މިސަރުކާރުން އެއްޓަނަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި: ހޯމްމިނިސްޓަރ

މިސަރުކާރުން އެއްޓަނަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފައިވާއިރު އޭގެތެރެއިން ބޮޑު ބަޔަކީ މިސަރުކާރު، އައިފަހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވަޒީރާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓރ ޢިމްރާން ވަނީ ޑްރަޤް މައްސަލަ ޙައްލުކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހިސާބަށް ހޯދައި ނައްތާ ލެވިފައި އޮތީ 32 ކިލޯގެ މަސްތުވާތަކެތި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިސަރުކާރުން އައި ފަހުން އެއްޓަނާ އެއްސަތޭކަ ހަ ކީލޯގެ މަސްތުވާތަކެތި ނައްތާ ލައިފިން. މީގެ ތެރެއިން ގިނަ މަސްތުވާތަކެއްޗަކީ މިސަރުކާރުން ހޯދައިފައިވާ ތަކެތި. އެނގިވަޑައިގަންނަވާނެ، މަސްތުވާތަކެތީގެ ނެޓްވާރކްތައް ހޯދައި އަދި އެމީހުންގެ ބޮޑެތި ޝިޕްމަންޓްތައް ފުލުހުން ވަނީ އަތުލައިގެންފައި. ފުލުހުނަށް އަޅުގަނޑުމެންދޭ އިންސްޓްރަކްޝަނާއި ދޭ އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ އެހީތެރިކަމާއެކުގައި، މަސައްކަތްތައް އިތުރަށް ހަރުދަނާވެ މަސްތުވާތަކެއްޗަށް، ޙައްލެއްގެނައުމަށްޓަކައި ކުރާ މަސައްކަތްތައް ހަރުދަނާވެގެންދާކަމަށް އަޅުގަނޑު ޤަބޫލުކުރަން. ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. 

މިނިސްޓަރ ޢިމްރާން ވިދާޅުވީ ނެޝަނަލް ޑްރަޤް ކޮންޓްރޯލް ސްޓްރެޖޯއެއް ހެދުމަށް ބޮޑުސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. މީގެ އިތުރުން އެންޑިސީސީގެ އިސްނެގުމުގެ ދަށުން ޚާއްޞަ ޕްލޭނެއް އެކުލަވާލައި އެޕްލޭން ރައީސް ޞާލިޙަށް ހުށަހެޅިފައިވާކަމަށެވެ. ބައެއް ބަދަލުތައް ގެންނެވުމަށްފަހު އެޕްލޭން އެޕްރޫވްކޮށްދެއްވާނެކަމުގެ ޚަބަރު ރައީސް ދެއްވައިފައިވާކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.  

"މިހުރިހާ މަސައްކަތެއް ގުޅިލާމެހިގެންދާއިރުގައި ރާއްޖޭގެ މަސްތުވާތަކެތީގެ ޙާލަތަށް ބަދަލެއް އަންނާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން އަދި ޔަޤީންކުރަމޭ ވެސް ބުނެވިދާނެ." މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. 

ނަމަވެސް މަސްތުވާތަކެތީގެ މައްސަލައަކީ ޙައްލުކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރި ދަތިތައް ހުރި މައްސަލައެއްކަން ވެސް މިނިސްޓަރ ޢިމްރާން ފާހަގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.