އަފްޣާނިސްތާނުގެ މިސްކިތަކަށް ދިން ވައިގެ ހަމަލާއެއްގައި 11 ކުޑަކުދިން މަރުވެއްޖެ

އަފްޣާން ސިފައިންގެ މީހަކު ބަގްރާމް ޕްރޮވިންސުގެ ޗެކްޕޮއިންޓެއްގައި ފޯރިމަރަނީ

އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ތަޚާރް ޕްރޮވިންސު މިސްކިތަކަށް އަސްކަރީ މަތިންދާބޯޓުން ބޮން އެޅުމުގެ ސަބަބުން 12 ކުޑަކުދިންނާއި މިސްކިތުގެ އިމާމު މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މިހަމަލާ ދީފައިވަނީ އެ ޕްރޮވިންސުގެ ބަހާރަކް ޑިސްޓްރިކްޓްގެ މިސްކިތަކަށެވެ. އެއީ އެ ސަރަހައްދުގައި އަންގާރަ ދުވަހުގެރޭ ދަންވަރު ޠާލިބާން ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ސާޅީހަކަށް މީހުން މަރާލާފައި ވަނިކޮށެވެ. މަރުވި މީހުންގެ ތެރޭގައި ތަޚާރުގެ ފުލުހުންގެ ވެރިޔާގެ ނާއިބު ރާޒް މުޙައްމަދު ދޫރާންދިޝް ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ޕްރޮވިންސުގެ ކައުންސިލް މެންބަރެއް ކަމުގައިވާ މުޙައްމަދު އަޢުޒަމް އަފްޒަލީ މައުލޫމާތުދެއްވި ގޮތުގައި މަތިންދާބޯޓުން އައިސް މިސްކިތަށް ބޮންއެޅީ ފަތިހުގެ ހަމަލާގައި ބައިވެރިވި ހަނގުރާމަވެރިން މިސްކިތުގައި ފިލާތިބި ކަމަށް ޚަބަރު ލިބިގެންނެވެ. އެހެންނަމަވެސް، އަފްޒަލީ ވިދާޅުވި ގޮތުގައި ހަނގުރާމަވެރިން އޭރު މިސްކިތް ދޫކޮށް ހިނގައްޖެއެވެ.

އަފްޣާނިސްތާނުގެ ޓޯލޯ ނިއުސް އެޖެންސީން ބުނި ގޮތުގައި ހަމަލާދިން މިސްކިތަކީ ދީނީ މަދަރުސާއެއް ހިންގާ މިސްކިތެކެވެ. މަރުވެފައި ވަނީ އެތަނުގައި ކިޔަވަން ތިބި ދަރިވަރުންނެވެ.

"ވައިގެ ހަމަލާދީފައި ވަނީ ދަރިވަރުން ޤުރްއާން ކިޔެވުމުގައި މަޝްޣޫލުވެގެން ތިއްބައި." ތަޚާރް ޕްރޮވިންސުގެ ފުލުހުންގެ ތަރުޖަމާނު ޚަލީލު އަސީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިތުރު 14 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މިސްކިތަށް ހަމަލާދިނީ ކޮން ބައެއްގެ މަތިންދާބޯޓަކުންކަން އަދި ސާފުވެފައި ނުވެއެވެ. އަފްޣާނިސްތާނު ސިފައިން ގެންގުޅެނީ ވަރަށް ތިރިން ހަމަލާދޭ ކުދި މަތިންދާބޯޓެވެ.

ވައިގެ ހަމަލާގައި މަރުވީ ކުޑަކުދިންކަން މަންޒަރު ދުށް މީހުންނާއި ތަޚާރް ޕްރޮވިންސުގެ އިސްވެރިންނާއި ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، އަފްޣާނިސްތާނުގެ ނާއިބު ރައީސު އަމްރުﷲ ޞާލިޙު ވަނީ އެކަން ދޮގުކުރައްވާފައެވެ.

"މިސްކިތަށް ދިން ހަމަލާގައި މަރުވީ ކުޑަކުދިން ކަމަށް ބުނެ ފަތުރަނި އެއްވެސް ހަގީގަތެން ޚަބަރެއް." އޭނާ ވިދާޅުވިއެވެ.

އަފްޣާން ސަރުކާރާ ޠާލިބާން ޖަމާއަތާ ދެމެދު ޤަޠަރުގެ ވެރިރަށް ދޯހާގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި އަދިވެސް ހަނގުރާމަ ދަނީ ކުރިއަށެވެ. ހަނގުރާމަވެރިން އަދި ދަނީ ހަމަލާތައް ދެމުންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ސުލްހައިގެ މަޝްވަރާތަކަށް އޮތީ އުނދަގޫ ދިގު ރާސްތާއެކެވެ.

"މަރުވީ އަހަރުމެންގެ ސަލަމަތީ ބާރުތަކުގެ މީހުންނަށް ހަމަލާދީ މަރާލި މީހުން ކަން ސާބިތުކޮށްދޭ، ދޮގުނުކުރެވޭނޭ ހެކި އެބަހުރި." ނާއިބު ރައީސުގެ ފޭސްބުކް ސަފުހާގައި ލިއުއްވާފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.