޭސްތައް އިތުރުވެގެން ދިއުމުގެ ފުރުޞަތު އޮންނާނެކަން ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ރާއްޖޭގެ ތަޖްރިބާއިން ވެސް އެބަ އެނގޭ ، އިތުރަށް ކޭސްތައް އިތުރުވެދާނެކަން މިކަންކަމަށް (އުޞޫލުތަކަށް) ސަމާލުކަން ނުދެވިއްޖިއްޔާ. މިކަހަލަ ޙާލަތަކަށް ނުގޮސް އަޅުގަނޑުމެނަށް ސަލާމަތްވެވޭނީ މިހާރުވެސް މާސްކު އެޅުމާއި ގިނަ މީހުން އެއްވާ ކަހަލަ ޙަރަކާތްތައް މިވަގުތު މަދުކޮށްލައިގެން. އަދިވެސް ފުދޭ ވަރަކަށް ދުވަސް އެބަ އޮތްކަންނޭގެ، މިބައްޔާއެއްކޮށް އުޅެންޖެހޭ. ވެކްސިނެއް އައިސް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށްފަހު ނޫނީ، މިބަލިން ސަލާމާތްވެވޭނެކަމަށް އަޅުގަނޑުމެން ބަލައިގެން ނުވާނެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.