
ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މައްސަލައިގައި ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދު ފުއްދަވައިފި ކަމަށް ޙޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ވިދާޅުވީ "ޤާނޫނުތަކުގެ މަފްޙޫމާއި އިންސާނިއްޔަތުކަމަށް ރިޢާޔަތްކޮށް، އަޙްމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ގެންދިއުމަށް ފަހު އަނބުރާ ގެނެސް ތަންފީޒު ކުރަންޖެހޭ ޙުކުމް ތަންފީޒުކުރާނެ ކަމަށް" ރައްޔިތުންނަށް ޔަގީންކަން ދެއްވި ކަމަށެވެ. އަދި ވެ ވަޑައިގެންނެވި ވަޢުދު ފުއްދަވައިފި ކަަމަށެވެ.
ބޭސްފަރުވާ އަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުއްވީ ޖޫން މަހުގެ މެދުތެރޭގައެވެ. އަދީބުގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންނާއި ކަރެކްޝަންެސްގެ ބެލުމުގެ ދަށުންނެވެ.
ބޭސްފަރުވާ އަށްފަހު އަދީބު ވަނީ މިއަދު މާލެ ވަޑައިގަންނަވާފައެވެ.
ކާމިޔާބު ކަމާއެކު އޮޕަރޭޝަން ހިންގުނީ ފުލުހުންނާއި ކަރެކްޝަންސްގެ އިސްވެރިންނާއި މުއައްޒަފުންގެ އެހީއާއެކު ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.