ރާއްޖެ އަށް ވަންނަ ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބެނީ ގާތްގަނޑަކަށް 20 އިންސައްތަ: އެމްއެމްއޭ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެއަށް ވަންނަ ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބެނީ 20 އިންސައްތަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރ އަޙްމަދު ޢިމާދު ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރުގެ 80 އިންސައްތަ ހުންނަނީ އެޑޮލަރުގެ ވިޔަފާރީ މުޢާމަލާތްކުރާ ނުވަތަ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުގައި ކަމަށެވެ. ޑެޕިއުޓީ ގަވަރުނަރ ޢިމާދު ވިދާޅުވީ މިޙާލަތު ބަދަލުވާން ޖެހޭކަމަށެވެ.

މިހާރު ދައުލަތަށް ވަންނަ ޑޮލަރަކީ މީރާގެ ޓެކްސްގެ ގޮތުގައާއި އެހެން ގޮތްގޮތުން ވަންނަ ޑޮލަރުކަމަށް ގަވަރުނަރ  ޢަލީ ޙާޝިމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން 30 އިންސައްތަ އާއި 35 އިންސައްތައަކީ ބޭންކު ތެރޭގައި އުޅޭޢަދަދު ކަމަށް ވިދާޅުވިއެވެ. ބާކީ ބަޔަކީ ރާއްޖެއަށް އެތެރެވިކަން ނޭނގި ބޭރުވެގެންދާ ބައިކަމަށް ގަވަރުނަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެކަމަކީ ހައްލެއް ހޯދަން ޖެހިފައިވާ ކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.

ޑޮލަރަށް އޮންނަ ޑިމާންޑު  ކުޑަކުރުމަށް ދިވެހި ރުފިޔާ އެހެން ގައުމުތަކުގައި ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް ގަވަރުނަރ ވިދާޅުވިއެވެ. އެފަދަ އިންތިޒާމެއް ހަމަޖެއްސެން އޮތީވެސް ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ދެ ޤައުމު ކަމުގައިވާ އިންޑިޔާއާއި ޗައިނާއިންކަން ފާހަގަ ކުރެއްވިއެވެ. ޑެޕިއުޓީ ގަވަރުނަރ ޢިމާދުވެސް ވިދާޅުވީ މިނިޒާމަކީ ބައެއް ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ނިޒާމެއް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރިއަށް ގެންދެވޭނީ އެވަރުގެ ފިޔަފާރީގެ މުއާމަލާތްތައް ހިންގޭ ގއުމުތަކާ ދެމެދުގައި ކަމަށެވެ. 

ރާއްޖޭގައި ދިމާވާ ޑޮލަރު މައްސަލަ ހައްލުކުރުމަށް ގާނޫނަށް ބޮޑެތި އިސްލާހު ތަކެއް ގެންނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ގަވަރުނަރ ޢަލީ ހާޝިމާއި ޑެޕިއުޓީ ގަވަރުނަރ ޢިމާދު ވެސް ވިދާޅުވިއެވެ. ގަވަރުނަރ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރާވައިފައިވާ އޮނިގަނޑު ރަނގަޅު ނޫންކަން އެނގިގެން ދަނީ ވެސް އިގްތިސާދަށް މިފަދަ ލޮޅުންތައް އެރުމުން ކަމަށެވެ. ރާއްޖެއަށް ވަންނަ ޑޮލަރުގެ މެޖޯރިޓީ އެމްއެމްއޭގެ ތެރެއިން ވަންނަ ކަމަށް ވާނަމަވެސް އިމްޕޯޓާ އެއްވަރަށް ޑޮލަރ ކޭޓަރ ކުރެވޭނެކަމަށް ގަވަރުނަރ ފާހަގަކުރެއްވިއެވެ.

ކަސްޓްމްސްގެ 2019 ވަނަ އަހަރު ތަފާސް ހިސާބުތަކަށް ބަލާއިރު އެވްރެޖްކޮށް މަހެއްގެ މައްޗަށް 250 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރެވޭކަމަށް ޑެޕިއުޓީ ގަވަރުނަރ ފާހަގަ ކުރެއްވިއެވެ. އަހަރަކަށް ބަލާނަމަ މުދާ އެތެރެކުރުމަށް އެވްރެޖްކޮށް 2.7 ބިލިއަން ޑޮލަރު ބޭނުންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.