ތައިލޭންޑުގައި މުޒާހަރާތައް ވަރުގަދަވެ، ބޮޑުވަޒީރު ދޫދެއްވައިފި

ތައިލޭންޑުގައި މެދުނުކެނޑި ކުރިއަށް ދާތާ ތިން މަސް ވެފައިވާ އިދިކޮޅު މުޒާހަރާތައް ހުއްޓުވުމުގެ ބޭނުމުގައި ފާއިތުވި ހަފުތާގައި އެޅުއްވި ކުއްލި ހާލަތުގެ ފިޔަވަޅުތައް އުވާލެއްވުމަށް ބޮޑުވަޒީރު ޕްރަޔުތު ޗާން-އޮ-ޗާ ނިންމަވައިފިއެވެ. އޭނާގެ މިނިންމެވުން މިއައީ ކުއްލި ހަލާތުގެ ފިޔަވަޅުތަކާއެކު އޭނާގެ ސަރުކާރާ، ރަސްކަމާ ދެކޮޅަށް އަޑުއުފުލައި ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަވުމާ ގުޅިގެންނެވެ.

ކުއްލި ހާލަތުގެ ފިޔަވަޅުތައް އުވާލެއްވިކަން ހާމަކުރެއްވުމަށް އަސްކަރީ ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ފަހު ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގަތް ޕްރަޔުތު ރޭ ޓީވީގައި ވާހަކަފުޅުދައްކަވަމުން ގެންދެވިއިރު، މުޒާހަރާކުރާ އެތައް ހާސް ބަޔަކު ދިޔައީ އޭނާގެ އޮފީސް ދޮށަށް ޖަމާވަމުންނެވެ. އަދި ގިނަ ބަޔަކު ގޮވަމުން ދިޔައީ އެ ފިޔަވަޅުތައް އުވާލުމުން ނުފުދޭ ކަމަށާ، އޭނާ އިސްތިއުފާދެއްވަން ޖެހޭކަމަށެވެ.

ބޮޑުވަޒީރު އޮފީހުގެ ވަށައިގެންވާ މަގުތައް ބަންދުކޮށްގެން ފުލުހުން ތިބި ނަމަވެސް ފުލުހުންގެ ހުރަސްތައް ފޫ އަޅުވާލާފައި މުޒާހާރާކުރާ މީހުން ކުރިއަށް ޖެހުނު ނަމަވެސް އެމީހުން ހުއްޓުވަން ފުލުހުން މާބޮޑު މަސައްކަތެއް ކޮށްފައި ނުވެއެވެ. ކިޔާވާކުދިން އިސްކޮށްތިބެ ކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު އިސްތިއުފާދެއްވުމަށާއި، ހައްޔަރުކޮށްފައި ތިބި އެމީހުންގެ ބައިވެރިން ދޫކޮށްލުމަށް ގޮވާލާފައެވެ. މީގެ އިތުރަށް އެމީހުން ވަނީ ގާނޫނު އަސާސީއަށް ޑިމޮކްރެޓިކް އިސްލާހުތައް ގެނައުމަށާއި، ރަސްކަމުގެ އުސޫލުތަކަށް ބަދަލުގެނައުމަށް ގޮވާލާފައެވެ.

ރޭގެ ބޮޑު މުޒާހަރާ ނިންމާލައި އެމީހުން އެނބުރި ދިޔައީ އެމީހުން އެދުނު ކަންތަކަށް އިޖާބަނުދޭނަމަ ތިން ދުވަސް ފަހުން އެނބުރި އަންނާނެ ކަމަށް ބުނެފައެވެ.

މިހާރު ކުރިއަށް ދާ މުޒާހަރާތަކަކީ ބޮޑުވަޒީރު ޕްރަޔުތުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އަދި މިފަހަރުގެ މުޒާހަރާތައް ވެފައި ވަނީ ތައިލެންޑުގެ ރަސްކަމާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާތަކަކަށެވެ. މިއީ ތައިލޭންޑުގައި އާއްމު ކަމެއް ނޫނެވެ. ރަސްގެފާނާ ނުވަތަ ޝާހީ އާއިލާއާ ދެކޮޅަށް ވާހަކަދެއްކުމަކީ 15 އަހަރު ޖަލު ހުކުމެއް އަންނަ ކުށަކަށް ވާތީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.