ދެ ޙަރަމްފުޅަށް ފަހު އެންމެ ބޮޑު މިސްކިތް އަލްޖީރިޔާގައި ހުޅުވައިފި

މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީއަށް ފަހު ދުނިޔޭގެ އެންެމެ ބޮޑު މިސްކިތް އަލްޖީރިޔާ (އަލްޖަޒާއިރު) ގެ ވެރިރަށް އަލްޖިއާސް (އަލްޖަޒާއިރު) ގައި ރޭ ހުޅުވައިފިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދާ ދިމާކޮށް އަލްޖީރިޔާގެ ބޮޑުވަޒީރު ޢަބްދުލް ޢަޒީރު ޖަރާދު ހުޅުއްވައިދެއްވި 'ދަ ގްރޭޓް މޮސްކް އޮފް އަލްޖިއާސް' (ޖާމިޢުލް ޖަޒާއިރު އަލްއަޢުޘަމު) ގައި އެއް ފަހަރާ 1 ލައްކަ 20 ހާސް މީހުންނަށް ނަމާދުކުރެވެއެެވެ.

2011 ވަނަ އަހަރު އޭރުގެ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާ ބިންގާ އަޅުއްވައިދެއްވި މި މިސްކިތް އިމާރާތް ކުރުމަށް 1.06 ބިލިއަަން އެމެރިކާ ޑޮރަލު ޚަރަދުވެފައި ވެއެވެ.  މިސްކިތުގައި އަޅާފައިވާ ދޫލައަކީ އީރާނުން ހަދިޔާކުރި އެއްޗެކެވެ.

"އަލްޖިއާސް މިސްކިތް ބިނާކުރުމުން ހަގީގަތުގައިވެސް ދައްކައިދެނީ މިސްކިތްތަކާއި، ޤުރްއާން ކިޔަވައިދޭ މަދަރުސާތައް ބިނާކުރުމަށް އަލްޖީރިޔާގެ ރައްޔިތުންނާއި ސަރުކާރުން ދޭ އަހައްމިއްޔަތު. މިއީ (އަލްޖީރިޔާ) މިނިވަންވީއްސުރެ މެދުނުކެނޑި ކުރިއަށްދާ މަސައްކަތެއް." މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލްޖީރިޔާގެ މިނިސްޓަރ އޮފް ރެލިޖަސް އެފެއާޒް އެންޑް އެންޑޯމެންޓްސް ޔޫސުުފު ބަލްމަހްދީ ވިދާޅުވިއެވެ.

އަލްޖިއާސްގެ އަލްމުޙައްމަދިއްޔާ އަވަށުގައި މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައި 4 ލައްކަ އަކަމީޓަރުގެ ސަރަަހައްދެެއްގައި ބިނާކޮށްފައިވާ މި މިސްކިތް ޑިޒައިންކޮށްފައި ވަނީ އަންދަލުސްގެ އިމާރާތްކުރުުމުގެ ފަންނާއި މިޒަމާނުގެ އިމާރާތްކުރުމުގެ ފަންނު ގުޅުވައިގެން ތައްޔާރުކޮށްފައިވާ ޑިޒައިނަކަށެވެ. މިސްކިތް ޑިޒައިން ކުރީ ޖަރުމަނުގެ ކޭއެސްޕީ ޖާގެން އެންޖެލް އާކިޓެކްޓެން ކުންފުނިންނެވެ. އިމާރާތްކުރީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެވެ.

"ދުނިޔޭގެ ޒައީމުންނާއި، މުފައްކިރުންނާއި، އަދީބުން ވަނީ މުޙައްމަދު صلى الله عليه وسلم އަކީ އިންސާނިއްޔަތުގެ ރަސޫލާ ކަމަށް ހެކިވެފައި. އެހެންކަމުން އެކަލޭގެފާނުގެ ސުންނަތާއި ހިދާޔަތު ދިފާއުކުރަން ވަނީ ރުޅިވެރިކަމާ ދުރުހެލިވެ ތިބެ."  ރޭގެ ޙަފްްލާގައި ވަޒީރު ބަލްމަހްދީ ވިދާޅުވިއެވެ.

ޤުރްއާން ކިޔަވައިދޭ މަދަރުސާއަކާއި، ތިން ހޯލާއި، ބޮޑު ލައިބްރަރީއަކާއި، މިއުޒިއަމާއެކު ބިނާކޮށްފައިވާ ދަ ގްރޭޓް މޮސްކް އޮފް އަލްޖިޔާސްގެ މުންނާރަކީ 267 މީޓަރު (876 ފޫޓު) އުސް މުންނާރެކެެވެ. އެހެންކަމުން މި މުންނާރަކީ މިވަގުތު ދުނިޔޭގައި ހުރި އެންެމެ އުސް މުންނާރެވެ. އަދި އެފްރިކާގައި ހުރި އެންމެ އުސް ބިނާއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.