އަންނަ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ ރައީސު ޑޮނާލްޑް ޓްރަމްޕްއާއި، ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ނާއިބު ރައީސު ޖޯ ބައިޑަންގެ މެދުގައި ބޭއްވި ދެވަނަ އަދި އެންމެ ފަހުގެ ބަހުސް ނިމިއްޖެއެވެ.
ރިޔާސީ އިންތިޚާބަށް 12 ދުވަހަށް ވެފައި ވަނިކޮށް، ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކޮރަޕްޝަނާއި، މަގާމު ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރެއްވުމުގެ ތެހުމަތުކުރައްވައި، ޒާތީގޮތުން ދިމާކުރެއްވި މި ބަހުސްގައި އެއްވެސް ބޭފުޅަކަށް އަނެއް ބޭފުޅާގެ މައްޗަށް ފައިސަލާކުރަނިވި ކާމިޔާބީއެއް ހޯއްދެވިފައި ނުވެއެވެ. އެނެއް ބޭފުޅާ ބަލިކޮށްލެއްވޭ ވަރުގެ 'ހަމަލާއެއް ދެއްވިފައި ނުވެއެވެ.
މި ފަހަރުގެ ބަހުސު އެންމެ ބޯޑަށް ފާހަގަވީ، ކުރީ ބަހުސުގައި ފެނިގެން ދިޔަ ފަދަ މަގުމަތީ ޒުވާބަކަށް ނުގޮސް ތަހުޒީބީ ގޮތަކަށް ބަހުސު ކުރިއަށް ދިއުމެވެ. ފުރަތަމަ ބަހުސުގައި ރައީސު ޓްރަމްޕް ގިނަ ވަގުތު ހޭދަކުރެއްވީ އޭނާގެ ވާދަވެރިޔާ ބައިޑަންއާ ދިމާކުރެއްވައި، އޭނާގެ ވާހަކައަށް ހުރަސްއެޅުއްވުމުގައެވެ.
ރައީސު ޓްރަމްޕް އޭނާގެ ވާދަވެރިޔާއަށް ދެއްވި އެންމެ ވަރުގަދަ ހަމަލާއަކީ ރައީސު ބަރަކް އޮބާމާގެ ދައުރުގައި ޖޯ ބައިޑަން ނާއިބު ރައީސަކަށް ހުންނެވި އިރު އޭނާގެ ދަރިކަލުން، ބައްޕާފުޅުގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ޗައިނާއާއި ޔުކްރޭންގައި ގާނޫނާ ޚިލާފު ވިޔަފާރީގެ މުއާމަލާތްތައް ހިންގަވާފައިވާ ކަމަށް ވިދާޅުވެ ދެއްވި ހަމަލާއެވެ.
"އަހަރެން ގަބޫލުކުރައްވާގޮތުގައި އެމެރިކާގެ ރައްޔިތުންނަށް މިކަމުގެ ހަގީގަތް ބަޔާންކޮށްދެއްވަން ޖެހޭނެ" ބައިޑަންއާ މުޚާޠަބުކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ.
ރައީސު ޓްރަމްޕްއަށް ރައްދުދެއްވަމުން ބައިޑަން ވިދާޅުވީ އޭނާގެ އާއިލާއިން ޗައިނާއާއި ޔުކްރޭންގައި ގާނޫނާ ޚިލާފު އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމުގައެވެ. އަދި ހަގީގަތުގައި ޝައްކުކުރެވޭ މުއާމަލާތްތައް ހިންގަވާފައި ވަނީ ޓްރަމްޕް ކަމުގައެވެ. ޓްރަމްޕް ޗައިނާގައި ބޭންކު އެކައުންޓެއް ގެންގުޅުއްވާ ކަމާއި، އޭނާގެ ޓެކްސް ބަޔާން އާއްމު ނުކުރައްވާކަން ބައިޑަން ވަނީ ފާހަގަކުރައްވާފައެވެ.
އަނެއްކޮޅުން ޖޯ ބައިޑަން އޭނާގެ ވާދަވެރިޔާއަށް އެންމެ ވަރުގަދަ ހަމަލާއެއް ދެއްވީ ކޮވިޑް- 19 އާ ކުރިމަތިލެއްވުމުގައި ރައީސު ޓްރަމްޕް ފޭލްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެއެވެ.
"ދެލައްކަ ވިހިހާސް އެމެރިކާ ރައްޔިތު މަރުވެއްޖެ. އަހަރެންގެ އެހެން އެއްވެސް ވާހަކައެއް އަޑު ނޭއްސެވިޔަސް. މިވާހަކަ އަޑުއައްސަވާ." އެމެރިކާގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ބައިޑަން ވިދާޅުވިއެވެ.
މި ބަހުސު ނިމިގެން ދިޔައިރު، ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ބަހުސުގެ މޮޑަރޭޓަރު އެންބީސީގެ ކްރިސްޓެން ވެލްކާ ބަހުސް ކުރިއަށް ގެންދެވި ގޮތް ފުރިހަމަ ކަމެވެ. އޭނާ ސުވާލުކުރީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ. މުޅި ބަހުސުގައި އޭނާ އިނީ ވަރަށް ހަމަޖެހިގެންނެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް އޭނާގެ މަތިން އަރައި ވާހަކަދެއްކެވުމުގެ ފުރުސަތު ނުދެއެވެ.
އިންތިޚާބަށް ވަގުތު ކުޑަތަން ވެފައިވާއިރު، ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ޖޯ ބައިޑަން އެވެ. އޭނާއަށް %53 ތާއީދުކުރާއިރު، ރައީސު ޓްރަމްޕްއަށް ތާއީދުކުރަނީ %41 އެވެ.