ހަތިޔާރުއެޅި ޖަމާއަތަކުން ކޮންގޯގެ ޖަލަކަށް ހަމަލާދީ 900 ގައިދީން މިނިވަންކޮށްފި

ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ޖަމާއަތުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) ގެ ޖަލަކަށް ވަދެ 900 ގައިދީން މިނިވަންކޮށްފިއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި އިރުމަތީ ކޮންގޯގެ ބެނީގެ ކަންގްބާޔީ ސެންޓްރަލް ޖަލުން މިނިވަންކޮށްފައިވާ ގައިދީންގެ އަދަދު 1300 އަށް އަރައެވެ.

މިއަދު ފަތިހު 4:30 ހާއިރު (ރާއްޖޭ ގަޑިން ހެނދުނު 7:30 ހާއިރު) ޖަލަށް ވަދެގަނެ ގައިދީން މިނިވަންކުރުމުން، މިހާރު އެ ޖަލުގައި ބާކީ ތިބީ އެންމެ 100 ގައިދީން ކަމަށް ވެއެވެ. ހަނގުރާމަވެރިން ވަދެ ބަޑި ޖެހުމުގެ ސަބަބުން ދެ ގައިދީއަކު މަރުވެފައި ވެއެވެ.

ކަންގްބާޔީ އަވަށުގެ މޭޔަރު މޮޑެސްޓެ ބަކްވަނަމަހާ ވިދާޅުވި ގޮތުގައި ޖަލުން ގައިދީން ސަލާމަތްކުރަން ހަމަލާދިން ޖަމާއަތުން ވަނީ ރާވައިގެން ދެ ހަމަލާ އެއް ފަހަރާ ދީފައެވެ. ޖަލަށް ވަދެގަތް ވަގުތު ޖަލުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިން ތިބޭ ކޭންޕަށްވެސް ހަމަލާދީފައެވެ.

ބެލެވޭ ގޮތުގައި މިހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އެލައިޑް ޑިފެންސް ފޯސަސް (އޭޑީއެފް) ޖަމާއަތުންނެވެ. އެއީ ޖަލުގައި ތިބި އެ ޖަމާއަތުގެ ގައިދީން މިނިވަންކުރުމަށެވެ.

އޭޑީއެފުން މިހަމަލާއާ ބެހޭގޮތުން އަދި އެއްޗެއް ބުނެފައި ނުވެއެވެ.

އޭޑީއެފްއަކީ ކޮންގޯގެ އަވަށްޓެރި ޔޫގަންޑާގެ ހުޅަނގުގައި ދިރިއުޅޭ މުސްލިމުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ޔޫގެންޑާ ސަރުކާރާ ހަނގުރާމަކުރުމަށް ހަރުކަށި އިސްލާމީ ޚިޔާލުގެ މީހުން 1996 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ. ޔޫގެންޑާއިން އެ ޖަމާއަތުގެ ހަނގުރާމަވެރިން ބޭރުކޮށްލުމުން މިހާރު އެމީހުން ހަރަކާތްތެރިވަނީ ޑީއާރް ކޮންގޯގެ އިރުމަތީ ސަރަހައްދުގައެވެ.

މޭޔަރު ބަކްވަނަމާހާ ވިދާޅުވި ގޮތުގައި ޖަލަށް ހަމަލާ ދިނުމުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ބައިވެރިވިއެވެ. އެ މީހުން ޖަލަށް ވަދެގަތީ ކަރަންޓު އާލާތްތައް ބޭނުންކޮށްގެން ޖަލުގެ ގޭޓު ހަލާކުކޮށްލައިގެންނެވެ.

ބެނީ ސަރަހައްދުގެ ރޭޑިޔޯ އޮކާޕީން ޚަބަރު ދިން ގޮތުގައި ޖަލުން ސަލާމަތްވި މީހުންގެ ތެރެއިން ފުލުހުންނަށް އަތުލެވިފައި ވަނީ އެންމެ 14 މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.